ޖައްވު ފުސްވެ، މެދު ރާއްޖެތެރެއަށް ދުރު ފެންނަ މިންވަރު ވެތުވެދިޔަ 24 ގަޑިއިރު 4 ކިލޯ މީޓަރަށް ދަށްވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.
މެޓް އޮފީހުން ވިދާޅުވީ މިދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ވައި ނުސާފްވެ ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ސާފް ދުވަހެއްގައި 10 ކިލޯ މީޓަރަށް ވުރެ ދުރު ފެނުނު ނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރު، ޚާއްސަކޮށް މެދު ރާއްޖެ ތެރެ ސަރަހައްދަށް މިމިންވަރު ހުރީ އެވްރެޖް ގޮތެއްގައި 4 ކިލޯ މީޓަރަށް ދަށްވެފައި ކަމަށް މެޓް އޮފީހުން ހާމަކުރައްވައެވެ.
Observatories in north and central have been reporting low visibility over the past few days.
— Maldives Meteorology (@MetMaldives) January 9, 2023
Follow the thread for precautionary measures by @HPA_MV pic.twitter.com/zBPdjEscks
މެޓް އޮފީހުން ވިދާޅުވީ ދުރު ފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި، ބާރުމިން އަދި ވިއްސާރަވުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
ރާއްޖޭގެ ވައި ނުސާފުވެ ޖައްވު ފުސްވުމުގެ މައްސަލައަކީ މީގެ ކުރިންވެސް ބައެއް ދުވަސްވަރު ރާއްޖެއިން ފެންނަ މަންޒަރެކެވެ. އެގޮތުން މިދިޔަ ޑިސެމްބަރުމަހުވެސް މިމައްސަލަވަނީ ކުރިމަތިވެފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން އޭރު ވިދާޅުވީ ރާއްޖޭގެ ޖައްވުން މި ފެންނަ ބަދަލަކީ، ދުނިޔޭގެ މާ ދުރު ޤައުމުތަކުގެ މޫސުމީ ބަދަލަކާ ގުޅިފައިވާ ކަމެއްކަމަށެވެ. އަދި އެ ހިސާބުތަކުގެ ވައި ޖެހޭ މިސްރާބު ބަދަލުވުމުގެ ސަބަބުން، ރާއްޖޭގެ ސަރަޙައްދުންވެސް މި ބަދަލު ފެންނަނީކަމަށް މެޓް އޮފީހުން އޭރުވަނީ ބުނެފައެވެ.
މިއާއެކު ވައި ނުސާފް ވަގުތުތަކުގައި ރައްކާތެރިކަމަށް ސަމާލުކަން ދޭންވީ ކަންތައްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިންވެސް މީގެ ކުރިންވަނީ ހާމަކުރައްވާފައެވެ.
* ފުއޕާމެގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
* ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުން
* ކުޑަކުދިންނާއި، ދޮށި އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން،
* ތުއްތު ކުދިން ބޭރަށް ނުނެރުން
* ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
* ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑު ޖައްސާލުން