ޚަބަރު

ފިޔޯރީ ސްކޫލްގައި އަލިފާން ރޯވި އިމާރާތް އަނދާ ހުލިވެއްޖެ


ގދ. ފިޔޯރީ ސްކޫލްގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އިމާރާތް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެންއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު 5 ޖަހާ އެހާކަށްހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފިޔޯރީ ސްކޫލްގެ ބައު ހޯލް އިމާރާތުގައެވެ. މިހާދިސާ ހިނގީ ސްކޫލް ބަންދު ވަގުތެއްގައި ކަމަށްވުމުން އެއްވެސް މީހަކަށް އަދި ކުއްޖަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

އަލިފާން ރޯވި އިމާރާތުގައި 5 ކްލާސް ރޫމް ހުރެއެވެ. އޭގެ ތެރެއިން 3 ކްލާސް ރޫމަކީ ދަރިވަރުން ކިޔަވާ ކްލާސް ރޫމްތައް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ކްލާސްރޫމުތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށެވެ. އިމާރާތުގެ ފާރުން ބަޔަކާއި ފުރާޅުން ބައެއް ވެއްޓި އިމާރާތް ހުރީ ބަންދުވެފައިކަމަށެވެ. އެރަށަށް ފަޔަމަނުން ދިޔައިރުވެސް އަލިފާން ހުރީ ކޮންޓްރޯލް ކޮށްފައިކަމަށާއި އަނގުރު އަލިފާނުގެ އަސަރު ހުރުމާއެކު ކޮންމެވެސް ވަރަކަށް އަދިވެސް ދުން އަރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވިނަމަވެސް ސްކޫލާ ހަވާލާދީ އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ އެތާގައި ހުރި ކަރަންޓު ޑިސްޓްރިބިޔުޝަން ބޯޑެއްގައި ކަމަށެވެ.

ފިޔޯރީ ސްކޫލުން ބުނީ މި ހާދިސާ ހިނގިއިރު ގުދަނުގައި ގިނަ އަދަދެއްގެ ފޮތާއި، އައު ގޮނޑި އާއި މޭޒުފަދަ ތަކެތިވެސް ހުރި ކަމަށެވެ.

ފިޔޯރީ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއް ނަމަވެސް މިހާދިސާ އާއި ގުޅިގެން މާދަމާއިން ފެށިގެން ދެ ދަންފަޅިއަކަށް ބަހާލައިގެން ކިޔަވައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެސްކޫލުން ހާމަކުރެއެވެ.