ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަންދާޒާ ކުރިވަރަށްވުރެ ބާރުމިނެއްގައި ކުރިއަރައި، އިގްތިސާދު ފުޅާވެ، ދައުލަތުގެ ރަސްމީ ރިޒާވް ވަރަށް ބޮޑަށް ރަނގަޅުވާން ފަށާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒަވްގައި ހުރީ 827 މިލިއަން އެމެރިކާ ޑޮލަރެވެ. މިގޮތުން ފާއިތުވީ އަހަރުގެ ނޮވެންބަރުމަހާއި އަޅާބަލާއިރު ރަސްމީ ރިޒަރވްއަށް ވަނީ 223 މިލިއަން ޑޮލަރު އިތުރުވެފައެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި ޑިސެންބަރު މަހުގެ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ބޭރުފައިސާއިން 134 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. މިއީ ނޮވެންބަރު މަހާ އަޅާބަލާއިރު 71 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. މިގޮތަށް ބޭރު ފައިސާގެ އާމްދަނީ އިތުރުވެފައިވަނީ ޑިސެންބަރުމަހު ޓީޖީއެސްޓީ ގޮތުގައި ލިބިފައިވާ އާމްދަނީ އާއި ރިޒޯޓުތައް ކުއްޔަށް ހިފާފައިވާ މުއްދަތު (ލީސް ޕީރިއަޑް) އިތުރުކުރުމަށް ދައްކާ ފީ ނިސްބަތުން ގިނަ ރިޒޯޓުތަކަކުން އަދާކޮށްފައިވާވުމާއެކު ރިޒޯޓުތަކުގެ ބިމުކުލީގެ ގޮތުގައި ދައްކާފައިވާ ފައިސާ ނިސްބަތުން އިތުރުވެފައިވާތީކަމަށް ރިޕޯޓުގައި ފާހަގަކުރައްވައެވެ.
މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ރަސްމީ ރިޒަރވް އެންމެ މަތީގައި ހިފެހެއްޓިފައިވަނީ ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައެވެ. މިގޮތުން 2018 ވަނަ އަހަރުގެ ޑިސެންބަރުމަހުން ފެށިގެން 2022 ޑިސެންބަރުމަހުގެ ނިޔަލަށް އެވްރެޖް ގޮތެއްގައި ރަސްމީ ރިޒާވްގައި 817 މިލިއަން ޑޮލަރު ހުރިކަމަށް ހިސާބުތަކުން ދައްކައެވެ. މިއީ ކުރީ ރައީސް ޔާމިންގެ ވެރިކަމުގައި އެވްރެޖް ރިޒާވް ހުރި މިންވަރާ އަޅާބަލާއިރު 39 އިންސައްތަ އިތުރުވުމެކެވެ.
މީގެ އިތުރުން، ރާއްޖޭގެ ރިޒާރވް ފުރަތަމަ ފަހަރަށް 1 ބިލިއަން ޑޮލަރަށް 2021 ސެޕްޓެންބަރުގެ ތެރޭގައި ވަނީ އަރާފައެވެ. މިސަރުކާރުގައި ރިޒާވް އެންމެ ދަށަށް ދިޔައިރުވެސް ރިޒާވްގައި 499.63 މިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ރިޒާވް އެންމެ ދަށަށް ވެއްޓިގެން ދިޔައިރު ރިޒާވްގައި ހުރީ 343.5 މިލިއަން ޑޮލަރެވެ.
ދައުލަތުގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ރިޒާވްވެސް އެންމެ މައްޗަށް ގޮސްފައިވަނީ މިސަރުކާރުގެ ތެރޭގައިކަން ފާހަގަވެއެވެ. ޔޫޒަބަލް ރިޒާވްގެ ތަފްޞީލް ކުރިން ހާމަކުރިނަމަވެސް އެމްއެމްއޭ އިން މިހާރު އެތަފްސީލް ހާމައެއް ނުކުރެއެވެ.
ޔޫޒަބަލް ރިޒާވް އަކީ ރަސްމީ ރިޒާވުން ކުރު މުއްދަތުގައި އަދާކުރަންހުރި ބޭރުފައިސާގެ ލަޔަބިލިޓީތައް އުނިކުރުމުން ބާކީ އޮންނަ ޢަދަދެވެ. މިގޮތުން އެމްއެމްއޭ ގެ ހިސާބުތަކުން ދައްކާގޮތުގައި 2021 ޑިސެންބަރު މަހުގައި ޔޫޒަބަލް ރިޒާވްގައި ހުރީ 419 މިލިއަން ޑޮލަރެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ މައްޗަށް ޔޫޒަބަލް ރިޒާވް ޖެހުނު އިރު ހުރި ޢަދަދާ އަޅާބަލާއިރު 33% (104 މިލިއަން ޑޮލަރު) ގެ އިތުރުވުމެކެވެ.
ޔޫޒަބަލް ރިޒަރވް އެންމެ ދަށް ޙާލަތަކަށް ވެއްޓިފައިވަނީ ރައީސް ޔާމީނުގެ ދައުރުގެ ތެރޭގައެވެ. މިގޮތުން މޭ 2017 ގެ ތެރޭގައި ޔޫޒަބަލް ރިޒަރވް 52 މިލިއަން ޑޮލަރަށް ވެއްޓިގެން ދިޔައެވެ. އެއީ އެވްރެޖް ގޮތެއްގައި އެއް މަސްދުވަހުގެ ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރަން ބޭނުންވާ ބޭރުފައިސާގެ ޢަދަދަށް ވުރެވެސް މަދު އަދަދެކެވެ.
2023 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅިއިރު 2023 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުންނާނެކަމަށް ލަފާކޮށްފައިއޮތީ 638 މިލިއަން އެމެރިކާ ޑޮލަރެވެ. އެހެންނަމަވެސް، ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތް އަންދާޒާ ކުރިވަރަށްވުރެ ބާރުމިނެއްގައި ކުރިއެރުމުގެ ނަތީޖާއަކަށްވީ 2022 ވަން އަހަރު ނިމުނުއިރު ރަސްމީ ރިޒާވް 827 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ.
އަދި ދުނިޔޭގެ އިޤްޠިޞާދަށް ކުރާ ނޭދެވެ އަސަރުތަކުގެ ސަބަބުން، ޚާއްޞަކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ ސަރުކާރުން ތެޔޮ އިމްޕޯޓުކުރަން ކުރާ ހޭދަ ނިސްބަތުން ބޮޑުތަނުން އިތުރުވެ ރިޒާވްގެ ޙާލަތު ހީނަރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންދާކަމަށް ސަރުކާރުން ހާމަކުރެއެވެ. މިގޮތުން 2023 ޖަނަވަރީ 1 އިން ފެށިގެން ޓީޖީއެސްޓީ 12% އިން 16% އަށް އިތުރުކުރުމާއި، ސާކް ފައިނޭންސް ފްރޭމްވަރކްގެ ދަށުން ރިޒަރވް ބޭންކް އެފް އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބޭނުންޖެހިއްޖެ ޙާލަތެއްގައި އެކްސެސްވެވޭނެ 200 މިލިއަން ޑޮލަރުގެ ސްޓޭންޑްބައި ސްވޮޕް ފެސިލިޓީއެއް ހަމަޖައްސާފައި ހުރުމަކީ ރިޒާވް މެނޭޖްކުރުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކެއްކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.
ސަރުކާރުން ރައްޔިތުން ކައިރީ ވިދާޅުވަމުންދިޔަ ގޮތަށް ރާއްޖޭގެ އިގްތިސާދަށް ކުރިއެރުމާއި ފާގަތިކަން އަންނަމުންދާއިރު، މިއީ އެންމެ ނާޒުކު ހާލަތުގައި ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާކަމަށް ވިދާޅުވެ ތަޖުރިބާކާރުން ވަނީ ސަރުކާރުގެ ފިޔަވަޅުތަކަށް ތައުރީފްވެސް ކުރައްވާފައެވެ. ރާއްޖެ ބަނގުރުޓްވާނޭކަމަށް ބަޔަކު ބުންޏަސް، އެއީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން ދައުލަތުގެ މާލީ ހިސާބުތަކާއި ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން ނެރޭ ރިޕޯޓްތަކުން ހާމަވެއެވެ. މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަން އަދިވެސް ކުރިއަރަމުން ދިއުމާއެކު، މި އަހަރަކީވެސް ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބޭނެ އަހަރެއްކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތައްކަމަށްވާ އައިއެމްއެފްއާ ވޯލްޑް ބެންކުންވެސް ވަނީ ހަމަވެފައެވެ..