ޚަބަރު

ޙާލުގައި ޖެހުނު މާލެ ސިޓީ ކައުންސިލްގެ 166 މުވައްޒަފުން ވަގުތީ ހިޔާގައި


ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ޙާދިސާގައި އެސަރަޙައްދުގައި ހުރި އެކޮމޮޑޭޝަން ބްލޮކްތައް އެނދުމުގެ ސަބަބުން 166 މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

ރޭފަތިހު ނީލަން ފިހާރައިގައި ރޯހި އަލިފާނުގެ ޙާދިސާގައި ގިނަ ބިދޭސީންތަކެއް ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކްތަކެއް ވަނީ އަނދާހުލިވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހުސެއިން ވިދާޅުވީ މިޙާދިސާގައި އަނދާފައިވާ އެކޮމޮޑޭޝަން ބްލޮކްތަކުގައި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންނާއި ރެއިންބޯގެ ބިދޭސީ މުވައްޒަފުން ތިބިކަމަށެވެ. މިގޮތުން މާލެ ސިޓީ ކައުންސިލްގެ 166 މުވައްޒަފުން ތިބިކަމަށް ހިސާން ވިދާޅުވިއެވެ. މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝަށް ނިސްބަތްވާ 165 މީހަކާއި އިންޑިއާއަށް ނިސްބަތްވާ އެކަކުކަމަށް ހިސާން ވިދާޅުވިއެވެ. އަދި މިހާރު މިފަރާތްތަކަށް ވަގުތީ ހިޔާއެއްގެ ގޮތުގައި އިމާދުއްދީން ސްކޫލް ހަމަޖައްސައި ކަބޯތަކެތި ފޯރުކޮށްދީފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާއިރު އެކައުންސިލްގެ އެއްވެސް މުވައްޒަފަކަށް މިޙާދިސާގައި އަނިޔާއެއް ލިބިގެން ރިޕޯޓުކޮށްފައިނުވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އެކޮމޮޑޭޝަން ބްލޮކްގައި އަލިފާނުގެ ޙާދިސާ ހިނގިއިރު ތިބި ރެއިންބޯގެ 133 ބިދޭސީން މިހާރު އެކުންފުނީގެ އެހެނިހެން އެކޮމޮޑޭޝަން ބްލޮކްތަކަށް ބަދަލުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. ރެއިންބޯގެ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ 127 އިންޑިއާ މީހުންނާއި 3 ބަންގްލަދޭޝްގެ ރައްޔިތުންނާއި 3 ނޭޕާލްގެ މީހުންކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

ނީލަންފިހާރަ ހިމެނޭ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ލަކުޑިއާއި އަލިފާން ހިފާ ޒާތުގެ މުދާ ހުރުމުން އެސަރަޙާއްދުގައި ރޯވި އަލިފާންގަނޑު ވަނީ މަދު ވަގުތުތަކެއްގެ ތެރޭގައި ޖެހިގެން ހުރި އެކޮމޮޑޭޝަން ބްލޮކްތަކަށް ފެތުރިފައެވެ. އަދި އަލިފާން ރޯވާން ފެށުމާއެކު އެކޮމޮޑޭޝަން ބްލޮކްތަކުން ވަގުތުން މީހުން ނެރެ އެތަން ވަނީ ހުސްކޮށްފައެވެ.