ޚަބަރު

ފްލެމިންގޯގެ ލޯބިވެސް ރާއްޖެއަށް، އަނެއްކާވެސް އުތުރުގެ ރަށްތަކަށް


އާއްމުކޮށް ރާއްޖެއިން ނުފެންނަ މި ދޫނީގެ ވާހަކަތައް އެންމެ ބޮޑުވީ 2021 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ރާއްޖޭގެ އުތުރުގެ ރަށްތަކަށް ހިޖުރަކުރި މި ދޫނި ހަމަލޮލުން ބަލާލުމުގެ ފުރުސަތު އެ ހިސާބުގެ ބައެއް ރައްޔިތުންނަށް ލިބިގެންދިޔައެވެ. އަދި އެ ދޫނީގެ ފޮޓޯތަކާއި ވީޑިއޯތައް އާއްމުވެ އެތައް ބަޔަކަށް މި ދޫނީގެ ވާހަކަތައް އެނގިގެންދިޔައެވެ.

އަނެއްކާވެސް މިއަހަރުވެސް ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކުން މީގެ ދޫނިތައް މި ވަނީ ފެންނަން ފަށާފައެވެ. ފްލެމިންގޯ ނުވަތަ ދިވެހި ނަމުން ނަމަ ގުޑުގުޑާ ދޫނި މިދިޔަ ދެތިން ދުވަހު ހދ ކުޅުދުއްފުށިން މިވަނީ ފެންނަން ފަށާފައެވެ.

ކުޅުދުއްފުށްޓަށް ހިޖުރަކުރި މި ދޫނިތަކުގެ ހިތްގައިމު ފޮޓޯތައް މުޅި ރާއްޖެއަށް މި ފަހަރުވެސް މި ދައްކާލީ އެރަށުގެ ޒުވާނެއްކަމަށްވާ ޖައުފަރު އަލީގެ ލެންސުންނެވެ. އޭނާ ވަނީ އިއްޔެ އެރަށު ކުޅީގެ އުފާ ހޯދަމުން ދިޔަ އެތައް ބައިވަރު ގުޑުގުޑާ ދޫނިތަކުގެ ނަލަކަން މުޅި ރާއްޖެއަށް ދައްކާލާފައެވެ. ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ މި ޒުވާނާ އޭނާގެ ލެންސުން ނެގި ހިތްގައިމު ސަޅި ފޮޓޯތައް ބޭނުން ބަޔަކަށް ފަސޭހައިން ބަލާލާ ޝެއަރކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

ރާއްޖެއަށް ހިޖުރަކުރާ މި ފަދަ ދޫނިތަކަށް ގޯނާ ކުރުމަކީ މަނާކަމެކެވެ. ރާއްޖެއަށް ހިޖުރަކުރި ފްލެމިންގޯތަކުން ދޫންޏެއް ހިފާ އޭގެ ފިޔަ ކޮށާލުމަށްފަހު ވިއްކަން ޖެހި މައްސަލައެއް 2021 ވަނަ އަހަރު ފެންމަތިވެފައިވެއެވެ. 30000 ރުފިޔާއަށް މި ދޫނި ވިއްކަން ވައިބަރ ގުރޫޕެއްގައި ޖަހާފައިވަނިކޮށް އެދޫނި ހއ.ބާރަށުން ހޯދާ ފުލުހުންވަނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ހަވާލުކޮށްފައެވެ. އަދި އެ މައްސަލަ ބަލާ ފިޔަވަޅުވެސް އަޅާފައިވެއެވެ.

ހިމާޔަތްކޮށްފައިވާ އެއްވެސް ޖަނަވާރަކަށް ގޯނާއެއްކޮށް ނުވަތަ އެއެއްޗެއްގެ ހާއްޔެއް ހަލާކުކޮށް އެފަދަ އަމަލެއް ހިނގައިފިނަމަ 30،000ރ. އާއި 50،000ރ. ދެމެދު ޖޫރިމަނާ ކުރާނެކަމަށް ޤާނޫނުގައިވެއެވެ.

ހިތްގައިމު މި ދޫންޏަކީ އާއްމުކޮށް ރާއްޖެއިން ނުފެންނަ ދޫންޏެއް ނަމަވެސް މީ ވަކި މޫސުމެއްގައި އެކި ސަރަހައްދުތަކަށް ހިޖުރަކުރަމުން އަންނަ ދޫނިތަކެކެވެ. ބައިބައި ގަނޑަށް ދަތުރުކުރާ މިދޫނިތައް އާއްމުކޮށް ފެންނަނީ ފެން ހެދޭ ކުޅިތައް ހުންނަ ސަރަހައްދުތަކުންނެވެ.

އެންމެންވެސް މި ދޫނިތައް އުޅޭ އުޅުން ބަލާލާށެވެ. އެ ހިފާ އެއަށް ގޯނާކޮށް ނަހަދާށެވެ.