ޚަބަރު

"ކުއްތޭ" އަށް ފަހު އަރުޖުން އަށް އާ ފިލްމެއް


މިހާރު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އަރުޖުން ކަޕޫރުގެ ފިލްމު "ކުއްތޭ" އަށް ފަހު އަރުޖުން އަނެއްކާވެސް އެހެން ފިލްމެއްގެ މަސައްކަތަށް ތައްޔާރުވެއްޖެއެވެ.

މިދިޔަ އަހަރު އެންމެ ފިލްމަކުން ފެނުނު އަރުޖުން އަށް މިއަހަރުގެ މިހާތަނަށް ތިން ފިލްމު އެބައޮތެވެ. އަރުޖުންގެ އާ ފިލްމަކީ ހޯމީ އަދަޖަނިއާގެ ފިލްމެކެވެ. މި ފިލްމާއިބެހޭ މާ ބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މީގެ ވާހަކަ އަރުޖުން އަށް ކަމުގޮސްފައި ވާ ކަމަށާއި ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެއެވެ.

އަރުޖުންގެ ކުރިއަށް އޮތް ފިލްމު "ކުއްތޭ" އަކީ މި މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ބްލެކް ކޮމެޑީ ތުރިލާއެކެވެ.

މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ދަރިފުޅު އާސްމާން ބަދަރްވާޖްގެ އަލަތު ޑައިރެކްޝަނެވެ. "ކުއްތޭ" ގެ ޓްރެއިލާ އިން ފެންނަ ގޮތުގައި މިއީ ބައްޕަ ވިޝާލްގެ ސްޓައިލަށް އާސްމާން ގެނެސްދޭނެ ފިލްމެކެވެ. ވިޝާލް ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ކަމީނޭ" އާއި "ސާތު ހޫ މާފް"، "އޯމްކާރާ" އަދި "ހައިދަރު" ހިމެނެ އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ކޫފިޔާ" އެވެ.

ދަރިފުޅުގެ އާސްމާންގެ ފުރަތަމަ ފިލްމު "ކުއްތޭ" ގެ ކާސްޓްގައި އަރުޖުން ކަޕޫރް، ތާބޫ، ނަސީރުއްދީން ޝާހް، ރާދިކާ މަދަން، ކޮންކޮނާ ސެން ޝަރުމާ، ކުމުދު މިޝްރާ އަދި ޝަރުދުލް ބަރަދްވާޖް ހިމެނެ އެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ދެބަފައިން ގުޅިގެންނެވެ.

ވިޝާލްގެ ފިލްމު ކުންފުންޏާއި ޑައިރެކްޓަރު ލަވް ރަންޖަންގެ ލަވް ފިލްމްސްގެ އިތުރުން ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ މި މަހުގެ 13 ގައެވެ.

"ކުއްތޭ" ގެ އިތުރުން އަރުޖުންގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި "ދަ ލޭޑީ ކިލާ" އަދި "މޭރީ ޕަތްނީ ކާ ރީމޭކް" ހިމެނެއެވެ.