ޚަބަރު

މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާއި ދެކޮޅަށް 3 ރަށެއްގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އޮޕަރޭޝަން ހިންގާފައިވަނި ށ. މިލަންދޫ ، ށ.ފޯކައިދޫ އަދި ނ. ހޮޅުދޫގައެވެ.

އެގޮތުން ށ. މިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް އަދި އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފަައިވަނީ 34 އަހަރުގެ ދިވެހިި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ކަރުދާސްކޮޅު ފެނުމާ ގުޅިގެންނެވެ.

މި މަހު 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

ނ.ހޮޅުދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް އާންމުފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މީގެ އިތުރުން ށ. ފޯކައިދޫގައި ހިންގި އޮޕްރޭޝަނަކީ ފުލުހުއްނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕްރޭޝޭނަކެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން ރަށުގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާ އެކު ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.އެއީ 47 އަހަރުގެ ދިވެހި ފިރިހެނަކާއި 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެ ތެރެއިން 47 އަހަރުގެ މީހަކީ ފޯކައިދޫ ސުކޫލްގެ ޕްރައިމަރީ ޓީޗަރެކެވެ. މި ދެމީހުންގެ ބަންދަށް މިހާރުވަނީ 15 ދުވަސް ޖަހާފައެވެ.

މި 3 މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ވިދާޅުވިއެވެ.