ޚަބަރު

ކެމްޕެއިންގައި ރައީސް ސާލިހު ރ.އަތޮޅުގައި، ރައީސް ނަޝީދު މެދުރާއްޖެތެރޭގައި


އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއާއި ރައީސް މުހައްމަދު ނަޝީދު އަތޮޅުތަކަށް ކުރައްވާ ކެމްޕެއިން ދަތުރުތަކެއް ފަށައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ކެމްޕެއިންގެ ފޯރިގަދަވެފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ގެންދަވަނީ ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ.

ޕްރައިމަރީގެ ފޯރިގަަދަވެފައިވާއިރު، ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން ދަތުރުފުޅެއް މިއަދު ވަނީ ރ.އަތޮޅުގެ ބައެއް ރަށްތަކަށް ފަށްޓަވާފައެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ.އަތޮޅު މާކުރަތަށެވެ. މާކުރަތަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާއެވެ.


މިދަތުރުފުޅުގައި ރައީސް ސާލިހު ވަނީ މާކުރަތުގައި ހަރަކާތްތެރިވާ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެ ރަށުގެ ބައެއް ރައްޔިތުންނާއިވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

ރައީސް ސާލިހުގެ އިތުރުން ޕްރައިމަރީގައި ވާދަކުރައްވާ މަޖިލިސް ރައީސް، އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް މިއަދު ވަނީ އއ، އދ، ދ. އަދި ފ އަތޮޅަށް ވަނީ ކެމްޕެއިން ދަތުރުފުޅެއް ފަށްޓަވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ އއ. ތޮއްޑޫއަށެވެ. ތޮއްޑޫއަށް ވަޑައިގެން ރައީސް ނަޝީދު ވަނީ އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.


ރައީސް ނަޝީދުގެ އަރިހުގައި އެމަނިކުފާނުގެ ކެމްޕެއިންގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެމްޑީޕީން މިހާރު ވަނީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށްފައެވެ.