ޚަބަރު

ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި


މިއަދު ހެނދުނު ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރުކަމަށެވެ. އަދި އެމްއެންޑީއެފްއިން ކުރި މަސައްކަތުން ހެނދުނު 8:00 އެހާކަންހާއިރު ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ.

ނީލަން ފިހާރައިގެ އުތުރުފަޅިން ރޯވި މި އަލިފާންގަނޑު ނިއްވާލުމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގޭއިރު، ފުލުހުން ދަނީ އެ އެކަން ތަހުގީގްކުރަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ނާއިބު ރައީސް ފައިސަލް ނަސީމް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޕްލޭންތަކެއް ހަދަމުންދާކަމަށެވެ. އަދި އެ ޕްލޭންތައް އެކުލަވާލަމުން ދަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކުކަމަށެެވެ.


އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ ވަޑައިގެންފައެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލްކުރެވި، އިތުރަށް ނުފެތުރޭނެކަމަށް ފަޔަރ ފައިޓަރުން މައުލޫމާތު ދެއްވާފައިވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި ހާދިސާއާއި މިފަދަ އެހެނިހެން ހާދިސާތަކުގެ ބޮޑު ތަހުޤީޤެއް ކުރިއަށްދާކަމަށެވެ. އަދި މީގެކުރިން މާލެގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގްތައް ބޭރުގެ ފަރާތްތަކުގެ އެހީގައި ކުރިއަށްދާކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނީލަން ފިހާރައިގައި އަލިފާނުގެ ހާދިސާ ހިނގިއިރު، އެތަނާއި ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކްގައި ގިނަ އަދަދެއްގެ މުވައްޒަފުން ތިއްބެވެ. އަދި ނީލަން ފިހާރައިގައި ރޯވިކަން އެނގުމާއެކު އެ އެންމެން ވަނީ އެ ތަނުން ނެރެފައިކަމަށްވެސް މައުލޫމާތު ލިބެއެވެ. އެ ތަނުގައި ތިބި މީހުންނަށް ކަމާއި ބެހޭ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އެމީހުން މި ވަގުތު ތިބީ އިމާދުއްދީން ސްކޫލްގެ ތެރޭގައެވެ.