ޚަބަރު

ތިމާވެށި ޙިމާޔަތްކުރުމުގެ މުހިއްމު ޢަމާޒެއް ޖަރުމަންވިލާތަށް ކާމިޔާބެއް ނުވި


ނިމިދިޔަ 2022 ވަނަ އަހަރު ޖަރުމަނުވިލާތުން ވަނީ ތިމާވެށި ހިމާޔަތްކުރުމަށް އެ ޤައުމުން ކަނޑައެޅި މުހިންމު އަމާޒުތަކެއް ހާސިލުކޮށްފައެވެ. މީގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުން ހިމެނެއެވެ. 2022 ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުން ވަނީ މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދައި، އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށްފައެވެ.

ނަމަވެސް، އެންމެ މުހިންމު އެއް ލަނޑުދަނޑި ކާމިޔާބުކުރެވޭ ގޮތް އަދިވެސް މި ވަނީ ނުވެފައެވެ. އެއީ، ވިހަ ގޭހެއް ކަމުގައިވާ ކާބަންޑައިއޮކްސައިޑް (ސީ.އޯ.2) ޖައްވުގެ ތެރެއަށް ބޭރުކުރާ މިންވަރު މަދުކުރުމެވެ. ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އުފެދުނު ހަކަތައިގެ ދަތިކަމުގައި އެ ޤައުމަށް ވަނީ ތެލާއި ބޯޓުދެލި އަންދާ މިންވަރު އިތުރުކުރަން ޖެހިފައެވެ.

ޖަރުމަނުވިލާތަކީ ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ އެންމެ ބޮޑު އިޤުތިޞާދެވެ. 2022 ވަނަ އަހަރު އެ ޤައުމުން ޖައްވަށް ވިހަ ގޭސްތައް ބޭރުކުރި މިންވަރު 761 މިލިޔަން ޓަނަށް އަރައެވެ. އެއީ، 2021 ވަނަ އަހަރާ އަޅައިބަލާއިރު އެންމެ ޓަނެއް މަދު އަދަދެކެވެ. ޖަރުމަނުން އަމާޒު ހިފާފައި ވަނީ 2022 ވަނަ އަހަރު ވިހަ ގޭސްތައް ބޭރުކުރާ މިންވަރު 756 މިލިޔަން ޓަނަށް ދަށްކުރާށެވެ.

"ޖައްވަށް ސީ.އޯ.2 ބޭރުކުރާ މިންވަރު މި ވަނީ އެއްވަރެއްގައި ހިފެހެއްޓިފައި. އެއީ ވަރަށް މަތީ މިންވަރެއްގައި. ނަމަވެސް، ގޭބީސީތަކާއި ވިޔަފާރިތަކުން ހަކަތަ ބޭނުންކޮށްފައިވާ މިންވަރު ވަނީ ދަށްކުރެވިފައި. މިއީ، ތިމާވެށި ހިމާތްކުރުމުގެ ނަޒަރުން ބަލާއިރު ފުންކޮށް ވިސްނަންޖެހޭ ކަމެއް،" ޖަރުމަނުގެ ތިންކް ޓޭންކެއް ކަމުގައިވާ އެގޯރާގެ ޑިރެކްޓަރ ސައިމަން މުލަރ ވިދާޅުވިއެވެ.

ޖަރުމަނުވިލާތުގެ ސަރުކާރުން އަމާޒު ހިފާފައި ވަނީ، 1990 ވަނަ އަހަރު ޖައްވަށް ވިހަ ގޭސްތައް ބޭރުކުރި މިންވަރަށް ވުރެ 2022 ވަނަ އަހަރު ބޭރުކުރި ގޭހުގެ އަދަދު 40 އިންސައްތައަށް ދަށްކުރުމަށެވެ. ނަމަވެސް، އެ އަދަދު މިހާރު ވަނީ 39 އިންސައްތައަށް ދަށްކުރެވިފައެވެ. މިއީ، ކާމިޔާބީއެއްގެ ގޮތުގައި ބެލެވެއެވެ.

އެ ޤައުމުގެ ގޭބީސީތަކާއި ވިޔަފާރިތަކުން ހަކަތަ ބޭނުންކޮށްފައިވާ މިންވަރު 2022 ވަނަ އަހަރު ވަނީ 4.7 އިންސައްތަ ދަށްވެފައެވެ. ނަމަވެސް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ތެލާއި ގޭސް ލިބުން ދަތިވުމުގެ ސަބަބުން ތެލާއި ބޯޓުދެލި އަންދާ މިންވަރު އިތުރުކުރަން އެ ޤައުމަށް މަޖުބޫރުވިއެވެ.

އެ ޤައުމުގައި އިޔާދަކުރަނިވި ހަކަތަ އުފައްދާފައިވާ މިންވަރު ވެސް ވަނީ 46 އިންސައްތައަށް ކުރިއަރާފައެވެ. މިއީ، މޫސުން ތަންދިނުމުގެ ސަބަބުން އަތްވާއި ވައިން ކަރަންޓު އުފެއްދުން އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމުގައި އެގޯރާއިން ބުނެއެވެ. އަދި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ އެންމެ މުހިންމު ލަނޑުދަނޑިތަކަށް އަސަރެއް ކޮށްފައި ނުވާ ކަމަށް ވެސް އެ ޖަމުޢިއްޔާއިން ގަބޫލުކުރެއެވެ.

ޖަރުމަނުން އަމާޒު ހިފާފައި ވަނީ 2030 ވަނަ އަހަރު ކުރިން ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ހުއްޓައިލާށެވެ. އަދި، 2045 ވަނަ އަހަރުގެ ކުރިން ކާބަން ނިއުޓްރަލް ޤައުމަކަށްވާށެވެ. އެ ޤައުމުގެ ޗާންސެލަރ އޯލާފް ޝޮލްޒް ވިދާޅުވީ، މިދިޔަ އަހަރު ބޯޓުދެލި އެންދުން އިތުރުކުރުމަކީ ވަގުތީ ހައްލެއް ކަމަށާއި، ދާއިމީ ގޮތެއްގައި އެ ކަން ކުރުމުގެ ވިސްނުމެއް ނެތް ކަމުގައެވެ.

ނަމަވެސް، މި އަމާޒުތައް ހާސިލުކުރުމަށް އެ ޤައުމުން އަވިން ކަރަންޓު އުފައްދާ މިންވަރު ދެގުނައަށް އިތުރުކޮށް، ވައި ބޭނުންކޮށްގެން ހަކަތަ އުފެއްދުން ތިންގުނައަށް އިތުރުކުރަން ޖެހޭނެ ކަމުގައި އެގޯރާއިން ދެކެއެވެ. 2022 ވަނަ އަހަރު އެ ޤައުމުން ޖައްވަށް ސީ.އޯ.2 ބޭރުކޮށްފައިވާ މިންވަރު ދައްކައިދޭ ތަފާސްހިސާބުތައް މާރިޗު މަހުގެ ތެރޭގައި ހާމަކުރާނެއެވެ.