ޚަބަރު

މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ސިޓީ ކައުންސިލުން ފަންޑް ރެއިސިންގ އިވެންޓެއް


ކުރިއަށް އޮތް ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތުކުރުމަށް މާލެ ސިޓީ ކައުންސިލުން ޚާއްސަ ހަރަކާތެއް ފަށައިފިއެވެ.

"ޗާލު މިސްކިތް" މި ނަމުގައި ދެ ދުވަހުގެ މުއްދަތަކަށް އާޓިފިޝަލް ބީޗުގައި ކުރިއަށްގެންދާ މި ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ކައުންސިލަށް ދީފައިވަނީ އެއް މިލިއަން ރުފިޔާ ކަމަށާއި މާލެ ސަރަހައްދުގެ މިސްކިތްތަކުގެ މަރާމާތަށް އިތުރަށް ފައިސާ ބޭނުންވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ އެކްޝަން ޕްލޭނުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދީގެން ހިމަނާފައިވާނީ މާލެ ސަރަހައްދުގެ މިސްކިތްތައް ޒީނަތްތެރިކޮށް ބެހެއްޓުންކަން ފާހަގަކުރައްވާ މޭޔަރ ވިދާޅުވީ، އެކަމަށް ސަރުކާރުގެ އިތުރުން އާންމުންގެ އެހީ ވެސް ބޭނުންވާ ކަމަށެވެ.

މުޢިއްޒު ވިދާޅުވިގޮތުގައި މިހާރުވެސް މާލޭގެ މިސްކިތްތަކުގެ މަރާމާތަށް 10 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ކުރިއަށް ވެސް މަސައްކަތްތަކެއް ހުރި އިރު މި އިވެންޓަކީ ރަމަޟާން މަހަށް ބޭނުންވާ އާބާތުރަފިލުވުމަށް ފަންޑު ހޯދާ އިވެންޓެއްކަން ފާހަގަކުރެއްވިއެވެ. މޭޔަރ ވިދާޅުވީ، މީގެ ކުރިންވެސް މިސްކިތްތަކުގެ މިފަދަ ކަންކަމަށް އާންމުންގެ ބޮޑު އެހީއެއް ލިބޭ ކަމަށާއި، އެކަމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

މި ހަރަކާތް ދެ ދުވަހަކަށް ކުރިއަށް ގެންދިޔަ ނަމަވެސް އެހީވާން ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭނެކަން މޭޔަރ ފާހަގަކުރެއްވިއެވެ. އެގޮތުން މި ހަރަކާތުގެ ތެރެއިން ފަންޑު ފޮށިތައް ބަހައްޓާފައި ހުރި އިރު އޭގެ އިތުރަށް އޮންލައިންކޮށް ޓްރާންސްފަރ ކުރުމާއި، ސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ ޕޯޓަލްއެއް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ މަގުވެސް ވަނީ ފަހިކޮށްދީފައެވެ.

އާޓިފިޝަލް ބީޗުގައި ބާއްވާ މި ހަރަކާތުގެ ތެރެއިން މިއަދާއި މާދަމާގެ ހަވީރު ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ފޭސް ޕެއިންޓިންއާއި، އެކި ކަހަލަ ގޭމުތައް ހިމެނޭ އިރު، މިރެއާއި މާދަމާގެ މުޅި ދުވަހު ވެސް ފައިސާ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.