ޚަބަރު

ރާއްޖެއިން ކެމްބޯޑިއާއަށް ތަޢުލީމާއި، މަސައްކަތުގެ ދާއިރާއިން ފުރުޞަތުތަކެއް


ކެމްބޯޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ރާއްޖެއިން ކެމްބޯޑިއާއާއަށް ތަޢުލީމީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު އެކަން އިއުލާންކުރެއްވީ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ. އެމަނިކުފާނު ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއްދީފައިވާނީ ދެ ގައުމުގެ ދޭދޭ ގުޅުންތަކުގެ މައްޗަށް ކަމަށެވެ.

މި މަޝްވަރާތަކުގައި ލިބިވަޑައިގެންނެވި ކުރިއެރުންތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަތުން ފާޅުކުރައްވާ ރައީސް ވަނީ އެއްބަސްވެވުނު ލަނޑުދަނޑިތައް ޙާޞިލުކުރާނެ ގޮތްތަކާ މެދު އިތުރަށް މަޝްވަރާކުރުމަށް، ދެ ޤައުމުގެ އޮފިޝަލުންގެ މެދުގައި ވަރަށް އަވަހަށް ބައްދަލުވުންތައް ބާއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކެމްބޯޑިއާއަކީވެސް އޭޝިއާގެ ޤައުމެއްކަން ފާހަގަކުރައްވާ، ދޭދޭ ގައުމުތަކާއި ގުޅުން ބަދަހިކޮށް އެހީތެރިކަން ލިބިގެން އުޅުމުގެ މުހިންމުކަމާއި، އެކަމުންވާ ފައިދާ ދެ ގައުމަށް ވެސް އެނގޭކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރާއި އެކު ބޭއްވި މަޝްވަރާތަކުގެ ތެރޭގައި ރާއްޖެއިން އެ ގައުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ގައުމުގެ ރައްޔިތުންނަށް ތައުލީމީ ދާއިރާއިންނާއި މަސައްކަތުގެ ދާއިރާއިން ފުރުސަތުތަކެއް ދިނުމަށް ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ކެމްބޯޑިއާއަކީ ވެސް ފަތުރުވެރި ގައުމަކަށް ވެފައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތަށް އެ ގައުމުން އެދިފައިވާތީ އެ ގައުމަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރުމަށް އިންޓާންޝިޕްގެ 20 ފުރުސަތު ދެއްވަން ނިންމެވިކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރަށް ކޯސްޓްގާޑުން ހިންގާ ބޭސިކް ޑައިވް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ކެމްބޯޑިއާގެ ސިފައިންނަށާއި، އެމްއެންޔޫއިން ދެ ސްކޮލަޝިޕް ފުރުސަތުވެސް އެ ގައުމަށް ދޭން ނިންމަވާ އެކަންވެސް ރައީސް ހިއްސާކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން ކުރިއަށްއޮތްތަނުގައި ކުރިއަށްދާނެ ގޮތާއި، ބަދަހިކަން އިތުރުކުރުމަށް އެޅިގެން ދިޔަ ބިންގަލެއް ކަމަށެވެ. އެގޮތުން މި ދަތުރުފުޅުގައި 6 ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ މި ނޫންވެސް ގިނަ ކަންތައްތަކެއް ދެ ގައުމުގެ މަޝްވަރާތަކުގެ ތެރެއިން ފާހަގަވެގެން ދިޔަ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި އިގްތިޞާދީ ދާއިރާއިން ދެ ގައުމުން ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުސަތު ފަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވުނުކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ގޮވާމާއި، އެހެނިހެން ތަކެތި ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖެއިން އުފައްދާ މަސް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

"ކެމްބޯޑިއާއަކީ ގިނަ ޢަދަދަކަށް ހަނޑޫ އުފައްދާ ޤައުމެއްގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ހަނޑުލާއި ދަނޑުވެރިކަމުގެ ބާވަތްތައް، ގިނަ ޢަދަދަކަށް އެކްސްޕޯޓް ކުރާ ޤައުމެއް. އެހެންކަމުން، ކެމްބޯޑިއާގެ ހަނޑުލުގެ ބާޒާރުން ދިވެހިރާއްޖެއަށް އިތުރު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރިން. އޭގެ އިތުރުން، ޒުވާރިއާއި، މިރުހާއި، ދަނޑިއަލުއްވާއި، ކެޝޫނަޓް ފަދަ ދަނޑުވެރިކަމުގެ ބާވަތްތަކާއި، މޭވާގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. ހަމައެފަދައިން، ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ޤައުމެއްކަމުން، ފޭރާމުގެ ބާވަތްތަކާއި، ދަތުރުފަތުރާ ގުޅުންހުރި މުދަލާއި، ލަކުޑީގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރިން."


ރަސްމީ ވާހަކަތަކަށްފަހު ވާހަކަފުޅު ދައްކަވަމުން ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ރާއްޖެއިން އަދާކުރި މެހެމާންދާރިއަށް ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރަށް ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަނީ އެ ގައުމުން ރާއްޖެ އަށް ސްކޮލަޝިޕްގެ 10 ފުރުސަތު ދޭން ނިންމެވިކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރަށް ރަސްމީ މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ބޮޑުވަޒީރުވަނީ ރާއްޖެއިން އެދުނުކަންކަން ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.