ޚަބަރު

856 ރަންވޭ މޫވްމަންޓާއިއެކު ވީއައިއޭގެ އައު ރެކޯޑެއް


އައު އަހަރާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭއިން އައު ރެކޯޑެއް ޤާއިމްކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނީ މިމަހުގެ 7ވަނަ ދުވަހު ޤާއިމް ކުރި މިރިކޯޑަކީ މިދިޔަ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު ވީއައިއޭއިން ޤާއިމްކުރި ރަންވޭ މޫވްމަންޓް ރެކޯޑަށްވުރެ %275.4 އިތުރު އަދަދެއް ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒންގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަކީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުން ފެށިގެން މަރޗު މަހުގެ ނިޢަލަށެވެ. މިއަހަރުގެ މިހާތަނަށް 42404 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނީ މިމަހުގެ 7 ވަނަ ދުވަހު ވީއައިއޭގެ ރަންވޭ މޫވްމަންޓްގެ އައު ރެކޯޑެއް ޤާއިމްކޮށްފައިވާކަމަށެވެ. އެއީ ޖުމްލަ 856 ރަންވޭ މޫވްމަންޓް ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ. ރަންވޭ މޫވްމަންޓްގެ އަދަދު އިތުރުވެފައިވަނީ ސީޕްލޭން މޫވްމަންޓް އިތުރުވެފައިވާތީ ކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ. އެގޮތުން، މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް 605 ސީޕްލޭން ވީއައިއޭގައި އޮޕަރޭޓްކޮށްފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ވީއައިއޭއިން ރަންވޭގެ އައު ރެކޯޑެއް ޤާއިމްކޮށްފައިވާއިރު، މީގެތެރޭގައި 102 ބައިނަލްއަޤްވާމީ ފްލައިޓާއި، އެތެރޭގެ ދަތުރުތަކުގެ 114 ދަތުރުގެ އިތުރުން، 35 ޖެނެރަލް އޭވިއޭޝަން ހިމެނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިދިޔަ ޑިސެންބަރު މަހު ޤާއިމްކުރީ 228 ރަންވޭ މޫވްމަންޓްގެ ރެކޯޑެކެވެ. އޭގެތެރޭގައި ހިމެނެނީ 104 ބައިނަލްއަޤްވާމީ ފްލައިޓާއި، އެތެރޭގެ ދަތުރުތަކުގެ 104 ދަތުރުގެ އިތުރުން، 20 ޖެނެރަލް އޭވިއޭޝަން ދަތުރެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށެނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރުމަހު ކަމަށްވުމުން މިދުވަސްވަރު ރާއްޖޭގެ މައި އެއަރޕޯޓަށް ބާރުބޮޑުވެއެވެ. އެހެންކަމުން، އެއަރޕޯޓުންދޭ ޚިދުމަތްތައް އެއްވެސް ތާށިކަމެއްނެތި ކުރިއަށްގެންދިއުމަށް ވީއައިއޭގެ ޚިދުމަތްތަކަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މޯލްޑިވްސް އިމިގްރޭޝަނުންވަނީ އިމިގްރޭޝަން ކައުންޓަރުތައްވެސް އިތުރުކޮށްފައެވެ. އޭގެތެރޭގައި ޑިޕާޗަރއަށް 7 ކައުންޓަރ އަދި އެރައިވަލްއަށް 11 ކައުންޓަރ އިތުރުކޮށްފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.