ޚަބަރު

ރަނގަޅު ޖީލެއް ބިނާކުރެވޭނީ ދަރިންގެ ތަރުބިއްޔަތުގައި ގުރުއާނުގެ މަންހަޖް ހިމަނައިގެން


އިލްމާއި އަޚްލާގުގެ މަތީގައި ރަނގަޅު ޖީލެއް ބިނާ ކުރެވޭނީ ދަރިންގެ ތަރުބިއްޔަތުގައި ގުރްއާނުގެ މަންހަޖް ހިމަނައިގެން ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގެ މައުޟޫއަކީ "ޢިލްމީ އަޚްލާޤީ ޖީލެއް ބިނާކުރުމުގައި ކީރިތި ޤުރްއާނުގެ ދައުރު" މިމައުޟޫއެވެ.

ހުކުރު ޚުޠުބާގައިވަނީ ރަނގަޅު ޖީލެއް ބިނާ ކުރެވޭނީ ޤުރުއާނުގެ އާޔަތްތަކުގެ މާނަތައް ބޭރުފުށުން ދަރިންނަށް ކިޔަވިދިނުމުގެ ބަދަލުގައި އެއާޔައްތަކުގައިވާ އިލްމީ ހަގީގަތްތަކާއި ހަމައަށް ކިޔަވާ ކުދިންގެ ވިސްނުން ވާސިލްކޮށްދެވިގެން ކަމަށެވެ. އަދި އެހަގީގަތްތަކުގެ މަތީގައި އީމާންކަމުގެ ބިންގާ ހަރުދަނާ ކޮށްދެވިގެން ކަމަށާއި، ޤުރުއާނުގައިވާ ވާހަކަތަކުން އިބްރަތް ހާސިލްކޮށްދެވިގެން ކަމަށްވެސް ޚުޠުބާގައިވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކީރިތި ގުރުއާނުގައިވާ އަޅުކަމުގެ ތަރުބިއްޔަތު ތެރެއިން އެ ކުދިންގެ ނަފުސަށް ހަމަހިމޭންކަން ހޯދައިދެވިގެން ކަމަށާއި، ހަރާމާއި ހަލާލުގެ މައްޗައް ދަރިން ހެޔޮގޮތުގައި ހާނުވައި ތަރުބިއްޔަތު ދެވިގެން ކަމަށްވެސްވަނީ ވިދާޅުވެފައެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ﷲ ތައާލާގެ ނުގުޑާފަދަ ތައުހީދުގެ ބިންގަލެއްގެ މަތީގައި ޖީލެއް ތަރުބިއްޔަތުކުރެވިއްޖެނަމަ އިސްލާމީ އުންމަތް އޭގެ އަސްލު މަގާމަށް ރުޖޫއަވެގެން އައްނާނެކަމީ ޝައްކެތް އޮތް ކަމެއްނޫކަމަށްވެސްވަނީ ބަޔާންކުރައްވާފައެވެ.

ހުކުރު ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ މުސްލިމުންނަށް ކުރިއެރުން ލިބޭނީ ހަރުދަނާ އަގީދާއަކާއި ވަރުގަދަ އިލްމީ ބިންގަލެއްގެ މަތީގައި މުސްލިމުންގެ ޖީލުތަށް ތަރުބިއްޔަތު ކުރެވިގެން ކަމަށެވެ.