ޚަބަރު

ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓަރީ: ދަނޑުވެރިން ކުރާ ޚަރަދަށް ބޮޑު ލުޔެއް!


ރާއްޖޭގެ މުޅި އިޤްތިޞާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. ނަމަވެސް އިޤްތިޞާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮތުމަކީ އެންމެ އެކަށީގެންވާ ގޮތްނޫންކަމަށް އިޤްތިޞާދީ މާހިރުން ދެކެވަޑައިގަންނަވައެވެ. އެހެންކަމުން، އިޤްތިޞާދު ސިންދަފާތުކުރުމަށް ނުވަތަ އެހެން ދާއިރާތަކަށް ފުޅަކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސަރުކާރުން ކުރަމުންދާ އެންމެ މުހިއްމު އެއް މަސައްކަތަކީ އެކި ސިނާއަތްތައް ކުރިއެރުވުމެވެ. އެގޮތުން، ދަނޑުވެރިކަމަކީ ސަރުކާރުން ކުރިއަރުވަން މަސައްކަތް ކުރާ އެއް ދާއިރާއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މީހުން ދަނޑުވެރިކަން ކުރަމުން އަންނައިރު، ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަނޑުވެރިން ބޭނުންވާ ބައެއް ކަންކަން ރާއްޖޭގައި ފަހިވެފައި ނެތުމެވެ. އެގޮތުން، ދަނޑުވެރިން ހައްދަން ބޭނުންވާ ބާވަތްތައް ރާއްޖެއިން ބޭރުން އެތެރެ ކުރަންޖެހުމާއި، ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލްތަކުގެ ރައްކާތެރިކަން ކަށަވަރުކުރާނެ ހަރުދަނާގޮތެއް ނެތުމަކީ ކަމާބެހޭ ފަރާތްތަކާއި ދަނޑުވެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.

މިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ ރާއްޖޭގައި ދަނޑުވެރިކަމުގެ ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ޤާއިމްކުރަން ނިންމާފައިއެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މިލެބޯޓަރީ ތަރައްޤީކުރަނީ މައިގަނޑު 4 ދާއިރާއަކަށް އިސްކަންދީގެންނެވެ. އޭގެތެރޭގައި ސޮއިލް ޓެސްޓިންއާއި އާއި ޓިޝޫކަލްޗަރ ފަދަ ކަންކަން ހިމެނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ އޮފް އެގްރިކަލްޗަރަލް ޓްރެއިންގް އެންޑް އެކްސްޓެންޝަނަލް ސަރވިސް، އަލީ އާމިރު ވިދާޅުވީ ސޮއިލް ޓެސްޓިން ލެބޯޓަރީއާއި، ޓީޝޫކަލްޗަރ ލެބޯޓަރީއަކީ ރާއްޖޭގެ ދަނޑުވެރިން މިހާރު ވަރަށް ބޭނުންވެފައިވާ ޚިދުމަތެއްކަމަށެވެ.

އާމިރު ވިދާޅުވީ ރާއްޖޭ ދަނޑުވެރިން މިހާރު އެންމެ ބޮޑު ހޭދައެއް ކުރަނީ ގަސްކާނާ ޓެސްޓްކުރުމަށްކަމަށާއި، ދަނޑުތަކަށް ގެއްލުންދޭ ސޫފާސޫފިތަށް ނައްތާލަން ބޭނުންކުރާ ބޭސްތަކަށްކަމަށެވެ. އަދި މިބޭސްތައް ބެނުންކުރުމުގެ ސަބަބުން ދަންޑުވެރިން ހައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއިމެދު ސުވާލު އުފެދޭ ކަމަށް ފާހަގަކުރައްވަމުން އާމިރު ވިދާޅުވީ، ސޮއިލް ޓެސްޓިން ލެބޯޓަރީއާއިއެކު، ދަނޑުވެރިން ބޭނުންކުރާ ކެމިކަލްތައް ނުވަތަ ބޭސްތަކަކީ ރައްކާތެރި ބޭސްތަކެއްތޯ ބަލާ އެކަން ވަރަށް ރަނގަޅަށް މޮނިޓަރ ކުރެވޭނެކަމަށް އާމިރު ވިދާޅުވިއެވެ.

މީގެއިތުރުން އާމިރު ވަނީ، ޓީޝޫކަލްޗަރ ލިބޭޓަރީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ފަސޭހަތަކުގެ މައްޗަށްވެސް އަލިއަޅުއްވާލާފައެވެ.

"ޓިޝޫ ކަލްޗަރ މުހިންމުވާ އެއް ސަބަބަކީ ރާއްޖެއަކީ ވަރަށް ބޮޑަށް އިންޕޯޓަށް ބަރޯސާވާ ޤައުމެއް. ރާއްޖެއަށް ވަރަށް ގިނަ އަދަދަކަށް ތަފާތު ވައްތަރުގެ މުޑުވަކާއި ގަސްކާނާއާއި ގަހަށްޖަހާބޭހަކީ މުޅިންވެސް ރާއްޖެއިން ބޭރުން އެތެރެކުރާ ބާވަތްތައް. އެހެންކަމުން، މިފަދަ ތަކެތި އިންޕޯޓުކުރަން ބަރޯސާވަރު ކުޑަކޮށް، އެތަކެތި ސީދާ ރާއްޖެއިން ލިބޭނެ ގޮތް ފަހިކޮށްދެވޭނެ މިލެބޯޓާރީއާއިއެކު." އާމިރު ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ޤައުމީ ފެންވަރު ލެބޯޓަރީ ތަރައްޤީކުރަން ފުވުއްމުލަކުގައި ބިންގާ އެޅީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މިލެބޯޓަރީ ފުވައްމުލަކުގައި އަޅަން ނިންމީ، މިސިނާއާތުގައި މަސައްކަތްކުރާ މީހުންގެ އަދަދު އިތުރުކޮށް، މިދާއިރާއިން ތަމްރީންވެފައިވާ މީހުން ބިނާކުރުމަށްކަމަށް އާމިރު ފާހަގަކުރެއްވިއެވެ.

މިލެބޯޓަރީ ތަރައްޤީކުރަނީ 4 ދާއިރާއަކަށެވެ. އެއީ، ސޮއިލް ޓެސްޓިން އާއި، ޓީޝޫކަލްޗަރ އާއި ޕްލާންޓް ޕެތޮލަޖީގެ އިތުރުން، އެންޓަމޮލަޖީއެވެ. އެންޓަމޮލަޖީއަކީ ދަނޑުތަކަށް ގެއްލުންދޭ ތަފާތު އެކި ސޫފާސޫފިތައް ދެނެގަތުމާއި އެތަކެތި ރައްކޭތެރިގޮތުގައި ނައްތާލުމަށް ބައިލޮޖިކަލް ހަތިޔާރުތައް އުފެއްދުމުގެ މަސައްކަތްކުރުމެވެ.

މީގެއިތުރުން، ސޮއިލް ޓެސްޓިން ލެބޯޓަރީ ޤާއިމކުރުމަށް ބޭނުންވާ ސާމާނު އިެސްޓީއިން ފޯރުކޮށްދެމުންދާކަމަށް އާމިރު ފާހަގަކުރެއްވިއެވެ. މިމަސައްކަތް ކުރަމުން ދަނީ އަންޑިއާ ސަރުކާރާއި ގުޅިގެންނެވެ. އަދި މިމަހުގެ މެދުތެރޭގައި އެސާމާނުތައް ލިބޭނެކަމަށް އާމިރު ފާހަގަކުރެއްވިއެވެ. އަދި ބާކީހުރި 3 ލެބޯޓަރީއަށް ބޭނުންވާ ސާމާނު ގެނައުމަށް ކޮންޓްރެކްޓްކުރެވި އެތަކެތި ސަޕްލައިކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށް އާމިރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ފުރަތަމަށް ފަހަރަށް ޒަމާނީ ވަސީލަތްތަކާއިއެކު ޤާއިމްކުރާ ލެބޯޓަރީ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ދިވެހި ސަރުކާރާއި، ޔޫއެންޑީޕީއާއި ގުޅިގެން ޔޫއެންޑީޕީން ތަންފީޒުކުރާ ”ޕްރޮޖެކްޓް ފޯރ ޑިވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ“ މަޝްރޫއުގެ ދަށުންނެވެ.