ޚަބަރު

ޓެރަރިޒަމްގެ މައްސަލަތަކާއި އަލިފާނުގެ ހާދިސާތަކާއި ގުޅުމެއް ނެތް: ކޮމިޝަނަރ


ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި އައްޑޫ ސިޓީއިން މިފަހުން ހައްޔަރުކުރި މީހުންގެ މައްސަލަތަކާއި މާލޭގައި ހިނގި އަލިފާނުގެ ހާދިސާތަކާއި ގުޅުމެއް ނެތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

މިއަދު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ނީލަން ފިހާރައިގެ އަލިފާނުގެ ހާދިސާއާއި އެންމެފަހުން ހިނގި އަލިފާނުގެ ހާދިސާގެ ތަޙްޤީގުކުރަމުން އަންނަކަމަށެވެ. އަދި މިހާތަނަށް ބެލިބެލިމުން މިއިން އެއްވެސް ހާދިސާއެއް ހިނގާފައިވަނީ ވަކި ކަމަކާއި ގުޅިގެން، ބަޔަކު ގަސްދުގައި ކުރިކަމަކުންކަން ސާބިތުވާ ވަރުގެ ހެއްކެއް ނެތްކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ މީގެކުރިން ހިނގާފައިހުރި އަލިފާނުގެ ބޮޑެތި ހާދިސާތައް ތަޙްޤީގު ކުރުމަށްޓަކައި ބޭރުގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ދާދި ފަހުން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި، އިންޒާރުތަކެއް ދީފައިވާއިރު، އަލިފާނުގެ ހާދިސާތަކާއި އެކަމާއި ގުޅުމެއް ނެތްކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ނަމަވެސް ސަލާމާތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ޕޮލިހުންގެ ގުނަންތަކާއި އެމްއެންޑީއެފްއާއި ކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތަކުން މަސައްކަތް ކުރަމުން އަންނަކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި އައްޑޫގައި އިންޒާރުތަކެއް ދިން މައްސަލައާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އަޅަމުން އަންނަކަމަށްވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރުވެސް މި އަންނަނީ މަސައްކަތް ކުރަމުން. މިހާރު ރާއްޖޭގައި ހިނގަމުން އަންނަ ކަންކަމަށް ބަލާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިތުރު ފުޔަވަޅުތައް އަޅަން ޖެހޭ. މިގޮތުން މާލެއާއި ތޮޅުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މިއަންނަނީ ތައްޔާރުވަމުން." ސީޕީ ހަމީދު ވިދާޅުވިއެވެ.

ކޮމިޝަނަރ ވަނީ މާލޭގައި ފަސޭހައިން އަލިފާނުގެ ހާދިސާތައް ހިނގާފާނެ ތަންތަނާމެދު މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ގަސްދުގައި މިފަދަ ކަމެއް ކުރާނެކަމަށް ބެލޭވޭނަމަ އެ މަޢުލޫމާތު އަވަހަށް ހިއްސާކުރުމަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން މާލެ އާއި ކ. ގުރައިދޫ އަދި އައްޑޫގައި ހިންގި އެ އޮޕަރޭޝަންގައި ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ އިން ދެ މީހަކާއި ގުރައިދޫން ދެ މީހަކާއި އައްޑޫން ނުވަ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

އެ އެންމެން ދޫކޮށްލަން ގޮވާލައި، އިންޒާރުތަކެއް ލިޔެފައިވާ ކަރުދާސްތަކެއް އައްޑޫގެ ބައެއް ތަންތަނުގައި ބަޔަކު މީހުން ތައްކޮށްފައި ހުއްޓާ ވަނީ ފެނިފައެވެ.