މާލޭގެ މިސްކިތްތައް މަރާމާތުކުރަން މާލެ ސިޓީ ކައުންސިލަށް ފައިސާ ހަމަޖައްސައިދީފައިވާކަމަށާއި، ނަމަވެސް ސިޓީ ކައުންސިލަށް ދޫކުރި ފައިސާއަށް ހެދި ގޮތެއް ހާމަކޮށްފައިނުވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިހެން ވިދާޅުވީ މާލެ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް ފައިސާ ނެތްކަމަށް ބުނެ، މިސްކިތްތައް މަރާމާތުކުރުމަށް ފަންޑް ރައިސިންގ ހަރަކާތެއް ސިޓީ ކައުންސިލުން ބޭއްވުމާއި ގުޅިގެނެވެ.
މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވާ، މިސްކިތްތައް މަރާމާތުކުރުމަށް އިސްލާމިކް މިނިސްޓްރީ ކޮންމެ އަހަރަކަށްވެސް ވަކި ބަޖެޓެއް ކަނޑައަޅައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ 2020 ވަނަ އަހަރު އެމަސައްކަތް ކުރުމަށް 1 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލަށް ދޫކޮށްފައިވާނެކަމަށެވެ. އަދި ފައިސާ ބޭނުންކުރާ ގޮތުގެ ރިޕޯޓު ހުށައެޅުމަށް އެންގުމުން އެގޮތަށް ޢަމަލުނުކުރުމުން 2021 ވަނަ އަހަރުވެސް އެފައިސާ ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ކައުންސިލަށް އަންގާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް 2021 ވަނަ އަހަރުވެސް އެފާއިސާ ބޭނުންކުރި ގޮތުގެ ރިޕޯޓު ހުށަނާޅާތީ ސުވާލުކުރުމުން ސިޓީ ކައުންސިލުން އެފައިސާ ބޭނުން ނުކުރާ ކަމަށާއި އެފައިސާ އެބަހުރިކަމަށް އޭރު ބުނެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވީ 2022 ވަނަ އަހަރުވެސް 2 މިލިއަން ރުފިޔާގެ ބަޖެޓެއް މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ކަނޑައަޅާ، އެކަން ސިޓީ ކައުންސިލަށް އެންގިކަމަށެވެ. ނަމަވެސް ފައިސާ ދޫކުރުމުގެ ބަދަލުގައި މިސްކިތްތައް މަރާމާތުކުރުމަށް ފަހު ހިނގާ ބިލްތައް މިނިސްޓްރީއަށް ހުށައެޅުމުން އެބަޖެޓުން ފައިސާ ހަމަޖެހޭނެކަން އަންގާފައިވީ ނަމަވެސް ސިޓީ ކައުންސިލުން މިދިޔަ އަހަރުވެސް އެފަދަ އެއްވެސް މުޢާމަލާތެއްކޮށް މިނިސްޓްރީއާއި ހިއްސާކޮށްފައިނުވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން މާލޭގެ މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް މިވީ 3 އަހަރުގެ ތެރޭގައި 3 މިލިއަން ރުފިޔާގެ ބަޖެޓެއް ދޫކޮށްފައިވާއިރު އެފައިސާގެ ބޭނުންނުކޮށް މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތުކުރަން ފަންޑު ހޯދާތީ އިސްލާމިކް މިނިސްޓަރ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މާލޭގައި ހުރި މިސްކިތްތައް ބަލަހައްޓާ އެތަންތަނުގެ އާބާތުރަ ފިލުވުމާއި މަރާމާތުކުރަންޖެހޭނަމަ މިނިސްޓްރީއިން ދޭ ބަޖެޓުގެ ތެރެއިން އެމަސައްކަތް ކުރުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. މިވޭތުވެދިޔަ 3 އަހަރު ތެރޭގައި މާލޭގެ މިސްކިތްތަކުގެ އެފަދަ އެއްވެސް މަސައްކަތެއް ކުރިކަން މާލެ ސިޓީ ކައުންސިލުން އެއްވެސް ގޮތަކަށް އިސްލާމިކް މިނިސްޓްރީއާ ހިއްސާކޮށްފައިނުވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.