ޚަބަރު

މިދިޔަމަހުވެސް އެންމެ ކުރީގައި ވަރި، ޚަރަދަށްވެސް ކޯޓަށް


ފެމެލީ ކޯޓުން މިދިޔަ މަހު ނިންމި މައްސަލަތަކުގެ ތަފާސް ހިސާބުތައް އާއްމުކުރިއިރު މިފަހަރުވެސް އެއްވަނަ ހޯދާ ރިކޯޑް އޮތީ ވަރީގެ މައްސަލަތަކުގައެވެ.

އެކޯޓަށް މިދިޔަ ޑިސެމްބަރުމަހު ހުށައެޅި އާއިލީ މައްސަލަތަކުގެ އަދަދު 192 އަރައެވެ. އޭގެކުރިން ހުރި މައްސަލަތައްވެސް ހިމެނޭހެން މިދިޔަ މަހު ޖުމްލަ 158 މައްސަލައެއް ކޯޓުން ވަނީ ނިންމާފައެވެ.

ވަރި ދެން ދަރިންގެ ޚަރަދު ނުދިނުން

މި ސަރަހައްދުގައި އެންމެ ވަރި ގިނައީ ރާއްޖޭގައި ބުނާ އަޑު އަބަދުވެސް އިވެއެވެ. އަދި މަޖަލަކަށް ނަމަވެސް ދުނިޔޭގައިވެސް އެންމެ ވަރި ގިނައީ ރާއްޖޭގައިކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

ފެމެލީ ކޯޓުގެ މިދިޔަ މަހުގެ އާއްމުކުރި ނަމްބަރުތަކުން އެބުނާ ވާހަކަތައް ބާރުލިބޭކަމަށް ބުނުން ގޯހަކަށްވެސް ނުވާނެއެވެ. އެކޯޓުން އާއްމުކުރި ހިސާބުތައް ފެންނަގޮތުން މިދިޔަ މަހު 94 މީހަކު ވަނީ އެމީހުން ކުރި ކައިވެނި ރޫޅާލާ ވަރިވެފައެވެ. އޭގެކުރިން ހުށައެޅިފައި ހުރި މައްސަލަތަކާއެކު މިދިޔަމަހު ވަރީގެ 120 މައްސަލައެއް ކޯޓުން ވަނީ ނިންމާފައެވެ.

ކޯޓުގެ ރެކޯޑްތައް ދައްކާގޮތުން މިދިޔަ މަހު އެކަނިވެސް 61 މީހަކު ވަރިވުމަށް އެދި ކޯޓަށް ހުށައެޅިއެވެ. އޭރުވެސް އޭގެ ކުރިން ވަރިވާން އެދި ހުށައެޅި 84 މީހެއްގެ މައްސަލަ ދިޔައީ ކޯޓްގައި ހިނގަމުންނެވެ. އަހަރު ނިންމާލިއިރު ވަރިއާމެދު އަދި ގޮތެއް ނިންމާ ނުދެވި 49 މައްސަލައެއް އެބައޮތެވެ.

ވަރިއާ މެދު ޝައްކު އުފެދުނު 6 ކައިވެންޏެއްގެ މައްސަލަ ކޯޓުން ބަލަމުން އަންނައިރު ކޯޓުން ބޭރުގައި ވަރިކޮށްގެން އެކަން ސާބިތުކުރުމުގެ މަރުހަލާގައި އޮތް މައްސަލަތަކުގެ އަދަދު 40 އަރައެވެ. ކައިވެނި ރުޅާލި މީހުންގެ އަދަދު ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ޑިސެމްބަރު މަހު އެކަނިވެސް 309 މީހަކު ވަނީ ކައިވެނީގެ ގޮށް ޖަހާލާފައެވެ.

ކައިވެނީގައި ޖެހޭ މައްސަލަތަކަށް ހައްލު ހޯދާދިނުމަށް ކޯޓުން ކުރާ މަސައްކަތްވެސް ކުޑައެއް ނޫނެވެ. މިދިޔަމަހުގެ ހިސާބުތަކުން ކައިވެނި ރޫޅާނުލާ ދެމަފިރިން ސުލްހަކޮށް އެއްގަލަކަށް އެރުވޭތޯ 3 މައްސަލައެއް ކޯޓުން ބަލަމުން އެބަ އާދެއެވެ.

ރޫޅޭ ކައިވެނިތަކުން ގިނަ ފަހަރަށް އެންމެ ބޮޑަށް އަސަރުކުރަނީ ދަރިންނަށެވެ. ޚާއްސަކޮށް ދަރިންނަށް ޚަރަދުތައް ނުދޭ މައްސަލަތަކަކީ ފަހަކަށް އައިސް ރާއްޖޭގައިވެސް އިތުރުވަމުންދާ މައްސަލަތަކެކެވެ. ނިސްބަތުން މިދިޔަ ޑިސެމްބަރުމަހު މިފަދަ މައްސަލަތައް މަދެވެ.

އެެހެންނަމަވެސް ޤާނޫނީ ގޮތުން ދޭންޖެހޭ ސާބިތު ޚަރަދު ނުދީގެން މިދިޔަ މަހު 5 މައްސަލައެއް ކޯޓަށް ހުށައެޅިއެވެ. އޭރުވެސް ސާބިތު ޚަރަދުގެ 4 މައްސަލައެއް ކޯޓްގައި ތާވަލްކުރެވި އެދަނީ ހިގަމުންްނެވެ. ސާބިތު ދަރަނީގެ އިތުރުން ދަރިންނަށް ދޭންޖެހޭ އެހެނިހެން ޚަރަދުތައް ހޯދުމަށް ހުށައެޅި 6 މައްސަލައެއް އެބައޮތެވެ. އަދި އަނބިމީހާއަށް ދޭންޖެހޭ ޚަރަދު ނުދީގެން ހުށައެޅި މައްސަލައެއްވެސް ކޯޓުގައި ހިނގަމުން އެބަދެއެވެ.

ގެވެށި އަނިޔާވެސް ނުހުއްޓޭ

ގެވެށި އަނިޔާއިން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކޮށް އެކަމަށް އެތައް މަސައްކަތެއް ކުރަމުން އާދެއެވެ. މިކަމަށް މީހުން ހޭލާ އެ ފަދަ މައްސަލަތައް ރިޕޯޓްކުރާވަރު މަހަކު އެއް ފަހަރު ޖެންޑަރ މިނިސްޓްރީން އާއްމުކުރާ ހިސާބުތަކުން އެނގެއެވެ.

ގެވެށި އަނިޔާކޮށްގެން ސަލާމަތަށް އެދި ކޯޓުގެ ދޮރުގައި ޓަކިޖެހި މީހުންގެ އަދަދު މިދިޔަމަހު 8 އަކަށް އަރައެވެ. އޭގެތެރެއިން 4 މީހުންނަކީ ރައްކާތެރިކަމުގެ އަމުރު ނުވަތަ ރައްކާތެރިކަމުގެ އަވަސް އަމުރެއް ނެރެދިނުމަށް އެދުނު މީހުންނެވެ.

ޑިސެމްބަރު މަހު ކޯޓަށް ހުށައެޅުނު ގެވެށި އަނިޔާތަކުގެ މައްސަލަތަކުގެ އިންސައްތައިން މިކަން ދެ ޖިންސުގެ މެދުގައި އޮތްގޮތް ވަރަށް ސާފެވެ. %50 އިންސައްތަ މައްސަލަ ހުށައެޅީ އަންހެނުންނެވެ.

ދަރިން ނުދެއްކުމާއި ބެލެނިވެރިކަން ބަދަލުކުރުން

ދަރިން ނުދެއްކުމާއި އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރަން އަވަސް އަމުރެއް ނެރެދޭންޖެހުން މިވެސް މި ކުޑަކުޑަ މުޖުތަމައުން ފެންނަމުން އަންނަ މައްސަލަތަކެވެ.

ދަރިން މަންމަ ނުވަތަ ބައްޕައަށް ނުދައްކާ ނުވަތަ ބައްދަލުކުރަން ފުރުޞަތު ނުދީގެން އެފަދަ 7 ޝަކުވާއެއް ކޯޓްގައި ހިގަމުން އެބަ އާދެއެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބެލެނިވެރިކަމުގެ އަމުރެއް ނެރެދިނުމަށް އެދި 6 މައްސަލައެއް ކޯޓުގައި ފައިލްކޮށްފައި އެބައޮތެވެ. މީގެއިތުރުން ޤާނޫނީ ބެލެނިވެރިކަން ބަދަލުކޮށްދިނުމަށް އެދި ހުށައަޅާފައިވާ 2 މައްސަލައެއްވެސް ކޯޓުގެ ރެކޯޑްތަކުން ދައްކައެވެ.