ޚަބަރު

ކިއްސަރު ފެއަރ އަޑޫ ސިޓީ ހިތަދޫގައި ފަށައިފި


ޒުވާނުންނަށް ޚާއްޞަ 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތުތާއެކު ކިއްސަރު ފެއަރ އަޑޫ ސިޓީ ހިތަދޫގައި ފަށްޓަވައިފިއެވެ. މި ފެއަރ ހުޅުއްވައިދެއްވީ ޔޫތު މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ މުޙައްމަދު މާހިދު ޝަރީފާއި އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤެވެ.ކިއްސަރު ފެއަރަކީ ޒުވާނުންނަށް ރާއްޖޭގައި ވަޒީފާގެ ބާޒާރުގެ ހުރި ފުރުސަތުތައް ބުނެދީ، އެ ފުރުޞަތުތައް ތަނަވަސްކޮށްދީ، ވަޒީފާތަކަށް ޝައުޤުވެރިކުރުވައި، އަދި ކަމާބެހޭ މަޢުލޫމާތު ޒުވާނުންނަށް ދެއްވުމަށް ބާއްވަވާ ފެއަރއެކެވެ. މިފެއަރ ބާއްވަވާތާ މިހާރު 5 އަހަރު ފާއިތުވެއްޖެއެވެ. އަދި އަތޮޅުތަކުގައި މިފެއަރ ބާއްވަވާތާ 2 އަހަރުވެއްޖެއެވެ. މިފަހަރުގެ ފެއަރ މި ބާއްވާ އައްޑޫ ސިޓީއަކީ މިއަހަރު މިފެއަރ ބާއްވަވާ 3 ސަރަޙައްދުގެ ތެރެއިން ފުރަތަމަ ފެއަރ ބާއްވާ ސަރަޙައްދެވެ.38 ސްޓޯލާއެކު އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކުރިއަށްގެންދާ ކިއްސަރު ފެއަރއިން ގާތްގަނޑަކަށް 500 ވަޒީފާގެ ފުރުޞަތު އަލަށް ހުޅުވިގެންދާނެ ކަމަށް ފެއަރ އިންތިޒާމް ކުރައްވާ ޔޫތު މިނިސްޓްރީން ލަފާކުރައްވައެވެ. ކިއްސަރު ފެއަރގައި ސްޓޯލްތަށް ހިންގާ ފަރާތްތަކުގެ ތެރޭގައި ނޭޝަނަލް ކެރިއަރ ގައިޑެންސް ސްންޓަރ، ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތައް، އަދި ސަރުކާރުގެ ބައެއް އިދާރާތައް ހިމެނެއެވެ.މީގެތެރެއިން ނޭޝަނަލް ކެރިއަރ ގައިޑެންސް ސްންޓަރުން ވަޒީފާއަށް ޒުވާނުން ތައްޔާރުކުރުމުގެ ގިނަ ޕްރޮގްރާމްތަކެއްވެސް ހިންގަވާނެކަމަށް އެސެންޓަރުން ވިދާޅުވެއެވެ. ފެއަރ ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ މުޙައްމަދު މާހިދު ޝަރީފް ވިދާޅުވީ، މިފެއަރއަކީ އައްޑޫ ސިޓީގައި ހުރި އޮފީސްތަކާއި ކުންފުނިތަކުގެ ވަޒީފާތަކަށް އައްޑޫގެ ޒުވާނުން ނެރުއްވުމަށް ދެއްވާ ހިއްވަރެއްގެ ގޮތުގައި ފާހަގަކުރެވިގެންދާކަމަށެވެ. އަދި ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ރާއްޖޭގެ އެކި ކަނކޮޅުތަކުގައި އެބަހުރި ކަމަށާއި އެފަދަ ފުރުޞަތުތަށް ދެނެގަންނަން ޒުވާނުންނަށް ދަސްކޮށްދޭން ޖެހޭކަމަށް މާހިދު ވިދާޅުވިއެވެ.އައްޑޫ ސިޓީގެ ފަރާތުން ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ މިފަދަ ފެއަރތަކަށް އައްޑޫ ސިޓީގެ ޒުވާނުން ނުހަނު ބޭނުންވެފައި ވާކަމަށެވެ. އަދި މިފަދަ ފެއަރތައް ކޮންމެ އަހަރަކުވެސް ބޭއްވޭނެ އިންތިޒާމް ހަމަޖެހިގެން ހިނގައްޖެނަމަ ވަޒީފާގެ ބާޒާރަށް ނުކުތުމަށް ޒުވާނުންނަށް އިތުރު ހިއްވަރެއް ލިބިގެން ދާނެކަމަށް ޞާދިޤް ވިދާޅުވިއެވެ.އައްޑޫ ސިޓީގައި ބާއްވާ 2 ދުވަހުގެ މި ފެއަރގެ ތެރެއިން ހުޅުވިފައިވާ ފުރުސަތުތަކަށް ބަލާއިރު ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ހުޅުވާލައިފައިވާ ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ. އެގޮތުން އެ ކުންފުނިން އައްޑޫސިޓީ ހުޅުމީދޫގައި މިއަހަރު ހުޅުވާ މަސްފެކްޓްރީގެ ގާތްގަނޑަކަށް 200 ވަރަކަށް ވަޒީފާގެ ފުރުސަތާ ގުޅޭގޮތުން އެކުންފުނިން ގެންދަނީ ފެއަރގައި މަޢުލޫމާތުދެމުންނެވެ.ކިއްސަރު ފެއަރއަކީ 2007 ވަނަ އަހަރުން ފެށިގެން، ޒުވާނުންނަށް ހުރި ވަޒީފާއާއި ތަޢުލީމުގެ ފުރުޞަތުތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވުމަށް ބާއްވަވާ ފެއަރއެކެވެ. އައްޑުއަތޮޅުގެ އިތުރަށް މިއަހަރު ކިއްސަރު ފެއަރ ބާއްވަވާ 2 ސަރަޙައްދަކީ މާލެއާއި ހދ. ކުޅުދުއްފުއްޓެވެ. މިއީ 3 ސަރަޙައްދެއްގައި މި ފެއަރ ބާއްވަވާ ފުރަތަމަ ފަހަރެވެ. މިއަހަރު ފެއަރ ބާއްވަވާ އަނެއް ދެ ސަރަޙައްދު އިޢުލާން ކުރެއްވިނަމަވެސް އަދި ފެއަރ ބާއްވަވާ ތާރީޚް އިޢުލާނެއް ނުކުރައްވައެވެ.