ޚަބަރު

"ތޭންކް ގޯޑް" އަށްފަހު ސިދާތު އަނެއްކާވެސް އިންދަރް ކުމާރުގެ ފިލްމަކަށް


އިންދަރު ކުމާރު ޑައިރެކްޓުކޮށް މިދިޔަ އޮކްޓޫބަރު މަހު ރިލީޒްކުރި ފެންޓަސީ ކޮމެޑީ ފިލްމު "ތޭންކް ގޯޑް" އަށް ފަހު އެ ފިލްމުގެ ލީޑް އެކްޓަރު ސިދާތު މަލޯތްރާ އަނެއްކާވެސް އިންދަރު ކުމާރުގެ ފިލްމަކަށް ސޮއިކޮށްފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ސިދާތުއަށް އިންދަރު މިފަހަރު ހުށަހެޅި ފިލްމަކީ ރޮމޭންޓިކް ފިލްމެކެވެ. އަދި މި ފިލްމާއި ބެހޭ ގޮތުން ދެ މީހުން ވާހަކަ ދައްކާފައި ވަނީ "ތޭންކް ގޯޑު" ހެދި ދުވަސްވަރު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ބޮޑު ކާސްޓެއް ހިމެނޭ ކަމަށް ބުނާ އާ ފިލްމުގައި ސިދާތު ކުޅޭނީ ލީޑް ރޯލެއް ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ނަމަވެސް މިކަމާއި ބެހޭގޮތުން ރަސްމީކޮށް ސިދާތްވެސް އަދި އިންދަރުވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިންދަރު ޑައިރެކްޓްކޮށްފައިވާ "ތޭންކް ގޯޑް" ގެ ކާސްޓުގައި ސިދާތުގެ އިތުރުން އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތު ސިންގް ހިމެނެއެވެ. އަދި "ތޭންކް ގޯޑް" ގައި ހިމެނި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ މަޝްހޫރު ލަވަ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަން އިން ނޯރާ ފަތެހީވެސް ފެނިފައިވެއެވެ.

އޮކްޓޯބަރުގެ މަހުގެ 25 ގައި ރިލީޒްކުރި ފިލްމަކީ 50 ކްރޯޑް ރުޕީސް (6.05 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި ބޮކްސް އޮފީހުގައި 49.55 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.

ސިދާތުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި "މިޝަން މަޖްނޫ" އާއި "ޔޯދާ" ހިމެނެއެވެ. "ޔޯދާ" ގައި ސިދާތާއެކު ދެން ފެންނާނީ ދިޝާ ޕަޓާނީ އާއި ރާޝީ ކަންނާއެވެ.