ޚަބަރު

އެގްރިސެންޓަރުން 250 ދަނޑުވެރިންގެ އުފެއްދުން މާކެޓަށް


އެސްޓީއޯގެ އެގްރި ސެންޓަރުން މިދިޔަ އަހަރު 250 ދަނޑުވެރިންގެ އުފެއްދުންތައް މާކެޓަށް ނެރެފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

ދިވެހި ދަނޑުވެރިން އުފައްދާ ދަނޑުވެރިކަމުގެ ތަކެތި ގަނެ، ދަނޑުވެރިންނަށް ހަމައަގު ހޯދައިދިނުމުގެ ބޭނުމުގައި އެސްޓީއޯއިން އެގްރި ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވީ 2021 ވަނަ އަހަރުއެވެ.

ކުރިން އެސްޓީއޯގެ ކޮންސްޓަރަކްޝަން ސާމާނު ވިއްކަމުންދިޔަ އިމާރާތުގައި ހުޅުވާފައިވާ މި ސެންޓަރުން ދިވެހި ދަނޑުވެރިން އުފައްދާ 17 ބާވަތެއްގެ އުފެއްދުންތައް އަންނަނީ ގަންނަމުންނެވެ. އޭގެތެރޭގައި ކަރާ، ކެޕްސިކަމް، ޓޮމާޓޯ، ކައްޓަލަ، ދަނޑިއަލުވި، އަދި ކިޔުކަންބާ ފަދަ ބާވަތްތައް ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯއިން ވިދާޅުވީ ނިމުނު 2022 ވަނަ އަހަރު އެގްރި ސެންޓަރުން 250 ދަނޑުވެރިންގެ 35028.43 ކިލޯގެ އުފެއްދުންތައް މާކެޓަށް ނެރެފައިވާކަމަށެވެ. މިއީ ޖުމްލަ 86458.14 ރުފިޔާކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. ދަނޑުވެރިންގެ އުފެއްދުންތައް އެގްރި ސެންޓަރުން ގަތުމަށްފަހު، ތިން ދުވަހުގެ ތޭރޭގައި ފައިސާ ދަނޑުވެރިންނަށް ލިބޭނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.

އެސްޓީއޯއިން އެގްރި ސެންޓަރުގެ ނަމުގައި ދަނވެރިކަމުގެ ބާވަތްތަކަށް ޚާއްޞަކޮށް ސެންޓަރެއް ހުޅުވި އެންމެ މުހިންމު އެއް ބޭނުމަކީ، ދަނޑުވެރިކަމުގެ ތަކެތި އިމްޕޯޓްކުރުން މަދުކޮށް ފުޑްސެކިއުރިޓީ ފުޅާކުރުމެވެ. މި ސެންޓަރުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އެސްޓީއޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އއ. ތޮއްޑޫގައި ވަނީ އެގްރި ސެންޓަރުގެ އައުޓްލެޓެއް ހުޅުވާފައެވެ.

މީގެއިތުރުން، ދަނޑުވެރިން އުފައްދާ ތަކެތި އެސެންޓަރު މެދުވެރިކޮށް ރިސޯޓްތަކަށް ވިއްކުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އެގްރި ސެންޓަރުން ދަނޑުވެރިންގެ އަތުން ގަންނަ ބާވަތްތައް ދަނީ ހޯލްސޭލްކޮށް ވިޔަފާރިތަކަށް ވިއްކަމުންނެވެ. މިއާއެކު ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަންކޮށް، އެކަމުން ދަނޑުވެރިންނަށް ލިބެންޖެހޭ ނަފާ ފުރިހަމަ ގޮތުގައި ލިއްބައިދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެހެންކަމުން އެސްޓީއޯއިން ދަނޑުވެރިންނަށް ފަހިކޮށްދީފައިމިވަނީ ވިޔަފާރިއެއްގެ ގޮތުގައި ދަނޑުވެރިކަން ކުރެވޭނެ އަދި އެކަން ފުޅާކުރެވޭނެ މަގެއްކަން އެސްޓީއޯއިން ފާހަގަކުރެއެވެ.