ޚަބަރު

އިންތިހާބުތަކުގެ ކަވަރޭޖް ގެނެސް ދެމުންދަނީ ވަކި ފަރާތަކަށް ނުޖެހި، ހަމަހަމަކޮށް: ޕީއެސްއެމް


ކުރިއަށް އޮތް ރިޔާސި އިންތިހާބުގެ ކަވަރޭޖް ގެނެސް ދެވޭނީ ބްރޯޑްކާސްޓިންގ ޤަވާއިދުތަކާއި އަދި އެޑިޓޯރިއަލް ގައިޑްލައިނާއި އެއްގޮތުގެ މަތީން، ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކޮށްކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ހާމަކޮށްފިއެވެ.

ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހާރު ހިނގަމުންދާ ވާދަވެރި ކެމްޕެއިންގައި ހުރިހާ ފަރާތެއް ޝާމިލްވާގޮތަށް ހަމަހަމަކޮށް މައުލޫމާތާއި ޚަބަރު ގެނެސްދެމުން ދާކަމަށެވެ. އަދި ކޮންމެ ފަރާތެއްގެ ކޭމްޕޭނެއްގެ ޚަބަރުތައްވެސް ގެނެސްދެމުން ދަނީ އެފަރާތަކުން ހިންގާ ހަރަކާތުގެ މައްޗަށްކަމަށް ޕީއެސްއެމްއިން ހާމަކުރެއެވެ.

މިހަރަކާތްތައް ކަވާކުރުމުގައި ޕީއެސްއެމްގެ ސޯޝަލް މީޑިޔާ މެދުވެރިކޮށް އާމުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި ޚަބަރު ގެނެސްދެމުން ދާއިރު އެޚަބަރަކާއި ގުޅޭ ފަރާތްތަކުގެ ހޭޝް ޓެގްތަކާއި އެހެނިހެން ޑިޖިޓަލް ބްރޭންޑިންއާއި ގުޅުވިފައި ވާނެކަމަށް ޕީއެސްއެމްއިން ބުނެއެވެ. އަދި މިކަން ކުރަމުން ދަނީ ހުރިހާ ފަރާތެއް ހަމަހަމަ ވާގޮތަށް ވީހައިވެސް ގިނަ މީޑިއަމްތަކުން ތަފާތު ގިންތިތަކުގެ ރައްޔިތުންނަށް ހާމަކަންބޮޑު ގޮތެއްގައި ޚަބަރާއި މައުލޫމަތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށްވެސް ޕީއެސްއެމްގެ ބަޔާނުގައިވެއެވެ.

ޕީއެސްއެމްގެ ސޯޝަލް މީޑިއާ ހޭންޑަލްތަކަށް އަޕްލޯޑް ކުރެވޭ އިންތިހާބުގެ އެންމެހައި މަޢުލޫމާތާއި ޚަބަރުތައް ގެނެސްދެވޭނީ ވަކި ފަރާތަކަށް ތާއިދުކުރެވޭ ނުވަތަ ހިތްވަރުދެވޭ ފަދަ ގޮތަކަށް ނޫނެވެ.

ޕީއެސްއެމްގެ ބަޔާނުގައި ބުނީ އެ ކުންފުނީގެ މަޤްސަދަކީ ރިޔާސީ އިންތިހާބުގެ ކަވަރޭޖް ރައްޔިތުންނަށް ދެފުއް ފެންނަ ގޮތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ޕީއެސްއެމް އިލްޒާމްވާގޮތަށް އެކިފަރާތްތަކުން މައުލޫމާތު ފެތުރުމުގެ ކުރިން އެކަމަކާއި ގުޅިގެން ޕީއެސްއެމްގެ ބަހެއް ނުހޯދައި އާއްމުންނަށް އޮޅުންއަރާ ގޮތަށް ޕީއެސްއެމްގެ ބްރޭންޑްއިމޭޖްއަށް ގެއްލުންވާގޮތަށް މައުލޫމާތު ނުފެތުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ގޮތަށް ފަތުރާ މަޢުލޫމާތުގެ ސަބަބުން ޕީއެސްއެމްއާ ދޭތެރޭ އާއްމުން ދެކޭގޮތް ބަދަލުވާކަންވެސް ޕީއެސްއެމުން ފާހަގަކުރެއެވެ.