ޚަބަރު

ފަހުގެ އަލިފާނުގެ ހާދިސާތަކަށް ހާއްސަ ތަހުޤީގެއް


މާލޭ އާ އަތޮޅު ތެރޭގައި ދާދި ފަހުން ހިނގާފައިވާ އަލިފާނުގެ ހާދިސާތައް ތަހުޤީގުކުރުމަށް ހާއްސަ ތަހުޤީގެއް ފަށާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ މިއަދު ފަތިހުގެ ވަގުތެއްގައި މާލޭގައި ހުންނަ ނީލަން ފިހާރާާއިގައި ރޯވެ އަނދަމުން ދަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ. ހަމީދުވަނީ މި ހާދިސާތައް ތަހުޤީގުކުރުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ އެކަމަށް އެދިވަޑައިގެންފައެެވެ.

ރޭ ފަތިހު 05:40 ގައި މާލޭގައި ހުންނަ ނީލަން ފިހާރައިގައި ހިފި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ 2 ގަޑިއަރަށްވުރެ ގިނަ އިރު ވީ ފަހުންނެވެ. މި އަލިފާންގަނޑު ފެތުރި ނީލަން ފިހާރައާއި އިންވަގެން ހުންނަ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން އެކޮމެޑޭޝަން ބްލޮކުގައި ރޯވެ އެތަންވެސް ވަނީ އަނދާ ހުލިވެފައެވެ. ގާތްގަޑަކަށް 180 މީހުން ދިރިއުޅޭ މިތަނުގައި ރޯވި އިރު އެއްބަޔަކު އެތަނުގައި ނިދާފައި ތިބިކަމަށްވެއެވެ. މި އެންމެންވެސް އެތަނުން މިހާރު ވަނީ ނެރަފައެވެ.

މާލޭގެ ދެކުނު ފަރާތުގެ ކުރީގެ ކުނި ކޮއްޓާއި އިންވެގެން ހުނަ ނީލަން ފިހާރައަކީ ގިނަ އަދަދެއްގެ ލަކުޑިއާއި ފިލާގެ އިތުރުން ޕްލާސްޓިކް ހުންނަތަނެކވެ. މިތަނުގައި ރޯވި އަނަދަމުން ދިޔައިރު ބާރު އަޑުފައްގަޑާއިއެކު އެއްޗެހިތަކެއް ގޮވަމުން ދިޔަ އަޑުއިވިފައިވެއެވެ.

މާލޭގައި އެންމެ ގިނައިން އަލިފާނުގެ ހާދިސާ ހިނގާފައިވާ ތަނަކީ މިއީއެވެ. ކޮންމެ ދެތިން އަހަރަކު އެއްފަހަރު މިތަނުގައި އަލިފާނުގެ ހާދިސާާއެއް ހިނގައެވެ. އަދި ކޮންމެ ފަހަރަކުވެސް ރޯވި އަލިފާންގަނޑު ނިންވާލެވެނީ އެތައް ގަޑިއިރެއްގެ މަސައްކަތުންނެވެ. ތަނުގައި ރޯވާ ކޮންމެ ފަހަރަކުވެސް އެތަނުން ނީލަން ފިހާރަ ނަގާ ވާގަކަ އިވެމުންދެއެވެ. އަދި ދުވަސްކޮޅަކަށް ތަން ހުސްވުމަށްފަހު އަނެއްކާވެސް އެތަނުގައި އެ މަސައްކަތް ފަށައެވެ.

މާލޭ ސަރަހައްދުގައި ދާދި ފަހުން ނުރައްކާތެރި ދެ އަލިފާނުގެ ހާދިސާއެއް ހިނގައި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މިދިޔަ ނޮވެމްބަރުމަހުގެ 09 ވަނަދުވަހުގެ ރޭ މ . ނިރުފެހި ގޭގެ ތިރީގައި ހުރިި ގަރާޖެއްގައި ރޯވެ 10 މީހެެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ހުސް ބިދޭސީންނެވެ.

އޭގެ ފަހުން ޑިސްމެބަރު 16 ވަނަ ދުވަހުގެރޭވެސް މާލޭ ސަރަހައްދުގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެފަހަރު އަލިފާން ރޯވީ ގުޅިފަޅުގައި މީހުން ދިރިއުޅުމަށް ހަދާފައިވާ އެކޮމަޑޭޝަން ބްލޮކެއްގައެވެ. 600 ވުރެ ގިނަ މިހުން ދިރިއުޅެމުން ދިޔަ މިތަނުގައިވެސް އަލިފާން ރޯވެފައިވަނީ އެތަނުގައި ދިރިއުޅޭ ބައެއް މީހުން ނިދަން ތިއްބައެވެ. މި ހާދިސާގައި އެކަކުގެ ފުރާނަ ވަނީ ގެއްލިފައެވެ. މި މިހާ ނިޔާވިކަންވެސް އެނގުނީވެސް އޭނާގެ ހަބަރެއް ނުވެގެން އޭނާއާއި އެކު މަސައްކަތް ކުރާ މީހުން އިހްތިޖާޖުކުރަން ފެށުމުން އެކަން ބަލަމުންދަނިކޮށެވެ. އަދި އެމީހާގެ ހަށިގަނޑުކަމަށް ބެލެވޭ ބައެއް ފެނިފައިވަނީ އޭގެ އަނެއްދުވަހުގެ ވަގުތެއްގައެވެ.

މިމަހުގެ 6 ވަނަދުވަހުވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. ހުޅުމާލޭ އެމްއޭސީއެލްގެ ފްލެޓްތައް ކައިރީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ގާތްގަޑަކަށް ދޮޅު ގަޑިއިރުފަހުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. އެހެންނަމަވެސް ރޯވި އަލިފާންގަނޑުގެ ބޯ ދުން މުޅި ސަރަހައްދަށް ފެތުރިގެންދިޔައެވެ.

އަތޮޅުތެެރޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކަށް ބަލާއިރު މިދިޔަ ދެ ދުވަހު ވަނީ އަލިފާނުގެ ދެ ހާދިސާ ހިނގާފައެވެ. މިމަހުގެ 7 ވަނަދުވަހު ރ. އަލިފުށީގައި ކުނި ގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެ ހާދިސާއަށް 24 ގަޑިއިރުވެސް ނުވަނީސް އިއްޔެ ވަނީ ގދ. ފިޔޯރީ ސްކޫލްގެ ބައު އިމާރާތުގައި ރޯވެ ވަނީ އަނދާފައެވެ. މި ހާދިސާގައިވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނުމަވެސް އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ފެތުރި މުޅި ތަން އެއްކޮށް ވަނީ އަނދާ އަޅިއަށްވެފައެވެ.