ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ޙާދިސާގައި އަނދާފައިވާ އެކޮމޮޑޭޝަން ބްލޮކްތަކުގައި ދިރިއުޅުނު މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންނަށް ވަގުތީ ހިޔާގެ ގޮތުގައި ހުޅުމާލޭގެ ކޯވިޑް ވިލެޖް ހަމަޖައްސައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ ސިޓީ ކައުންސިލްގެ 202 ބިދޭސީ މުވައްޒަފުން މިހާރު ކޯވިޑް ވިލެޖަށް ބަދަލުކޮށްފައިވާ ކަމަށާއި އެމީހުންނަށް ބޭނުންވާ ކަންކަން އިންތިޒާމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ އެކޮމޮޑޭޝަން ބްލޮކްގައި އުޅެމުންދިޔަ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ވަގުތީ ހިޔާއަކަށް ސަރުކާރުގައި އެދިފައިވާ ކަން މޭޔަރ ޑރ.މުހައްމަދު މުއިއްޒުވެސްވަނީ ހާމަކުރައްވާފައެވެ.
ރޭފަތިހު ނީލަން ފިހާރައިގައި ރޯވި އަލިފާނުގެ ޙާދިސާގައި ގިނަ ބިދޭސީންތަކެއް ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކްތަކެއް ވަނީ އަނދާހުލިވެފައެވެ. މިޙާދިސާގައި އަނދާފައިވާ އެކޮމޮޑޭޝަން ބްލޮކްތަކުގައި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އިތުރުން ރެއިންބޯގެ ބިދޭސީ މުވައްޒަފުން ތިބިއެވެ.
އެކޮމޮޑޭޝަން ބްލޮކްގައި އަލިފާނުގެ ޙާދިސާ ހިނގިއިރު ތިބި ރެއިންބޯގެ 133 ބިދޭސީން އެކުންފުނީގެ އެހެނިހެން އެކޮމޮޑޭޝަން ބްލޮކްތަކަށްވަނީ ބަދަލުކޮށްފައެވެ. .
ނީލަންފިހާރަ ހިމެނޭ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ލަކުޑިއާއި އަލިފާން ހިފާ ޒާތުގެ މުދާ ހުރުމުން އެސަރަޙާއްދުގައި ރޯވި އަލިފާންގަނޑު ވަނީ މަދު ވަގުތުތަކެއްގެ ތެރޭގައި ޖެހިގެން ހުރި އެކޮމޮޑޭޝަން ބްލޮކްތަކަށް ފެތުރިފައެވެ. އަދި އަލިފާން ރޯވާން ފެށުމާއެކު އެކޮމޮޑޭޝަން ބްލޮކްތަކުން ވަގުތުން މީހުން ނެރެ އެތަން ވަނީ ހުސްކޮށްފައެވެ.