ޚަބަރު

އަނިޔާވާ ވެލާކަހަނބު ބޭރަށް އެކްސްޕޯޓްކުރަން ދޫކުރާ ހުއްދަ ދިނުން ހުއްޓާލައިފި


ރިހިބިލިޓޭޓް ނުކުރެވޭ ވެލާކަހަނބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ދޭ ޚާއްސަ ހުއްދަ ދޫކުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އީޕީއޭއިން ވިދާޅުވީ މިހުއްދަ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ ވެލާ ކަހަނބުގެ މެނޭޖްމަންޓް ޕްލޭން ގެޒެޓްކުރެވެންދެންކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ ވެލާކަހަނބުތަކުގެ ތެރެއިން އެކި ބާވަތުގެ އަނިޔާ ލިބި، ނުކުޅެދުންތެރިކަން ކުރިމަތިވެ، އޭގެ ޤުދުރަތީ މާޙައުލަށް އަނބުރާ ދޫނުކުރެވޭ ވެލާކަހަނބު ރާއްޖެއިން ބޭރުގެ 'އެކުއޭރިއަމްތަކަށް' އަންނަނީ އެކްސްޕޯޓުކުރަމުންނެވެ. އެކަން ކުރުމަށް އީޕީއޭގެ ޚާއްސަ ހުއްދައެއް ބޭނުންވެއެވެ.

އީޕީއޭއިން ވިދާޅުވީ ވެލާ ކަހަނބުގެ މެނޭޖްމަންޓް ޕްލޭން ގެޒެޓްކޮށް މިކަމުގައި ވަކިގޮތެއް ނިންމާ ޢިއުލާންކުރަންދެން މިފަދަ ވެލާ ކަހަނބު ރާއްޖެއިން ބޭރަށް ފޮނުވަން ދޫކުރާ ހުއްދަ ދޫކުރުން މަޑުޖައްސާލާފައިވާކަމަށެވެ.

ރާއްޖޭގެ ކަނޑުތަކުން އެކި ބާވަތުގެ ވެލާކަހަނބު ފެނެއެވެ. މިފަދަ ވެލާކަހަނބަށް ރާއްޖޭގެ ކަނޑުގެ ވެށިން އެކި ކަހަލަ އަނިޔާތައް ލިބޭ މަންޒަރު މަދުންނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯ/ވީޑިއޯތަކުން ފެނެއެވެ. މިގޮތުން މަސްބާނާން ބޭނުންކުރާ ދަލުގައި ޖެހުމާއި ޕްލާސްޓިކް ފުޅިފަދަ ތަކެތީގައި ތާށިވުމުގެ ސަބަބުން އެކި އަނިޔާތައް ލިބިފައިވާ ވެލާތައް ފެނެއެވެ. ހަމައެއާއެކު ޕްލާސްޓިކްގެ ކެވިގެން ވެލާ މަރުވާ ނިސްބަތްވެސް އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި ދެކޮޅަށް ޙަރަކާތްތެރިވާ ފަރާތްތަކުގެ އެބައޮތެވެ.