ދުނިޔޭގެ ވިޔަފާރި

ޔުކްރެއިންގެ އިންފްލޭޝަން މަތިވެއްޖެ


ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ޔުކްރެއިންގެ މިދިޔަ އަހަރުގެ އިންފްލޭޝަން %26.6 އަށް އިތުރުވެއްޖެއެވެ. ނަމަވެސް މިއީ ކުރިން ލަފާކުރި ވަރަށް ވުރެ ދަށް އަދަދެކެވެ.

ހަނގުރާމައިގެ ސަބަބުން ސަޕްލައި ލިބުން ދަތިވުމާއި ލޮޖިސްޓިކްސް އަށް ބުރޫއެރުމުގެ ސަބަބުން 2021 ވަނަ އަހަރު %10 ހުރި ކޮންސިއުމަރ ޕްރައިސް އިންޑެކްސް، ސީޕީއައި ގާތްގަނޑަކަށް %30 ށް އުފުލިދާނެ ކަމަށް ސަރުކާރުންވަނީ ބުނެފައެވެ. ނަމަވެސް އަންގާރަ ދުވަހު އާންމުކޮށްފައިވާ ސްޓޭޓް ސްޓެޓިސްޓިކްސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޑިސެމްބަރު މަހު އިންފްލޭޝަން ވަނީ %0.7 ގައި ހިފެހެއްޓިފައެވެ.

މިދިޔަ ހަފްތާގައި އާންމުކުރި ޖީޑީޕީ ޑޭޓާއިން ވެސް ދައްކާ ގޮތުގައި ޔޫކްރެއިންގެ އިގްތިސާދަށް އަސަރުކޮށްފައި ވަނީ ހަނގުރާމައިގެ ސަބަބުން ޔުކްރެއިންގެ އިގްތިސާދަށް އަސަރު ކުރާނެ ކަމަށް ލަފާކޮށްފައިވާ މިންވަރަށް ވުރެ ކުޑަކޮށެވެ. ޕްރިލިމިނަރީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ އުފެއްދުންތެރިކަން %30.4 ށް ވަނީ ދަށްވެފައެވެ. މިއީ ޔޫކްރެއިން އަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ހީނަރުކަމެވެ.

ޔޫކްރެއިންގެ އިންސްޓިޓިއުޓް ފޯ އިކޮނޮމިކް ރިސާޗުން ބުނި ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ވިޔަފާރި ކުރުން ވަނީ ދަށްވެފައެވެ. ކަރަންޓާއި ފެން ފޯރުކޮށްދިނުމުގައި ބުރޫއެރުމަކީ އެމީހުންނަށް ކުރިމަތިވި ބޮޑު އެއް މައްސަލަ ކަމަށް %78 ވިޔަފާރިތަކުން ވަނީ ބުނެފައެވެ.