ދުނިޔޭގެ ވިޔަފާރި

ބީއެމްޑަބްލިޔު އިން މެކްސިކޯގައި އިންވެސްޓް ކުރަނީ


ޖަރުމަނުވިލާތުގެ ކާރު އުފައްދާ ކުންފުނި ބީއެމްޑަބްލިއު އިން މެކްސިކޯގެ މެދުތެރޭގެ ސްޓޭޓް ސެން ލޫއިސް ޕޮޓޯސީގައި އައު ބޮޑު އިންވެސްޓްމަންޓެއް ކުރަން ރާވާފައިވާ ކަމަށް މެކްސިކޯގެ ޚާރިޖީ ވަޒީރު މާސެލޯ އެބްރަޑް ވިދާޅުވެއްޖެއެވެ.

ބީއެމްޑަބްލިޔު އިން މެކްސިކޯގައި އިންވެސްޓް ކުރަން ނިންމާފައިވާއިރު، އެ ކުންފުނީގެ ކާރުޚާނާއެއް މިހާރުވެސް މެކްސިކޯގައި ހިންގައެވެ.

މީގެ ދެ ދުވަސް ކުރިން އެބްރަޑް އާއި މެކްސިކޯގެ ރައީސް އަންދްރޭސް މެނުއަލް ލޮޕޭޒް އޮބްރަޑޯ ވަނީ ބީއެމްޑަބްލިއު އިން ސެން ލޫއިސް ޕޮޓޯސީގައި ގާތްގަނޑަކަށް 800 މިލިއަން ޔޫރޯ ނުވަތަ 866.64 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ޑިޕްލޮމެޓިކް އިވެންޓަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެބްރަޑް ވިދާޅުވީ، މެކްސިކޯގައި އިންވެސްޓްމަންޓްތައް އަވަސް ކުރުމަށް ރައީސް އެދިވަޑައިގެންފައިވާކަމަށެވެ.

"ރައީސް މިހާރު ވަނީ ވަރަށް މުހިންމު އިންވެސްޓްމަންޓެއް އިޢުލާންކޮށްފައި. އެއީ ސެން ލޫއިސް ޕޮޓޯސީގައި ބީއެމްޑަބްލިޔު އިން ކުރާ އިންވެސްޓްމަންޓެއް" އެބްރަޑް ވިދާޅުވިއެވެ.

ލެޓިން އެމެރިކާގައި 3 ކާރުޚާނާއެއް ހިންގާ ބީއެމްޑަބްލިއު އިން ބިލިއަން ޑޮލަރުގެ ސެން ލޫއިސް ޕޮޓޯސީ ސައިޓް ހުޅުވީ 2019 ވަނަ އަހަރު އެވެ. އެ ކާރުޚާނާގައި މިހާރު އުފައްދަނީ 3 ސީރީޒް، 2 ސީރީޒް ކޫޕަން އަދި އެމް2 މޮޑެލް އެވެ. މިކަމާބެހޭގޮތުން ބީއެމް ޑަބްލިޔު އިން ވަކި އެއްޗެއް އަދި ހާމައެއް ނުކުރެއެވެ.

އެބްރަޑް ވިދާޅުވީ، ލޮޕޭޒް އޮބްރަޑޯ ވަނީ އޭނާގެ ޖަރުމަނުވިލާތުގެ ކައުންޓަޕާޓާއި އެ ޤައުމުގެ އޮޓޯމޯޓިވް އިންޑަސްޓްރީއއެކު މި އިންވެސްޓްމަންޓާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. ޖަރުމަނުވިލާތުގެ ރައީސް ފްރެންކް ވޯލްޓަރ ސްޓޭއިންމައިއާ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު މެކްސިކޯއަށް ވަޑައިގެންފައެވެ.