ޚަބަރު

ފަލަސްޠީނުގެ ދިދަ ބޭނުންކުރުން މަނާކުރުމަކީ އަޅުވެތިކަމުގެ އަމަލެއް: އެމްނެސްޓީ


ފަލަސްޠީނުގެ ރައްޔިތުންނަށް އެ މީހުންގެ އަމިއްލަ ދިދަ ބޭނުންކުރުން މަނާކުރުމަކީ ޔަހޫދީންގެ އިސްރާޢީލުން ހިންގާ އަޅުވެތިކަމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، އެމްނެސްޓީ އިންޓަރނޭޝަނަލްއިން ޔަހޫދީންގެ ދަޢުލަތަށް ފާޑުކިޔައިފިއެވެ. އެމްނެސްޓީއިން ޔަހޫދީންނަށް ރައްދުދީފައި މި ވަނީ ޔަހޫދީންގެ ހަރުކަށި ފިކުރަށް ތާޢީދުކުރާ ޖައްބާރު އައު ސަރުކާރުން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރަމުންދާ ދުއްތުރާތަކާއި ފުރައްސާރަ އިތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީނުގެ ދިދަ ބޭނުންކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅައި އެ ކަން އިޢުލާނުކޮށްފައި ވަނީ ޔަހޫދީންގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގުވީރެވެ. އޭނާއަކީ ހަރުކަށި ފިކުރަށް ލޯބިކުރާ، އެ ފިކުރު ކުރިއަރުވަން މަސައްކަތް ކުރާ ޖައްބާރު ވަޒީރެކެވެ.

ދާދިފަހުން އޭނާ ވަނީ މުސްލިމުންގެ މުޤައްދަޞް ބިމުގައިވާ މަސްޖިދުލް އަޤްޞާއަށް ގޮސް، މުސްލިމުންނަށް ފުރައްސާރަކޮށްފައެވެ. މަސްޖިދުލް އަޤްޞާ ހުންނަ ޓެމްޕްލް މައުންޓަކީ ޔަހޫދީންނަށް ވެސް މުހިންމު ތަނެއްގެ ގޮތުގައި ސިފަކޮށް ބެން-ގުވީރު ބުނެފައި ވަނީ، އެ ތަނަށް ޔަހޫދީންނަށް ވަނުމުގެ ފުރުޞަތު ދިނުން ހުއްޓައި ނުލެވޭނެ ކަމުގައެވެ. އަދި، އެ ތަނަށް ވަންނަ ޔަހޫދީންނަށް އިންޒާރުދޭ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެންމެ ފަހުން އޭނާ މި ވަނީ ވައިގެ ތެރޭގައި ފަލަސްޠީނުގެ ދިދަ ވިހުރުވައިލުމަކީ ވެސް ކުށަކަށް ހަދާފައެވެ. އެ މިނިވަންކަމަށް ވެސް ހުރަސް އަޅާފައެވެ. އަދި، ޢާންމު ތަންތަނުގައި ހުރި ފަލަސްޠީނުގެ ދިދަތައް ނެގުމަށް ޔަހޫދީންގެ ޖައްބާރު ފުލުހުންނަށް އަންގާފައެވެ. ފަލަސްޠީނުގެ ދިދަ ބޭނުންކުރުމަކީ ޓެރެރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނުގެ ރައްޔިތުންނަކީ ޓެރެރިސްޓުން ކަމަށް ސިފަކޮށް، ޓެރެރިސްޓުން ހުއްޓުވާނެ ކަމުގައި އޭނާ ބުންޏެވެ.

މި ނިންމުމާ މެދު ނުރުހުން ފާޅުކޮށް އެމްނެސްޓީއިން ބުނީ، މިއީ އަޅުވެތިކަމުގެ އަމަލެއް ކަމަށާއި، މިއީ ފަލަސްޠީނުގެ ރައްޔިތުންގެ ޤައުމިއްޔަތާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމުގައި ބުނެފައެވެ.

"އިސްރާޢީލުން ބުނަނީ މިއީ ހަމަނުޖެހުންތައް ހުއްޓުވަން ނިންމި ނިންމުމެކޭ. ނަމަވެސް، އިސްރާޢީލުން މަސައްކަތް ކުރަމުން ދަނީ ފަލަސްޠީނުގެ ރައްޔިތުންގެ އަޑު ކަނޑުވައިލަން. އަދި، މުޒާހަރާ ކުރުމަށް އޮތް އެ މީހުންގެ ހައްޤުތައް ހިފަހައްޓަން. މިފަދަ އަމަލުތަކުން ހާމަވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ އަޑު ކަނޑުވައިލަން އިސްރާޢީލުން ކޮންމެ ފަދަ އަމަލެއް ވެސް ހިންގަފާނެ ކަން،" އެމްނެސްޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެމްނެސްޓީއިން ޔަހޫދީންގެ އައު ސަރުކާރަށް ފާޑުކިޔާފައި މި ވަނީ، އިސްރާޢީލުގެ ރައްޔިތުން ވެސް އައު ސަރުކާރާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް ތެދުވެ، މުޒާހަރާ ކުރަމުންދާ ވަގުތެއްގައެވެ. ނަތަންޔާހޫގެ ސަރުކާރަކީ އިސްރާޢީލުގެ ތާރީޚުގައި ވެސް މިހާތަނަށް އުފެދުނު އެންމެ ނުރައްކާތެރި އަދި އެންމެ ޖައްބާރު ސަރުކާރެވެ. ސަބަބަކީ، އެއީ ހަރުކަށި ފިކުރަށް ތާޢީދުކުރާ ކަނާތު ފިޔައިގެ ޕާޓީތަކުގެ މައްޗަށް އެކުލެވިގެންވާ ސަރުކާރެކެވެ.

ނަތަންޔާހޫއާ ދެކޮޅު މުޒާހަރާތަކުގެ ބައިވެރިން ބުނާ ގޮތުގައި އޭނާގެ ސަރުކާރަކީ ޑިމޮކުރަސީއަށް އޮތް ނުރައްކާތެރި ބިރެކެވެ. އަދި ޑިމޮކުރަސީގެ ހަލާކެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ނަތަންޔާހޫގެ ސަރުކާރު ވެގެންދާނީ ފާސިޒަމްއާއި ނަސްލީ ތަފާތުކުރުންތައް ބޮޑު ސަރުކާރަކަށެވެ. މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ނަތަންޔާހޫއަކީ "ކުށްކުރާ މިނިސްޓަރު"ގެ ގޮތުގައި ވެސް ސިފަކޮށްފައެވެ. އެ ކަން މިއަދު އެ ދަނީ އެނގި ހާމަވަމުންނެވެ.

ނަތަންޔާހޫގެ ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ޓެކުހަށް އޮޅުވައިލި ކަމަށް އަމިއްލަ އިޢުތިރާފުވެފައިވާ މީހަކު ވެސް ހިމެނެއެވެ. އަދި، ފަލަސްޠީނުގެ ގިނަ އަދަދެއްގެ މުސްލިމުންތަކެއް ޝަހީދު ކުރުމުގެ ފަހަތުގައިވާ ގާތިލެއްގެ ފޮޓޯ އަމިއްލަ ގޭގައި ހަރުކޮށްގެން އުޅޭ ވަޒީރެއް ވެސް ހިމެނެއެވެ.

73 އަހަރުގެ ނަތަންޔާހޫގެ މައްޗަށް ވެސް ކޮރަޕްޝަންގެ ތުހުމަތުތައް ހުށަހެޅި، މިހާރު ވެސް ދަނީ ޝަރިޢަތް ކުރަމުންނެވެ. އޭނާއަކީ ޔަހުދީންގެ ދަޢުލަތުގެ ބޮޑުވަޒީރުކަމުގެ މަޤާމު އެންމެ ގިނަ ދުވަހު ފުރުއްވާފައިވާ ބޭފުޅާއެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައެވެ.

އޭނާގެ ސަރުކާރުތަކަކީ، ފަލަސްޠީނުގެ އެތަކެއް ސަތޭކަ މުސްލިމުންނެއްގެ ލޭއޮހޮރުވައިލުމުގެ ފަހަތުގައިވާ ސަރުކާރުތަކެކެވެ. އޭނާއަކީ އެތަކެއް ސަތޭކަ މުސްލިމުންނެއް ޝަހީދުކޮށްފައިވާ ގާތިލެކެވެ. އޭނާގެ އައު ސަރުކާރަކީ ވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު ބިރުވެރިކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ.