ޚަބަރު

މަސްތުވާތަކެތީގެ ބޮޑެއް ކަމުގައިވާ އެލް ޗާޕޯގެ ދަރިފުޅު ހައްޔަރުކޮށްފި


މަސްތުވާތަކެތީގެ ވިޔަފާރީގެ މަޝްހޫރު ބޮޑެއް ކަމުގައިވާ ހޮއަކީން "އެލް ޗާޕޯ" ގުޒްމަންގެ ދަރިފުޅު އޮވިޑިޔޯ "އެލް ރާތޯން" ގުޒްމަން ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މެކްސިކޯގެ ފުލުހުންނާއި ސިފައިން ގުޅިގެން މެކްސިކޯގެ ހުޅަނގުއުތުރުގައިވާ ކުލީއަކާންގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އޭނާ މިހާރު ވަނީ މެކްސިކޯ ސިޓީއަށް ގެންގޮސްފައެވެ.

އެލް ޗާޕޯއަކީ މެކްސިކޯގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއް ގުރޫޕު ކަމުގައިވާ ސިނަލޯއާ ކާރޓެލްގެ އިސްވެރިޔާއެވެ. 2017 ވަނަ އަހަރުން ފެށިގެން އެލް ޗާޕޯ ހުރީ އެމެރިކާގެ ޖަލެއްގައެވެ. މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެ، އޭނާގެ މައްޗަށް އެމެރިކާއިން ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެލް ޗާޕޯ ހައްޔަރު ކުރި ފަހުން، ސިނަލޯއާ ކާރޓެލްގެ ވިޔަފާރި ބަލަހައްޓަމުން ގޮސްފައި ވަނީ އެލް ރާތޯންއެވެ.

އެލް ރާތޯން ހައްޔަރުކޮށްފައި ވަނީ، ފުލުހުންނާއި ސިފައިންނާ އެލް ރާތޯންގެ ގުރޫޕުގެ ހަތިޔާރު އެޅި މީހުންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކަކަށް ފަހު ކަމުގައި މެކްސިކޯގެ ސަރުކާރުން ބުނެއެވެ. މި ކުރިމަތިލުންތަކުގައި ޖުމުލަ 29 މީހުން މަރުވިއެވެ. މީގެ ތެރޭގައި ސިފައިންގެ 10 މީހުން ހިމެނޭ ކަމުގައި މެކްސިކޯއިން ބުނެއެވެ.

އެލް ރާތޯން ހައްޔަރުކޮށްފައި މި ވަނީ ހަ މަސް ދުވަހަށް ދެމިގެންދިޔަ ދިގު އޮޕަރޭޝަނަކަށް ފަހު ކަމުގައި މެކްސިކޯގެ އަސްކަރިއްޔާއިން ބުނެއެވެ. އޭނާ ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަންގައި އޭނާގެ ގުރޫޕަށް ނިސްބަތްވާ 19 މީހަކު މަރުވި ކަމަށާއި، އިތުރު 21 މީހަކު ހައްޔަރުކޮށްފައިވާ ކަމުގައި އެ ޤައުމުގެ ދިފާޢީ ވަޒީރު ލުއީސް ކްރެސެންސިޔޯ ވިދާޅުވިއެވެ. މި ހާދިސާގައި ސިފައިންގެ އިތުރު 35 މީހަކު ޒަޚަމުވި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އެލް ރާތޯން މެކްސިކޯ ސިޓީއަށް ގެންދިޔުމަށް ދަތުރުކުރި މެކްސިކޯގެ އަސްކަރީ މަތިންދާބޯޓަށް ވެސް އޭނާގެ ގުރޫޕުގެ މެންބަރުން ވަނީ ހަމަލާދީފައެވެ. އެ މީހުން ވަނީ އެލް ރާތޯން ސަލާމަތްކުރަން މަސައްކަތް ކޮށްފައެވެ. ހަމަލާތަކުގައި ގެއްލުން ލިބި އަސްކަރީ މަތިންދާބޯޓު ކުއްލި ހާލަތުގައި އަނބުރާ ކުލީއަކާންގެ ވައިގެ ބަނދަރުގައި ޖައްސަން ޖެހުނެވެ. އެލް ރާތޯންގެ ގުރޫޕުގެ މެންބަރުން ވަނީ އަސްކަރީ އިތުރު މަތިންދާބޯޓަކާއި ފަސިންޖަރުން އުފުލާ މަތިންދާބޯޓަކަށް ވެސް ހަމަލާދީފައެވެ.

އެލް ރާތޯން އުޅޭނޫޅޭ ތަނެއްގެ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 5 މިލިޔަން ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް އެމެރިކާއިން އޮތީ އިޢުލާނުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި މި ވަނީ، އެމެރިކާގެ ރައީސް ޖޯ ބައިޑަން މެކްސިކޯއަށް ދަތުރުފުޅެއް ކުރެއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މިއީ، އުތުރު އެމެރިކާގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ބައިޑަން ކުރައްވާ ދަތުރުފުޅެކެވެ.