ވިޔަފާރި

ހުޅުމާލޭގައި ރެޑްވޭވްގެ ސުޕަރމާރކެޓެއް ހުޅުވަނީ


ރެޑްވޭވް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ސުޕަރމާކެޓެއް ހުޅުވުމުގެ މަސައްކަތްދަނީ ކުރަމުންވެ. އަދި މި ސްޕަރމާކެޓް އަންނަ މާރޗް މަހުގެ މެދެއްހާ ހިސާބުގައި ހުޅުވުމައްޓަކައި އެކުންފުނިން ދަނީ މަަސައްކަތް ކުރަމުންނެވެ.ހުޅުމާލެއަކީ، ހަލުވިމިނެއްގައި އާބާދީ އިތުރުވަމުން އަންނަ ސަރަޙައްދެކެވެ. މާލޭގެ ބައެއްގެ ގޮތުގައި ހިމެނޭ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށާއި އެ ސަރަޙައްދަށް ޒިޔާރަތްކުރާ މީހުންނަށް އަމާޒުކޮށްގެން އެކިކަހަލަ ޚިދުމަތްތަކާއި ވިޔަފާރިތައް އަންނަނީ ފަށަމުނެވެ. ސަރުކާރާއި ސަރުކާރު ޙިއްޞާ އޮންނަ ކުންފުނިތަކުގެ އިތުރަށް އަމިއްލަ ކުންފުނިތަކާއި ފަރުދުންވެސް ހުޅުމާލޭގައި ތަފާތު ބާވަތްބާވަތުގެ ވިޔަފާރިތައް އަންނަނީ ފަށަމުނެވެ. އެއީ އާބާދީ އިތުރުވާ ނިސްބަތުން ވިޔަފާރިތަކަށް އޮންނަ މާކެޓްވެސް އިތުރުވާތީއެވެ.ރާއްޖޭގައި ފުޅާދާއިރާއެއްގައި ޢާންމު މުދަލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށް ރެޑްވޭވް ކުންފުނިން ހުޅުމާލޭގައި އަޅަމުން އަންނަ ސްޕަރމާކެޓް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ. އެ ކުންފުނިން މަސައްކަތްކުރަނީ މާރޗް މަހު ފެށޭކޮޅު މިސްޕަމާރކެޓް ނިންމައި އެމަހުގެ މެދުތެރޭގައި ހުޅުވުމަށެވެ. މި ސްޕަރ މާކެޓަކީ ގާތްގަޑަކަށް ދިހަހާސް އަކަފޫޓްގެ ފްލޯ އޭރިޔާއެއް ހިމެނޭ ސުޕަރމާރކެޓެއްކަމަށް އެފަރާތުން މައުލޫމާތުދެއެވެ. ދެ ފަންގިފިލައަކަށް ޢިމާރާތްކުރާ މި ސްޕަރމާރކެޓާ ގުޅޭ ގޮތުން ރެޑްވޭވް ޕްރައިވެޓް ލިމިޓެޑް ޖެނެރަލް މެނޭޖަރ އިބްރާހީމް ސުޖާޢު ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއިން ތަކެތި ގަންނަން ލިބެން ހުންނަ އަގުތަކުގައި މި ސްޕަރމާރކެޓުން ތަކެތި ގަންނަން ލިބެން ހުންނާނެކަމަށެވެ. މި ސްޕަރމާރކެޓް ހުޅުވިގެންދާއިރު އެތަނުން ކެފޭއެއްގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށް ރެޑްވޭވުން ބުނެއެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝައިމަން ވިދާޅުވީ ސްޕަރމާރކެޓްގެ ޚިދުމަތަކީ ހުޅުމާލޭގެ ރައްޔިތުންނަށް ވަރަށް މުހިންމު ތަނެއްކަމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތި ގަތުމުގައި މިހާރު ދަތިތަކެއް ހުންނަކަން ފާހަގަ ކުރެވޭކަމަަށެވެ. ރެޑްވޭވްގެ ފަރާތުން އަޅާ ސުޕަރމާކެޓަކީ ހުޅުމާލޭގައި އިމާރަތް ކުރެވޭ ފުރައްތަމަ ސުޕަރމާކެޓްކަމަށާއި އެހެންނަމަވެސް ހުޅުމާލޭގައި ހަދަމުންދާ ސެންތްރޯ ޝޮޕިންގ މޯލްތެރޭގައި ސުޕަރމާކެޓެއް ހެދެމަށްޓަކައި ޕްރޮޕޯޝަލްއަށް ކުރިމަތިލާފައިވަނީ ފެންޓަސީން އެކަނިކަމަށް ވެސް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަންނުން މައުލޫމާތުދެއެވެ.