ޚަބަރު

ސޮލެދާރާއި ބަޚްމުތްގައި ރަޝިޔާއިން ދަނީ އެތައް ބައެއްގެ ލޭއޮހޮރުވަމުން: ޔޫކްރެއިން


ޔޫކްރެއިނުގެ އިރުމަތީގައިވާ ސޮލެދާރާއި ބަޚްމުތް ހިފުމަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމަ މެކުހަށް ޖަހާފައިވާ ކަމަށާއި، ރަޝިޔާއިން އެ ރަށްތަކުގެ އެތަކެއް ސަތޭކަ ބަޔެއްގެ ލޭއޮހޮރުވަމުންދާ ކަމުގައި ޔޫކްރެއިނުން ބުނެފިއެވެ. ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

މި ހަނގުރާމައަށް 11 މަސް ފުރެން ގާތްވެފައިވާއިރު، މި ވަގުތު އެންމެ ނުރައްކާތެރި ހަނގުރާމައެއް ހިނގަމުން ދަނީ، އަދި އެންމެ ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުން ދަނީ ސޮލެދާރާއި ބަޚްމުތްގައެވެ. އެ ދެ ރަށް ހިފުމަށް ރަޝިޔާގެ ފައުޖުތަކުން މަސައްކަތް ކުރާތާ މިހާރު މަސްތަކެއް ފާއިތުވެއްޖެއެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ އިސް މުޝީރެއް ކަމުގައިވާ މިޚައިލޯ ޕޮޑޮލްޔެކް ވިދާޅުވީ، އެ ދެ ރަށުގައި ރަޝިޔާ ސިފައިން ކުރަމުން ދަނީ ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކަމުގައެވެ. އިރުމަތީގައި ޑޮންބާސް ސަރަޙައްދުގެ ދެ ރަށް ކަމުގައިވާ ސޮލެދާރާއި ބަޚްމުތް ހިފުމަށް ރަޝިޔާއިން ފޮނުވާފައިވަނީ ވެގްނާ ގުރޫޕުގެ ކުލީ ސިފައިންނެވެ.

ސޮލެދާރާއި ބަޚްމުތަށް ރަޝިޔާގެ ފައުޖުތަކުން ހުއްޓުމެއްނެތި އާޓިލަރީ ބަޑި ބޭނުންކޮށްގެން ހަމަލާދެމުންދާ ކަމުގައި ޕޮޑޮލްޔެކް ވިދާޅުވިއެވެ. އަދި، މަގުތަކާއި ޢިމާރާތްތަކުގެ ތެރޭގައި ދެ ޤައުމުގެ ފައުޖުތަކުން ހަމަލާ ބަދަލުކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. ސޮލެދާރާއި ބަޚްމުތަކީ ސިނާޢީ މަސައްކަތްތައް ކުރާ ދެ ރަށެވެ.

އެ ދެ ރަށުގައި ހިނގަމުންދާ ހަނގުރާމައިގައި ޔޫކްރެއިނުގެ ގިނަ އަދަދެއްގެ ސިފައިން މަރުވެފައިވާ ކަމުގައި ޕޮޑޮލްޔެލް ވިދާޅުވިއެވެ. ނަމަވެސް، ރަޝިޔާގެ ފައުޖުތަކަށް ލިބެމުންދާ ގެއްލުންތައް އަންދާޒާ ކުރެވޭ ވަރަށް ވުރެ ބޮޑު ކަމަށާއި، ރަޝިޔާގެ ފައުޖުގައި ހިމެނޭ ގިނަ އަދަދެއްގެ ސިފައިންނާއި ކުލީ ސިފައިން މަރުވެފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މަރުވަމުންދާ ރަޝިޔާ ސިފައިންގެ އަދަދު ހާހުން ގުނައިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަނގުރާމައިގެ ކުރީކޮޅު ޔޫކްރެއިނުގެ ބަނދަރުމަތީ ރަށެއް ކަމުގައިވާ މަރިޔުޕޯލް ހިފުމަށް ރަޝިޔާ ސިފައިން ދިން ހަމަލާތަކުގައި މަރުވި މީހުންގެ 90 އިންސައްތައަކީ ޢާންމުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ސޮލެދާރާއި ބަޚްމުތުގެ ހާލަތު ތަފާތު ކަމަށާއި، މަރުވެފައިވާ މީހުންގެ ތެރެއިން 90 އިންސައްތައަކީ ރަޝިޔާ ސިފައިން ކަމުގައި އޭނާ ވިދާޅުވިއެވެ.

ސޮލެދާރާއި ބަޚްމުތް ހިފުމަށް ކުރަމުންދާ ހަނގުރާމައަށް ރަޝިޔާގެ އެ ޤައުމުގެ އަސްކަރިއްޔާގެ އެންމެ ތަޖުރިބާކާރު ސިފައިން ވެސް ފޮނުވާފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އަދި، ވެގްނާ ގުރޫޕުގެ ކުލީ ސިފައިންނާ ގުޅިގެން ހިންގަމުންދާ ކެމްޕޭން އަދި މިހާތަނަށް ކާމިޔާބުވެފައި ނުވާ ކަމަށް ޕޮޑޮލްޔެކް ވިދާޅުވިއެވެ. އެ ރަށްތަކުގައި މަރުވެފައިވާ ރަޝިޔާ ސިފައިންގެ އަދަދު 15,000 އާ ގާތްކުރާނެ ކަމަށް އޭނާ އަންދާޒާ ކުރައްވައެވެ.

ސޮލެދާރާއި ބަޚްމުތް ދިފާޢު ކުރުމަކީ ޔޫކްރެއިން ސިފައިންނަށް ވަރަށް މުހިންމު އަމާޒެކެވެ. ސަބަބަކީ، އެ ދެ ރަށް ދިފާޢުކޮށްގެން މެނުވީ، ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާ ޑޮނެޓްސްކް މިނިވަން ކުރުމަށް ދަތިވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ޑޮނެޓްސްކްގެ އިތުރުން އިރުމަތީގައިވާ ލުހާންސްކާއި ދެކުނުގައިވާ ޒަޕޮރީޜިޔާ ވެސް އޮތީ ރަޝިޔާ ސިފައިން އަތްދަށުގައެވެ.

ދެކުނުގައި އޮންނަ ޚާރްސަން ވެސް ކުރިން އޮތީ ރަޝިޔާގެ އަތްދަށުގައެވެ. ނަމަވެސް، 2022 ސެޕްޓެންބަރުގައި ޔޫކްރެއިން ސިފައިން ފެށި ކެމްޕޭނެއްގައި އެ ރަށް ވަނީ މިނިވަންކޮށްފައެވެ. އެއީ، މި ހަނގުރާމައިގައި ރަޝިޔާއަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެވެ.