ނީލަން ފިހާރަ ހިންގަމުން އައި ތަނުގައި އަލުން އެ ވިޔަފާރުކުރުމަށް ފުރުސަތު ނުދޭން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިމަހުގެ 9 ވަނދުވަހުގެ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ނީލަން ފިހާރަ ވަނީ އެއްކޮށް އަނދާހުލިވެފައެވެ. ގިނަ އަދަދަކަށް ލަކުޑިއާއި ފަރުނީޗަރާއި ފިލާ ވިއްކަން ހުންނަ ތަނުން މިހާރު ފެންނަން ހުރީ ހަމައެކަނި ބާ ދަނގަޑުތަކެކެވެ. ތަނުގައި ރޯވި އަލިފާންގަނޑު ނިންވާލިނަމަވެސް އަދިވެސް އެ ސަރަހައްދުގައި ދުމުގެ އަސަރު އެބަހުއްޓެވެ. މި ހާދިސާގއަި އެތަނާއި އިންވެގެންހުރި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ތިބޭ އެކޮމެޑޭޝަން ބްލޮކްގައި އަލިފާން ހިފާ އެތަންވެސް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.
މިއަދު އޮތް ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަވަމުން މާލެ ސީޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިހާރު ނީލަން ފިހާރަ ހުރިތަނުގައި އެތަން ހިންގަން ދިނުމަކީ ޗޮއިސްއެއް ނޫންކަމަށެވެ. އެހެންކަމުން މާލެ އިންޑަސްޓަރިއަލް ވިލެޖުން ނުވަތަ ހުޅުމާލެ އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދިންނަމަވެސް އެއްވެސް މައްސަލައެއް ނެތްކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
" ކޮންމެ ސިޓީއެއްގައިވެސް އޮވޭ ސެކަންޑް ހޭންޑް މާކެޓްސް. މީހުންގެ އަތން އެއްޗެހި އަގުހެޔޮކޮށް ގަންނެ ވިއްކޭ ތަންތަންތަން. އެންމެ ދުރަށް ދިޔަސް ބްރިޖުން ދެވޭ ތަނަކަށް ވާންޖެހޭ. ހުޅުމާލޭގައިވެސް އޮވޭ އިންޑަސްޓްރިއަލް ޒޯނެއް. އެތަނުން ބިމެއްދެއްވިޔަސް ވަރަށް އައިޑިއަލް." މޭޔަރ މުއިއްޒު ވިދާޅުވިއެވެ.
ކައުންސިލްގެ މިއަދު ޖަލްސާގައި ބައިވެރިވި 11 މެމްބަރުންގެ ތާއިދާއެކު ނީލަން ފިހާރަ މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ސަރުކާރުގައި އެދުމަށްވަނީ ނިންމާފައެވެ.
ހޯމަ ދުވަހު ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ކޮންޓަރޯލްކުރެވުނީ ގާތްގަޑަކަށް 3 ގަޑިއިރެއްހާއިރު ފަހުންނެވެ. މި ހާދިސާގައި އަނދައިގެން ދިޔަ ސިޓީ ކައުންސިލްގެ އެކޮމަޑޭޝަން ބްލޮކުގައި ތިބި އެންމެން ވަނީ ވަގުތީ ގޮތުން ފަރުކޮޅު ފުށީގައި ކޮވިޑް ވިލެޖް ހިންގިތަނަށް ބަދަލުކޮށްފައެވެ. އެތަނުގައި ތިބީ 202 ބިދޭސީންނެވެ.