ފަލަސްޠީނަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ހިފަހައްޓާނެ ކަމަށް ޔަހޫދީންގެ އައު ސަރުކާރުން ބުނެފިއެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން މި ގޮތަށް އަމަލު ކުރަން ނިންމާފައި ވަނީ، ވެރިކަމާ ހަވާލުވުމަށް ފަހު ބޭއްވި ކެބިނެޓުގެ ފުރަތަމަ ބައްދަލުވުމުގައެވެ. އޭނާގެ ސަރުކާރަކީ ކަނާތު ފިޔައިގެ ހަރުކަށި ފިކުރަށް ތާޢީދުކުރާ ޕާޓީތަކުގެ މައްޗަށް އެކުލެވިގެންވާ ސަރުކާރެކެވެ.
ޔަހޫދީންގެ ދަޢުލަތް ކަމުގައިވާ އިސްރާޢީލުން ފަލަސްޠީނަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ހިފަހައްޓަން ނިންމާފައި މި ވަނީ، އިސްރާޢީލާ ދެކޮޅަށް ފަލަސްޠީނުން އ.ދ.ގައި ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ކަމުގައި ނަތަންޔާހޫގެ ސަރުކާރުން ބުނެއެވެ. ފަލަސްޠީނުގެ ދައުލަތަކަށް ކަސްޓަމް ޑިޔުޓީއާއި ޓެކުހުގެ ގޮތުގައި ލިބޭ ފައިސާއާ ފުރަތަމަ ހަވާލު ވަނީ ޔަހޫދީންނެވެ.
ފަލަސްޠީނަށް އާމްދަނީ ލިބޭނެ މަގުތައް ކޮންޓްރޯލް ކުރުމަކީ، އެ ޤައުމުގެ މުސްލިމުންނަށް ދުއްތުރާއާއި ފުރައްސާރަ ކުރުމަށް ޔަހޫދީން ބޭނުންކުރާ އުކުޅެކެވެ. އަދި، ފަލަސްޠީނުގެ ސަރުކާރަށް ދަތިކުރުމުގެ ގޮތުން މި ފައިސާތައް ހިފެހެއްޓުމަކީ، ޔަހޫދީންނަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ޔަހޫދީންގެ ޖައްބާރު ސަރުކާރަށް އުފާވެރިކަން ލިބޭ ކަމެކެވެ.
ޔަހޫދީންގެ ދަޢުލަތާ ދެކޮޅަށް ފަލަސްޠީނުން ސިޔާސީ ގޮތުންނާއި ޤާނޫނީ ގޮތުން ހަނގުރާމަ ކުރަމުންދާ ކަމަށް އިސްރާޢީލުން ތުހުމަތު ކުރެއެވެ. އަދި، އ.ދ. މެދުވެރިކޮށް އިސްރާޢީލަށް ފުރައްސާރަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ފިޔަވަޅު ނާޅައި އިސްރާޢީލުން ބަލަން ނޯންނާނެ ކަމުގައި ނަތަންޔާހޫގެ ސަރުކާރުން ބުނެއެވެ.
ޔަހޫދީން އިޝާރާތްކޮށްފައި މި ވަނީ، އިސްރާޢީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގެ މައްސަލަ ބަލައިދިނުމަށް އ.ދ.ގެ ޢާންމު މަޖިލީހުން ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު (އައި.ސީ.ޖޭ)ގައި އެދުމުނު މައްސަލައަށެވެ. އ.ދ.ގެ ޢާންމު މަޖިލީހުން އިސްރާޢީލުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމަށް އައި.ސީ.ޖޭ.އަށް ހުށަހަޅާފައި ވަނީ ފަލަސްޠީނުގެ އެދުމުގެ މަތިންނެވެ.
މި ކަމާ މެދު ގޮތެއް ނިންމުމަށް އ.ދ.ގެ ޢާންމު މަޖިލީހުގައި ނެގި ވޯޓު ފާސްވީ 87 މެންބަރުންގެ ތާޢީދާއެކުގައެވެ. މި ޤަރާރާ ދެކޮޅަށް 26 މެންބަރުން ވޯޓުލިއެވެ. އަދި، 53 ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. މި ޤަރާރާ މެދު ހުޅަނގުގެ ޤައުމުތައް އޮތީ ދެބައިވެފައެވެ.
މި ކަމާ ނުރުހުން ފާޅުކޮށް އިސްރާޢީލުން ބުނީ، ފަލަސްޠީނަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ 40 މިލިޔަން ޑޮލަރު ހިފަހައްޓާނެ ކަމުގައެވެ. އަދި، އެ ފައިސާ ޚަރަދު ކުރާނީ، ފަލަސްޠީނު ރައްޔިތުންގެ ހަމަލާތަކުގައި މަރުވެފައިވާ ޔަހޫދީންގެ ޢާއިލާތަކަށް ބަދަލު ދިނުމަށް ކަމުގައެވެ. އަދި، 2022 އަހަރު ޝަހީދުކޮށްލާފައިވާ މީހުންނަށް ބަދަލުގެ ގޮތުގައި ފަލަސްޠީނުން ދީފައިވާ ފައިސާއާ އެއްވަރުގެ އާމްދަނީއެއް ހިފަހައްޓާނެ ކަމުގެ އިންޒާރު ވެސް ޔަހޫދީންގެ ދަޢުލަތުން ވަނީ ދީފައެވެ.
މީގެ އިތުރުން، ހުޅަނގު އައްސޭރީގެ ބައެއް ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢުތައް ހުއްޓުވަން ވެސް ޔަހޫދީންގެ ކެބިނެޓުން ވަނީ ފާސްކޮށްފައެވެ. މި އަމަލުތަކުން ދޭހަވަނީ ޔަހޫދީންގެ ސަރުކާރުގެ ޖައްބާރުކަމާއި އިސްތިއުމާރީ ބާރުވެރިކަމަށް ކުރާ ތާޢީދުގައި ކަމުގައި ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އަދި، މި ފަދަ ބިރުދެއްކުންތަކަށް ފަސް ނުޖެހޭނެ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.
އަދި، މިނިވަންކަމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޖިހާދު ހުއްޓައިލަން ބާރު ނާޅާނެ ކަމަށާއި، އިސްރާޢީލުގެ އަޅުވެތިކަމުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލާނެ ކަމުގައި ވެސް ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން ވެސް ވަނީ ޔަހޫދީންގެ ނިންމުންތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.