ޚަބަރު

އެންމެފަހުން ޔުގާންޑާގައި އިބޯލާ ފެތުރުން ހުއްޓުވައިފި


އިރުމަތީ އެފްރިކާގެ ޤައުމެއް ކަމުގައިވާ ޔުގާންޑާގައި ނުރައްކާތެރި ބައްޔެއް ކަމުގައިވާ އިބޯލާ ފެތުރެންފެށިތާ ހަތަރު މަސް ފަހުން، ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައި މި ވަނީ، މި ބަލީގައި 55 މީހުން މަރުވި ފަހުންނެވެ. ވެރިރަށް ކަމްޕާލާގެ އިތުރުން ބައެއް ބޮޑެތި އެހެން ރަށްތަކުގައި ވެސް ހަލުވިކަމާ އެކު ބަލި ފެތުރިފައިވެއެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަން އިޢުލާނު ކުރުމަށް މުބެންޑޭގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި، އެ ކަން ރަސްމީކޮށް އިޢުލާނު ކުރެއްވީ އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު ޖޭން ރުތް އެސެންގެވެ. މުބެންޑޭއަކީ އެންމެ ފުރަތަމަ މި ބަލި ފެނިފައިވާ ރަށެވެ. އެ ރަށުން ބަލި ޖެހިފައިވާ މީހަކު ފެނިފައި ވަނީ 2022 ސެޕްޓެންބަރު މަހުގައެވެ.

އިބޯލާ ވައިރަސް ޑިޒީޒް (އީ.ވީ.ޑީ) ނުވަތަ އިބޯލާއަކީ ޖަނަވާރުންގެ ފުށުން އިންސާނުންގެ ހަށިގަނޑަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މި ބަލި ފަތުރާ ޖަނަވާރުތަކުގެ ތެރޭގައި ވައު، ޕޯކިޔުޕައިން އަދި ރާމާމަކުނު ޢާއިލާގެ ޖަނަވާރުތައް ހިމެނެއެވެ. އެއަށްފަހު، ހަށިގަނޑުން ބޭރުވާ ދިޔައިގެ ޒަރީޢާއިން މި ބަލި އިންސާނުންގެ ތެރޭގައި ފެތުރެއެވެ. މުބެންޑޭއާއި ވެރިރަށް ކަމްޕާލާގެ އިތުރުން ކަސަންޑާ ކިޔާ ރަށެއްގައި ވެސް ބަލި ފެތުރި، ގިނަ އަދަދެއްގެ ބަޔަކު މަރުވިއެވެ.

ބަލި ފެތުރެން ފެށުމާ އެކު މުބެންޑޭއާއި ކަސަންޑާ ވަނީ ފުރަބަންދު ކޮށްފައެވެ. ފުރަބަންދު އުވައިލާފައި ވަނީ ދެ މަސްދުވަސް ފަހުންނެވެ. ޑަބްލިޔު.އެޗް.އޯ.އިން ބުނީ އެ ޤައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު 142 އަށް އަރާ ކަމުގައެވެ. އަދި، 55 މީހުން މަރުވެފައިވާއިރު، ބަލިން ފަސޭހަވި 87 މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމުގައެވެ.

ޔުގާންޑާގައި މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި، އެ އިދާރާގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ޤައުމުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާ، އެ ކަމަށް ތަޢުރީފު ކުރައްވާފައެވެ.

ޔުގާންޑާއި މި ބަލި ފެތުރެން ފެށިތާ، މި ޖަނަވަރީ މަހުގެ 11 އަށް 113 ދުވަސް ފުރޭނެއެވެ. ބަލިމަޑުކަމެއް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ޑަބްލިޔު.އެޗް.އޯ.އިން ބަލަނީ، 42 އަށްވުރެ ގިނަ ދުވަސް ވަންދެން ބަލީގެ އައު ކޭސްއެއް ނުފެނުމުންނެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޔުގާންޑާއިން ފުރިހަމަ މަސައްކަތްތަކެއް ކޮށްފައިވާ ކަމުގައި ޑަބްލިޔު.އެޗް.އޯ.އިން ބުނެއެވެ.

ޔުގާންޑާގައި ފެތުރެމުން ގޮސްފައި ވަނީ އިބޯލާގެ ވޭރިއެންޓެއް ކަމުގައިވާ "ސޫދާން ސްޓްރެއިން"އެވެ. މިއީ އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ވޭރިއެންޓެކެވެ. ނަމަވެސް، މި ވޭރިއެންޓަށް ޚާއްޞަކޮށްގެން ތިން ވެކްސިނެއް މިހާރު ވަނީ އުފައްދާފައެވެ. އަދި، ޔުގާންޑާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުން ދިޔަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޑަބްލިޔު.އެޗް.އޯ.އިން ވަނީ އެ ވެކްސިންތަކުގެ ޑޯޒްތައް އެ ޤައުމަށް ފޮނުވާފައެވެ.

މި ތިން ވެކްސިން ފުރަތަމަ ފަހަރަށް ޓެސްޓު ކޮށްފައި މި ވަނީ ޔުގާންޑާގައެވެ. މި ތިން ވެކްސިނަކީ ޑަބްލިޔު.އެޗް.އޯ.އިން ކަނޑައަޅާފައިވާ މާހިރުންގެ ޓީމަކުން އިވެލުއޭޓް ކޮށްފައިވާ ވެކްސިންތަކެއް ކަމުގައި ޓެޑްރޮސް ވިދާޅުވިއެވެ. މީގެ ތެރެއިން އެއް ވެކްސިނަކީ އޮކްސްފަރޑް ޔުނިވަރސިޓީއާއި އިނގިރޭސި ވިލާތުގެ ޖެނަރ އިންސްޓިޓިއުޓް ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ. ދެވަނަ ވެކްސިން އުފައްދާފައި ވަނީ އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ސެބިން ވެކްސިން އިންސްޓިޓިއުޓްއިންނެވެ. ތިންވަނަ ވެކްސިނަކީ އިންޓަރނޭޝަނަލް އެއިޑްސް ވެކްސިން އިންސްޓިޓިއުޓްއިން އުފައްދާފައިވާ ވެކްސިނެކެވެ.