ޚަބަރު

ނަތަންޔާހޫގެ ލާއިންސާނީ ސަރުކާރާ ދެކޮޅަށް އިސްރާޢީލުގެ ރައްޔިތުން ތެދުވެއްޖެ


އިސްރާޢީލުގެ އައު ސަރުކާރާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ތެދުވެ، މުޒާހަރާ ކުރަން ފަށައިފިއެވެ. ބެންޖަމިން ނަތަންޔާހޫގެ ސަރުކާރަކީ އިސްރާޢީލުގެ ތާރީޚުގައި ވެސް މިހާތަނަށް އުފެދުނު އެންމެ ނުރައްކާތެރި ސަރުކާރު ކަމަށް ބުނެވިދާނެއެވެ. ސަބަބަކީ، އެއީ ހަރުކަށި ފިކުރަށް ތާޢީދުކުރާ ކަނާތު ފިޔައިގެ ޕާޓީތަކުގެ މައްޗަށް އެކުލެވިގެންވާ ސަރުކާރެކެވެ.

ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އެތަކެއް ހާސް ރައްޔިތުންނެއް ވަނީ ތެދުވެފައެވެ. އެންމެ ބޮޑު މުޒާހަރާ ބާއްވާފައި ވަނީ ބަނދަރުމަތީ ރަށެއް ކަމުގައިވާ ޓެލް އަވީވުގައެވެ. އެ މުޒާހަރާގައި އެތައް ހާސް މީހުން ބައިވެރިވިއެވެ.

މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި ނަތަންޔާހޫގެ ސަރުކާރަކީ ޑިމޮކުރަސީއަށް އޮތް ނުރައްކާތެރި ބިރެކެވެ. އަދި ޑިމޮކުރަސީގެ ހަލާކެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ނަތަންޔާހޫގެ ސަރުކާރު ވެގެންދާނީ ފާސިޒަމްއާއި ނަސްލީ ތަފާތުކުރުންތައް ބޮޑު ސަރުކާރަކަށެވެ. މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ނަތަންޔާހޫއަކީ "ކުށްކުރާ މިނިސްޓަރު"ގެ ގޮތުގައި ވެސް ސިފަކޮށްފައެވެ.

2022 ނޮވެންބަރު 1 ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރައްވައި، ނަތަންޔާހޫ ވެރިކަމާ ހަވާލުވެ ވަޑައިގަތީ ހަރުކަށި ފިކުރަށް ތާޢީދުކުރާ ޕާޓީތަކުގެ ތާޢީދާއެކުގައެވެ. އަދި، އެ ޕާޓީތަކުގެ އިސްވެރިން މިހާރު ތިބީ އައު ސަރުކާރުގައި މިނިސްޓަރުންގެ މަޤާމުތަކުގައެވެ. މީގެ ތެރެއިން އެއް ބޭފުޅަކީ ވަރަށް ޖައްބާރު ބޭފުޅެއް ކަމުގައިވާ އިތަމާރް ބެން-ގުވީރެވެ. އޭނާއަކީ ޤައުމީ ސަލާމަތާ ބެހޭ ވަޒީރެވެ.

ދާދި ފަހުން ބެން-ގުވީރު ވަނީ މުސްލިމުންގެ މުޤައްދަޞް ބިމުގައިވާ މަސްޖިދުލް އަޤްޞާއަށް ގޮސް، މުސްލިމުންނަށް ފުރައްސާރަކޮށްފައެވެ. މަސްޖިދުލް އަޤްޞާ ހުންނަ ޓެމްޕްލް މައުންޓަކީ ޔަހޫދީންނަށް ވެސް މުހިންމު ތަނެއްގެ ގޮތުގައި ސިފަކޮށް ބެން-ގުވީރު ބުނީ، އެ ތަނަށް ޔަހޫދީންނަށް ވަނުމުގެ ފުރުޞަތު ދިނުން ހުއްޓައި ނުލެވޭނެ ކަމުގައެވެ. އަދި، އެ ތަނަށް ވަންނަ ޔަހޫދީންނަށް އިންޒާރުދޭ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަތަންޔާހޫގެ ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ޓެކުހަށް އޮޅުވައިލި ކަމަށް އަމިއްލަ އިޢުތިރާފުވެފައިވާ މީހަކު ވެސް ހިމެނެއެވެ. އަދި، ފަލަސްޠީނުގެ ގިނަ އަދަދެއްގެ މުސްލިމުންތަކެއް ޝަހީދު ކުރުމުގެ ފަހަތުގައިވާ ގާތިލެއްގެ ފޮޓޯ އަމިއްލަ ގޭގައި ހަރުކޮށްގެން އުޅޭ ވަޒީރެއް ވެސް ހިމެނެއެވެ.

73 އަހަރުގެ ނަތަންޔާހޫގެ މައްޗަށް ވެސް ކޮރަޕްޝަންގެ ތުހުމަތުތައް ހުށަހެޅި، މިހާރު ވެސް ދަނީ ޝަރިޢަތް ކުރަމުންނެވެ. އޭނާއަކީ ޔަހުދީންގެ ދަޢުލަތުގެ ބޮޑުވަޒީރުކަމުގެ މަޤާމު އެންމެ ގިނަ ދުވަހު ފުރުއްވާފައިވާ ބޭފުޅާއެވެ. 1996 އިން 1999 އަށް، އަދި 2009 އިން 2021 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ އެ މަޤާމު ފުރުއްވާފައެވެ.

އޭނާގެ ސަރުކާރުތަކަކީ، ފަލަސްޠީނުގެ އެތަކެއް ސަތޭކަ މުސްލިމުންނެއްގެ ލޭއޮހޮރުވައިލުމުގެ ފަހަތުގައިވާ ސަރުކާރުތަކެކެވެ. އޭނާގެ އައު ސަރުކާރަކީ ވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު ބިރުވެރިކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. ޖައްބާރު ނަތަންޔާހޫ މިހާރު ވެސް ވަނީ، ޔަހޫދީން އަތްގަދަކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރަން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

އަދި، ފަލަސްޠީނަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާތައް ހިފަހައްޓާނެ ކަމުގެ އިންޒާރު އޭނާ މިހާރު ވެސް ވަނީ ދެއްވާފައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުން ބަނޑަށް ޖައްސައި، ނިކަމެތި ކޮށްލާނެ ކަމަށް އޭނާ ގެންދަވަނީ ފާޅުގައި ވިދާޅުވަމުންނެވެ. މި ކަމާ ދެކޮޅަށް އ.ދ.ގެ ޢާންމު މަޖިލީހުން ތެދުވުމުން، އެ މަޖިލީހުގެ އެންގުންތަކަށް ބޯނުލަނބާނެ ކަމަށް ވިދާޅުވެ، އޭނާ ގެންދަވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ގޮންޖައްސަވަމުންނެވެ.