ޚަބަރު

އަލިފާނުގެ ހާދިސާގެ ސަބަބުން ބައެއް ސްކޫލްތަކުގެ ކިޔެވުން ކެންސަލް


މާލޭ ނީލަން ފިހާރައިގައި މިއަދު ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން މާލޭގެ ބައެއް ސްކޫލްތަކުގައި ކިޔަވައިނުދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ރޭ ފަތިހު މާލޭ ނީލަން ފިހާރައިގައި ރޯވެ އަނދަމުން ދިޔުމާއި ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ އެސަރަޙައްދުގައި ހުންނަ އިމާދުއްދީން ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ކިޔެވުން ނުބޭއްވުމަށް ނިންމާފައެވެ. އަދި އެއް ދަންފަޅިއަށް ކިޔަވައިދެމުން އަންނަ އިއްޒުއްދީން ސްކޫލްގެ ކިޔެވުން ފަސްކުރުމަށްވެސް ނިންމާފައެވެ.

އަލިފާނުގެ ޙާދިސާގައި އެސަރަޙައްދުގައި ހުރި އެކޮމޮޑޭޝަން ބްލޮކްތައް އަނދާ ހުލިވުމުގެ ސަބަބުން މިހާރު އިމާދުއްދީން ސްކޫލް ވަނީ ބިދޭސީންގެ ވަގުތީ ހިޔާއަކަށް ބަދަލުކޮށްފައެވެ. އެހެންކަމުން އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލްގެ ހުރިހާ ދަންފަޅިއެއްގައި ކިޔެވުންވެސް އެޑިއުކޭޝަނުން ވަނީ މިހާރު ކެންސަލްކޮށްފައެވެ. މީގެ އިތުރުން މިސަރަޙައްދުގައި ކިޔަވައިދެމުން އަންނަ ޕްރައިވެޓް ސްކޫލެއްކަމުގައިވާ ބިލަބޮންގ އިންޓަރނޭޝަނަލް ސްކޫލްގެ ކިޔެވުންވެސް ވަނީ ކެންސަލްކޮށްފައެވެ.

މާލޭ ނީލަން ފިހާރައިގައި ރޯވެ، އެއްކޮށް ވަނީ އަނދާފައެވެ. 3 ގަޑިއިރަށްވުރެ ގިނަ އިރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުގެ ޓީމާއި އެއަރޕޯޓްސްގެ ފަޔަރ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ.

މިއަލިފާނުގެ ޙާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެގެން ރިޕޯޓުކޮށްފައިނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.