މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ކ.ތިލަފުށީ ބޯޓްޔާޑުގައި ފުލް ސްކޭލް އިމަރޖެންސީ އެކްސަސައިޒެއް ފެށިގެން ކުރިއަށް އެބަދެއެވެ. މިއެކްސަސައިޒް ކުރިއަށްދާނީ މެންދުރު 12.00 އިން ފެށިގެން އިރުއޮއްސި 6.00އާ ހަމައަށެވެ.
މިއީ އެމްޓިސީސީގެ ސަލާމަތީ އަދި ތައްޔާރީކަންކަން ކުއްލި ހާލަތުގައި އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެކްސަސައިޒެއް ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މިއެކްސަސައިޒް ކުރިއަށްދާ ގަޑީގައި އެމްޓީސީސީގެ ބޯޓްޔާޑު އެއްކޮށް އިވެކުއޭޓް ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އެވަގުތު ބޯޓުޔާޑުގައި ތިބި ހުރިހާ މުވައްޒަފުން އެތަނުން ނެރެ ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސް މުޅި ބޯޓުޔާޑު ހުސްކުރެވޭނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
އެމްޓީސީސީ ބޯޓުޔާޑަކީ ކ.ތިލަފުށީ އިންޑަސްޓްރިއަލް އޭރިޔާ ސަރަހައްދުގައި ހިންގަމުންދާ އޮޕަރޭޝަނަކަށް ވުމާއެކު މިސަރަހައްދުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، އަދި އެކިއެކި ބޭނުންތަކުގައި ތިލަފުއްޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިކަމުގެ ސަބަބުން ކޮށްފާނޭ ދުމުގެ އަސަރުން ސަމާލުވުމަށް އެމްޓީސީސީންވަނީ ނަސޭހަތްތެރިވެފައެވެ.
އަދި އެކްސަސައިޒް ހިނގަމުންދާ ގަޑީގައި ދުމުގެ އަސަރު ބޮޑަށް ކުރާނަމަ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލައްޕައި ބަންދުކުރުމަށާއި ލޮލާއި ނޭފަތާއި، އަނގަ ރަނގަޅަށް ނިވާކުރުމަށްވެސްވަނީ އެމްޓީސީސީންވަނީ އެދިފައެވެ.
އަދި މިއެކްސަސައިޒުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިންވަނީ މަޢާފަށްވެސް އެދިފައެވެ.