އަބާދީ އިތުރުވެ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ރަށަކީ ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިއްޔެވެ. އެރަށުގެ ރަޖިސްޓަރވެފައިވާ އާބާދީ 3000 އިން މައްޗަށް އަރައެވެ. ގިނަ ރައްޔިތުން ތިބީ އެރަށުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އިންތިޒާރުގައެވެ.
ރަށުގައި ދިރިއުޅޭ އާބާދީ އިތުރުވެ ރައްޔިތުންގެ އެތައް ދުވަހެއްގެ ޝަކުވާއަށް ނިމުމެއް އައީ ގއ.ވިލިނގިލީގައި 50 ރޯހައުސް އެޅުމަށް ނިންމާ އެމަސައްކަތް ބަޔަކާއި ޙަވާލުކުރި ހިސާބުންނެވެ. މިމަޝްރޫޢު ޕްލޭނިންގ މިނިސްޓްރީއިން ޙަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގއ.ވިލިނގިލީ ކައުންސިލުން ވިދާޅުވީ މިމަޝްރޫޢަކީ ގިނަ ރައްޔިތުން އެކަމަކަށް އެދިއެދި ތިބި މަޝްރޫޢެއްކަމަށެވެ. އެހެންނަމަވެސް މިހާރު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 50 ރޯހައުސްއާއެކުވެސް ބޯހިޔާވަހިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އައި ނަމަވެސް އެއަށްވުރެ އިތުރު ހައުސިން ބޭނުންވާކަމަށެވެ.
ކައުންސިލުން ވިދާޅުވީ އެންމެ ފަހުން ބޯހިޔާވަހިކަމަށް އެދި ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައިވެސް 200 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާކަމަށެވެ. އެހެންކަމުން ދާއިމީ ޙަލެއް ގެނައުމަށް އިތުރު މިފަދަ މަޝްރޫޢޫތައް ވިލިނގިއްޔަށް ބޭނުންވާކަން އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ. މިހާރު ކުރިއަށްދާ މަޝްރޫޢާއި ގުޅޭގޮތުން ކައުންސިލުން ވިދާޅުވީ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރުމަށް ސައިޓު މޮބިލައިޒްކޮށްފައިވާކަމަށެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިމަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގައެވެ. ދައުލަތުގެ ބަޖެޓުން 48 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މި 50 ރޯހައުސްގެ މަސައްކަތް ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 9 މަސްދުވަހުގެ މުއްދަތެކެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން ރޯހައުސްތައް ފަރުމާކޮށްފައިވަނީ 2 ފަންގިފިލައަކަށެވެ. އަދި މިއިން ކޮންމެ ރޯހައުސްއެއްގައި 700 އަކަފޫޓު ހުންނާނެކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި މިރޯހައުސްތަކަކީ 3 ކޮޓަރީގެ ގެތަކެކެވެ. ކޮންމެ ގެއެއްގައި 3 ކޮޓަރިއާއި 3 ފާޚާނާގެ އިތުރުން ސިޓިންގ ރޫމަކާއި ބަދިގެއާއި ކާގެ ހިމެނޭބަޔަކާއި ބެލްކަންޏަކާއި ލޯންޑްރީ އޭރިއާއަކާއި ސްޓޯރޫމެއް ހުންނާނެކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ.
މި ރޯހައުސްތައް ތަރައްޤީކުރާ ސަރަޙައްދުގައި އިޖްތިމާޢީ ގުޅުން ބަދަހިކޮށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް މިމަޝްރޫޢުގެ ދަށުން ޕާކެއް ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ. ހަމައެއާއެކު ރޯހައުސްތަކުގައި ދިރިއުޅޭ މީހުންގެ ވެހިކަލްތައް ޕާކުކުރުމަށް ޕާކިންގ ޒޯނެއް ތަރައްޤީކުރުމަށްވެސް މިމަޝްރޫޢުގައިވަނީ ހިމަނާފައެވެ.