ޚަބަރު

ތުޅާދޫގައި އެއަރޕޯޓް އަޅަން 2 ހަފްތާތެރޭގައި ހަވާލުކުރަނީ


ބ. އަތޮޅު ތުޅާދޫގައި އަޅަން ނިންމާފައިވާ އެއަރޕޯޓްގެ މަސައްކަތް ކުރިޔަށް އޮތް 2 ހަފްތާގެ ތެރޭގައި ބަޔަކާއި ހަވާލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންގެ ތެރެއިން އޭދަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ފުރައިގެން 30 މިނެޓުން ދެވޭނެ އެއަރޕޯޓެއް ތަރައްޤީކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދަތުރުގައި އޭދަފުށްޓަށް ވަޑައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ ވައުދު ފުއްދުމުގައި ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވީ މިހާރުވެސް 3 އެއަރޕޯޓެއްގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެއީ މ. މުލީ އެއަރޕޯޓާއި، ފ. މަގޫދޫ އެއަރޕޯޓާއި، ގދ. ފަރެސްމާތޮޑާއި އެއަރޕޯޓްގެ މަސައްކަތެވެ.

އޭގެއިތުރަށް ހަތަރު އެއަރޕޯޓެއްގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނައިރު ބ އަތޮޅުގައި ތަރައްޤީކުރާ ދެވަނަ އެއަރޕޯޓްގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

"މި އަތޮޅުގައި އިތުރު އެއަރޕޯޓެއް އަޅަން އަޅުގަނޑުމެން ވަނީ ވައުދުވެފައި. ތުޅާދޫގައި އަޅުގަނޑުމެން އަޅަންވީ އެއަރޕޯޓްގެ އެ ވައުދު ފުރިހަމަކުރުމުގައި މިހާރު އޮތީ ކުޑަދުވަސްކޮޅެއް. އިރާދަކުރެއްވިއްޔާ ކުރިޔަށް މިއޮތް ދެތިން ހަފްތާގެ ތެރޭގައި އަޅުގަނޑުންމެން އެކަން ކުރުމަށް ބަޔަކާއި ހަވާލުކުރާނެކަމުގެ ޔަގީންކަން އަޅުގަނޑު މިއަދު އަރުވަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަހަރުގެ މެދުތެރެއަށްދާއިރު ބިން ހިއްކާ އިމާރާތްތަކުގެ މަސައްކަތް ފެށުންކަމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން އެއަރޕޯޓް ބޭނުންކުރެވޭވަރުކުރުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިދިޔަ ހަތަރު އަހަރު ކުރެވުނު ބައެއް މަސައްކަތްތަކަށްވެސް ބައްލަވާލައްވާފައެވެ. އެގޮތުން ސިއްހީ ހިދުމަތް ތަރައްޤީކުރަން ކުރެވުނު މަސައްކަތްތަކާއި ލަފާފުރުން ދަތިރަށްތަކަށް އެކަން ހައްލުކޮށްދެއްވުމަށް ކުރެއްވި މަސައްކަތްތަކާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ އަޅިއަޅުއްވާލައްވާފައެވެ.

ރައީސް ވިދާޅުވީ ބައެއް ފަރާތްތަކުން އޮޅުވާލުމަށް ސަރުކާރުން މަސައްކަތްތަކެއް ނުކުރާކަމަށް ބުނަމުން ދިޔަނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ރަށްރަށުގައި ތަރައްޤީގެ މަޝްރޫއުތައް ހިނގަމުން އަންނަކަމަށެވެ. އަދި އެރަށްރަށުގައި އުޅޭ ރައްޔިތުންނަށް މިކަންކަން ފެނިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.