ވިޔަފާރި

އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ


ރާއްޖެއަކީ، ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވެފައިވާ ޤައުމަކަށްވާތީ، ރާއްޖެއަށް މުދާ އެތެރެކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބޮޑު ހޭދައެއް ކުރެއެވެ. މީގެތެރެއިންވެސް ކާބޯތަކެތީގެ ބާވަތްތައް، އެތެރެކުރުމަށް ބޮޑު ހޭދައެއް ކުރާކަން ފާހަގަކޮށްލެވެއެވެ.  ރާއްޖެއަކީ، ޤުދުރަތީ ވަސީލަތްތައް މަދު ޤައުމަކަށްވާތީ، ރާއްޖެ ވެފައިވަނީ އިމްޕޯޓް ކުރާ މުދަލަށް ނުވަތަ ބޭރުން ރާއްޖެ އެތެރެކުރާ މުދަލަށް ބަރޯސާވެފައި އޮންނަ ޤައުމަކަށެވެ. މިކަމާ ގުޅިގެން ރާއްޖޭގައި ބޭނުންކުރާ ގިނަ ބާވަތްތައް އެތެރެ ކުރަން ޖެހެނީ ވެސް ބޭރު ގައުމުތަކުންނެވެ. މަހުން މަހަށް ބަލާއިރު ވެސް ރާއްޖެއަށް އެތެރެކުރާ މުދަލުގެ ނިސްބަތް އިތުރުވެއެވެ. އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީވެސް ދަނީ އިތުރުވަމުންނެވެ. މިގޮތުން ފާއިތުވި ޖެނުއަރީ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، 16% އިންސައްތަ އިތުރުވެފައެވެ. ފާއިތުވި ޖެނުއަރީ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ޖުމްލަ 182.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ، 157.6 މިލިއަން ރުފިޔާއެވެ. ފާއިތުވި ޖެނުއަރީ މަހު ކަސްޓަމްސްއަށް ލިބުނު އާމްދަނީ އިތުރުވެފައިވި ނަމަވެސް، މި މުއްދަތުގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް އަގު އަދި ރާއްޖެއިން ބޭރުކުރި މުދަލުގެ އެފްއޯބީ އަގު ވަނީ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 2.88 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު އެތެރެކުރި މުދަލުގެ ސީއައިއެފް އަގަކީ، 2.46 މިލިއަން ރުފިޔާއެވެ. މިއީ، ގާތްގަނޑަކަށް 420 މިލިއަން ރުފިޔާގެ ދަށްވުމެވެ.މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް އަގު ދަށަށް ގޮސްފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ޚިލާފަށް ދަށަށް ދިޔުމާއި، މިދިޔަ އަހަރުގެ ޖެނުއަރީ މަހު 431 މިލިއަން ރުފިޔާގެ މަތިންދާބޯޓެއް އެތެރެކޮށްފައިވުމުގެ ސަބަބުން އެ މަހު މުދާ އެތެރެކުރި މިންވަރު އަހަރު ދުވަހުގެ އެވްރެޖް މިންވަރަށްވުރެ މަތިވެފައިވާތީކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން މައުލޫމާތުދެއްވައެވެ. މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ، ކާބޯތަކެތީގެ ބާވަތްތަށް އެތެރެކުރުމަށެވެ. މިދިޔަ މަހު ރާއްޖެއަށް ކާބޯތަކެތި އެތެރެކުރުމަށް 517 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ، މެޝިނަރީގެ ބާވަތްތައް. މިބާވަތްތައް އެތެރެކުރުމަށް 441 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.  ތެލުގެ އަގަށް އަންނަމުންދާ ހެޔޮ ބަދަލާ ގުޅިގެން، ރާއްޖެއަށް ވެސް މިދިޔަމަހު ތިންވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ބާވަތަކަށް ތެލުގެ ބާވަތް ވެގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ. އެއީ، 234 މިލިއަން ރުފިޔާ ނުވަތަ ޖުމްލަ އިމްޕޯޓުގެ 10% އިންސައްތައެވެ. މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، ސިންގަޕޫރާއި ޔޫއޭއީއާއި އިންޑިޔާއާއި ޗައިނާއާއި، ސްރީލަންކާއިންނެވެ.  ރާއްޖެއިން ބޭރުކުރި މުދަލަށް ބަލާލާއިރު، މިދިޔަ ޖެނުއަރީ މަހު 276 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރު ކުރި މުދަލުގެ އެފްއޯބީ އަގަކީ، 320.1 މިލިއަން ރުފިޔާއެވެ. މިއީ، 14% ގެ ދަށް މިންވަރެއް. އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ، ތައިލެންޑާއި ސްރީލަންކާއާއި ފަރަންސޭސިވިލާއި ޖަރުމަންވިލާތުގެ އިތުރުން އެމެރިކާއަށެވެ.