ޚަބަރު

ތޫނިސްގެ އައްސޭރިފަށަށް ބޯޓެއް ފެތި ފަސް މީހުން މަރުވެއްޖެ


ގިނަ އަދަދެއްގެ ފަސިންޖަރުންނާ އެކު ތޫނިސުން ފުރައިގެން އިޓަލީވިލާތަށް ދަތުރުކުރަން މަސައްކަތްކުރި ބޯޓެއް ފެތި، އޭގައި ދަތުރުކުރަމުން ދިޔަ ފަސް މީހުން މަރުވެއްޖެއެވެ. މި ބޯޓަކީ، ޤަވާޢިދާ ޚިލާފަށް އިޓަލީވިލާތަށް ހިޖުރަކުރަން މަސައްކަތް ކުރި ބަޔަކު ގޮވައިގެން ދަތުރުކުރި ބޯޓެކެވެ. ބޯޓު ފެތިފައި ވަނީ ތޫނިސްގެ ރަށެއް ކަމުގައިވާ ސަޤާފިސްގެ އައްސޭރިފަށުގެ ސަރަޙައްދަށެވެ.

މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް ދަތުރުކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ބޯޓު ފެތުނު ހާދިސާގައި 10 މީހަކު ކަނޑަށް ގެއްލިފައިވާ ކަމުގައި ތޫނިސްގެ ކޯސްޓްގާޑުން ބުނެއެވެ. މި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން އިތުރު 20 މީހަކު ވަނީ ސަލާމަތް ކޮށްފައެވެ. ބޯޓުގައި ދަތުރުކޮށްފައި ވަނީ ރެފިޔުޖީންނެވެ.

އެފްރިކާއާއި މެދުއިރުމަތީގެ ޤައުމުތަކުގެ ރައްޔިތުން ޤަވާޢިދާ ޚިލާފަށް ވިލާތުގެ ޤައުމުތަކަށް ދަތުރުކުރުމަށް ބޭނުންކުރާ އެއް މަރުކަޒަށް ތޫނިސް ވެފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. މީގެ ތެރެއިން ވެސް، އެ ޤައުމުގެ އިރުމަތީ އައްސޭރިފަށުގައިވާ ސަޤާފިސް ފާހަގަކޮށްލެވެއެވެ.

މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން މަސައްކަތް ކުރުމުގެ ތެރޭގައި 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކަނޑުވެގެން މަރުވެފައިވާ މީހުންގެ އަދަދު 25,000 އަށް އަރާކަމަށް އ.ދ.ގެ އިދާރާއެއް ކަމުގައިވާ އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޯރ މައިގްރޭޝަންއިން ބުނެއެވެ.

ތޫނިސް މަގުން ޤަވާޢިދާ ޚިލާފަށް އިޓަލީވިލާތަށް ހިޖުރަކުރާ މީހުންގެ ތެރޭގައި އެފްރިކާގެ ޤައުމުތަކުގެ ރައްޔިތުން ގިނައެވެ. އެ މީހުން ހިޖުރަކުރަނީ ފަގީރުކަމުންނާއި ދާޚިލީ ހަނގުރާމަތަކުން ސަލާމަތްވުމުގެ ބޭނުމުގައެވެ. ފަހަކަށް އައިސް، އިޓަލީވިލާތަށް ހިޖުރަކުރާ ތޫނިސްގެ ރައްޔިތުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

2022 ވަނަ އަހަރުގެ ތެރޭގައި ތޫނިސްގެ 18,000 ރައްޔިތުން އިޓަލީވިލާތަށް ހިޖުރަކޮށްފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. މީގެ ތެރޭގައި 2,000 އަށްވުރެ ގިނަ ކުޑަކުދިން ވެސް ހިމެނޭއިރު، މީގެ ތެރޭގައި ޤަވާޢިދާ ޚިލާފަށް އިޓަލީވިލާތަށް ހިޖުރަ ކޮށްފައިވާ މީހުން ވެސް ހިމެނެއެވެ.

2022 ވަނަ އަހަރުގެ ޖަނަވަރީ މަހުން ޖުލައި މަހުގެ ނިޔަލަށް މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކޮށްފައިވާ މީހުންގެ އަދަދު 42,500 އަށް އަރާ ކަމުގައި ވިލާތުގެ އިދާރާތަކުން ބުނެއެވެ. މިއީ، 2021 އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 44 އިންސައްތަ އިތުރުވުމެކެވެ.

2022 ވަނަ އަހަރު އިޓަލީވިލާތަށް ހިޖުރަކޮށްފައިވާ މީހުންގެ އަދަދު 102,000 އަށް އަރައެވެ. އޭގެ ކުރީ އަހަރު ޤަވާޢިދާ ޚިލާފަށް އެ ޤައުމަށް އެތެރެވެފައިވާ މީހުންގެ އަދަދަކީ 66,500 އެވެ. މި އަދަދު އެންމެ މައްޗަށް އަރާފައި ވަނީ 2016 ވަނަ އަހަރެވެ. އެ އަހަރު 181,000 މީހުން އިޓަލީވިލާތަށް ހިޖުރަކޮށްފިވެއެވެ.