ޚަބަރު

"ރާއްޖެއާއި ކެމްބޯޑިއާއި ދެމެދު ސީދާ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭ"


އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ދެ ޤައުމު ކުރިއެރުވުމަށް ރާއްޖެއާއި ކެމްބޯޑިއާއި ދެމެދު، ސިދާ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިޢާދު ޙަމީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިޢާދު މިހެން ވިދާޅުވީ، ރާއްޖެއާއި ކެމްބޯޑިއާއި ދެމެދު ވިޔަފާރީގެ ރޮނގުން ގުޅުން ބަދަހިކުރުމަށް ބޭއްވި ބިޒްނަސް ފޯރަމްގައެވެ.

"ކެމްބޯޑިއާއި-މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިޢާދު ވިދާޅުވީ، ރާއްޖެއާއި ކެމްބޯޑީއާއަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިޤްތިޞާދީ ގޮތުން ގިނަ ކުރިއެރުންތައް ހޯދާފައިވާ ދެ ޤައުމުކަމަށެވެ. އެގޮތުން، ކޯވިޑްގެ ބަލިމަޑުކަމާއެކު އިޤްތިޞާދަށް ލިބުން ހީނަރުކަމުން އަރައިގަތުމަށް ދެ ޤައުމުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވަމުން އަންނަކަމަށް އިއާދު ވަނީ ފާހަގަކުރައްވާފައެވެ.

ސްޓޭޓް މިނިސްޓަރ އިޢާދު ވިދާޅުވީ، އިޤްތިޞާދު ކުރިއަރަމުން އަންނަ މިދަނޑިވަޅުގައި ކެމްބޯޑިއާ އާއި ރާއްޖެއާއި ދެމެދު އައު ގުޅުންތަކެއް ޤާއިމުކޮށް، ޕާޓްނަރޝިޕްތައް ކުރިއަރުވައި، އިންވެސްޓްމަންޓްތައް އިތުރުކޮށް، ދެޤައުމުގެ ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.

ސްޓޭޓް މިިނިސްޓަރ މުޙައްމަދު އިޢާދު ވިދާޅުވީ، ރާއްޖެއާއި ކެންބޯޑިއާގެ އިޤްތިޞާދުގެ މައި ސިނާޢަތަކީ ފަތުރުވެރިކަންކަމަށެވެ. އެހެންކަމުން، ދެ ޤައުމުގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އިޢާދު ވަނީ ކެންބޯޑިއާގެ ޗެންބަރ އޮފް ކޮމާރސްގެ ނައިބު ރައީސްއަށް ދައުވަތު އަރުވާފައިއެވެ.

އިޢާދު ވިދާޅުވީ، ރާއްޖެއަކީ އިންޕޯޓަށް ބަރޯސާވެފައިވާ ޤައުމެއްކަމަށްވުމުން، އިންޕޯޓްކުރެވޭ މުދަލުން ނެގޭ އިންޕޯޓް ޑިއުޓީގެ ސަބަބުން، އިންވެސްޓްމަންތަކާއި ވިޔަފާރީގެ މުޢާމަލާތްތަކަށް ފުރުޞަތު އޮތްކަމަށެވެ. އަދި ދެ ޤައުމުގެ މަސްވެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށްވެސް ރާއްޖެއާއި ކެންބޯޑިއާއާއި ދެމެދު އިންވެސްޓްމަންތައް ކުރަންޖެހޭކަމަށްވެސް އިޢާދު ފާހަގަކުރެެއްވިއެވެ.

"އަޅުގަނޑަށް ޔަޤީން، މިއަދު މިފޯރަމްގައި ޤާއިމުކުރެވިގެންދާ ނެޓްވޯކްތަކުގެ ޒަރިއްޔާއިން، ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު އިޤްތިޞާދީގޮތުން މަތީ ފެންވަރުގެ ޙަރަކާތްތަކެއް ފެނިގެންދާނެ. ރާއްޖޭގައި ވިޔަފާރި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން އަބަދުވެސް ދެ ޤައުމުގެ ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ." އިއާދު ވިދާޅުވިއެވެ.

"ކެންބޯޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމް" އަކީ ރާއްޖެއާއި ކެންބޯޑިއާއި ދެމެދު ވިޔަފާރީގެ ގޮތުން ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ފޯރަމްއެކެވެ. މިފޯރަމްގައި އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުންނާއި ކެންބޯޑިއާ ޗެންބަރ އޮފް ކޮމާސްގެ އިސް މުވައްޒަފުންނާއި ކަމާބެހޭ އިދާރާތަކުން ވަނީ ބައިވެރިވެފައެވެ.

ދިވެހިރާއްޖެއާއި ކެމްބޯޑިއާއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވަނީ 21 ސެޕްޓެމްބަރު 1995 ގައެވެ. މިއަހަރު ދެޤައުމުގެ ގުޅުމަށް 28 އަހަރު ފުރޭނެއެވެ.