ޚަބަރު

އީވްނިންގ ކެފޭގެ ބަދިގެއާއި އެކޮމޮޑޭޝަން ބްލޮކްވެސް ބޭނުން ނުކުރެވޭވަރަށް އަނދާފައި


"އީވްނިންގ ކެފޭ" ގައި ރޯވި އަލިފާނުގެ ޙާދިސާގައި އިވްނިންގ ކެފޭގެ ބަދިގޭގެ އިތުރުން އެތަނުގެ މަތީގައި ހުންނަ އެކޮމޮޑޭޝަން ބްލޮކުގައިވެސް އަލިފާން ރޯވެ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓް އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ކޮށްފައިވަނީ އިރުއޮއްސި 18:12 ހާއިރެވެ.

މިޙާދިސާގެ ރިޕޯޓު ލިބުމާއެކު، އެފް.އާރު.އެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ 19:22 ހާއިރުކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

އެމް.އެން.ޑީ.އެފްއިން ވިދާޅުވީ މި އަލިފާން ރޯވަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށެވެ.

މި ޙާދިސާ ހިނގުމާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ޙާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން، މި ހާދިސާއާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މިޙާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތައް ބަލައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެން.ޑީ.އެމް.އޭއިން އަންނަނީ މޯލްޑިވްސް ރެޑް ކްރެސެންޓާއި ގުޅިގެން ކުރަމުންނެވެ.