ޚަބަރު

ކްރިމިނަލް ކޯޓަށް ޤާޟީން ހޯދަނީ


ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުން ވިދާޅުވީ މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައަޅާނީ އެ ކޮމިޝަންގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށެވެ. އަދި މި ފުރުސަތު މިމަހުގެ 24 ވަނަދުވަހުގެ ނިޔަލަށް ހުޅުވައިލާފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.

ޤާޟީކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިިގްރީ ހާސިލްކޮށްފައިވާ މީހަކަށް ވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން 2 އަހަރު ދުވަހު ތަޖުރިބާ ހުރުމަކީވެސް މި މަޤާމަށް ކުރިތިމަތިލާ މީހެއްގެ ޝަރުތެކެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީންނަށް އަސާސީ މުސާރައާއި އެހެނިހެން އިނާޔަތަކާއި އެކު މަހެއްގެ މައްޗަށް 48300 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސްވެސް ލިބިގެންދާނެއެވެ.