ޚަބަރު

ސޫރިޔާގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޙަމަލާދީފި


ސޫރިޔާގެ އިރުމަތީގައިވާ ދީރް އުއްޒޫރް ޕުރޮވިންސުގައި އެމެރިކާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒަކަށް ރޮކެޓު ހަމަލާތަކެއް ދީފިއެވެ. އެ މަރުކަޒަކީ އެމެރިކާ ސިފައިންގެ އިތުރުން، އެ ޤައުމުން ވާގިވެރިވާ ސޫރިޔާގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ބޭނުންކުރާ މަރުކަޒެކެވެ. މި ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.

އަސްކަރީ މަރުކަޒަށް ހަމަލާދިނުމުގެ ފަހަތުގައި ވަނީ އީރާނުން ވާގިވެރިވާ ހަތިޔާރުއެޅި ޖަމާޢަތްތައް ކަމުގައި ސީރިޔަން އޮބްޒަރވޭޓަރީ ފޯރ ހިޔުމަން ރައިޓްސްއިން ބުނެއެވެ. އެ ޖަމުޢިއްޔާއަކީ ސޫރިޔާގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ ޖަމުޢިއްޔާއެކެވެ.

މި ހަމަލާއަކީ، މީގެ ތިން އަހަރު ކުރިން މަރައިލާފައިވާ އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިސަރެއް ކަމުގައިވާ ޖެނެރަލް ޤާސިމް ސުލައިމާނީގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމަށް ބެވޭ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ. ސުލައިމާނީ މަރައިލި ހާދިސާއަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަނީ އޭނާގެ މަރުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ސުލައިމާނީއަކީ، އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސްގެ އެންމެ ބާރުގަދަ ގޮފި ކަމުގައިވާ ޤުދްޞް ފޯސްގެ އެންމެ އިސްވެރިޔާއެވެ. އޭނާ މަރައިލުމަށް އަމުރު ކޮށްފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. 62 އަހަރުގެ ސުލައިމާނީ މަރައިލާފައި ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހެވެ. އޭނާ މަރައިލާފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއިން ދިން ޑްރޯން ހަމަލާއެއްގައެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާތަކުގެ ޒިންމާ އީރާނުގެ ކޮނޑުގައި އަޅުވާފައިވީ ނަމަވެސް، އެމެރިކާއިން އެ ކަމާ މެދު އެއްޗެއް ބުނެފައެއް ނެތެވެ. ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ މައި މަރިކަޒު (ސެންޓްކޮމް)އިން ވަނީ ދީރް އުއްޒޫރުގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ރޮކެޓް ހަމަލާތަކެއް ދީފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އެއްވެސް ފަރާތަކަށް ތުހުމަތުގެ އިނގިލި ދިއްކޮށްފައެއް ނުވެއެވެ.

އެ މަރުކަޒަކީ، އެމެރިކާއިން ވާގިވެރިވާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް)ގެ ހަނގުރާމަވެރިން ބޭނުންކުރާ މަރުކަޒެކެވެ. އެއީ، ކުރުދީ ދަރިކޮޅުގެ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތެކެވެ. އެ ޖަމާޢަތުން ވަނީ، އައި.އެސް. ޖަމާޢަތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިސް ދައުރެއް އަދާކުރާ ޖަމާޢަތެކެވެ.

އައި.އެސް.އާއި އީރާނުން ވާގިވެރިވާ ހަތިޔާރުއެޅި އެހެން ޖަމާޢަތްތަކުން ދޭތެރެދޭތެރެއިން ދަނީ ސޫރިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ހަމަލާދެމުންނެވެ. އެމެރިކާ ސިފައިންނަށް އަމާޒުކޮށް ސޫރިޔާގެ އިރުއުތުރުގައިވާ ހަސާކާ ޕުރޮވިންސުގައި 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ވެސް މި ފަދަ ހަމަލާތަކެއް ދިނެވެ. ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ އީރާނުން ވާގިވެރިވާ ޖަމާޢަތްތަކާ ދެކޮޅަށް ޔަހޫދީންގެ އިސްރާޢީލުން ވެސް ދާދިފަހުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ދިމިޝްޤުގެ މައި ވައިގެބަނދަރަށް އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން ވައިގެ ހަމަލާތަކުގައި ހަތަރު މީހުން ވަނީ މަރައިލާފައެވެ. މި ހަމަލާތަކުގައި މަރުވި ހަތަރު މީހުންގެ ތެރޭގައި ސޫރިޔާގެ ދެ ސިފައިން ހިމެނެއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީ، ސުލްޙަވެރި އެއްވުންތަކެއް ރޫޅައިލަން ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ބާރުގެ ބޭނުންކުރަން ފެށި ހިސާބުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް ބައި މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި، އެ ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް، އަމިއްލަ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ބަދަލުވާން މަޖުބޫރުވިއެވެ.

މައިގަނޑު ގޮތެއްގައި ހަނގުރާމައަށް ނިމުމެއް އައިސްފައިވީ ނަމަވެސް، އަދިވެސް ދޭތެރެދޭތެރެއިން ހަމަލާތައް ބަދަލު ކުރެއެވެ. 2022 ވަނަ އަހަރަކީ، ހަނގުރާމަ ފެށި ފަހުން އެންމެ މަދުން މީހުން މަރުވި އަހަރެވެ. ނަމަވެސް، އެ އަހަރުގެ ތެރޭގައި 3,825 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ޢާންމުންގެ 1,627 މީހުން ހިމެނެއެވެ. އަދި، 321 ކުޑަކުދިން ހިމެނެއެވެ.