ޚަބަރު

ފުވައްމުލަކުގެ މަގުހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ


ފުވައްމުލައް ސިޓީއަކީ ގުދުރަތީގޮތުން ޚާއްސަ އެތައް ސިފަތަކެއް ލިބިގެންވާ ރާއްޖޭގައި ގުނާލެވޭ ތަފާތު ރަށެކެވެ. މިތަފާތުތަކާއެކު ލިބިގެންވާ އެއް ސިފައަކީ ރާއްޖޭގެ އެހެން ރަށްރަށާއި ޚިލާފަށް ފުވައްމުލަކަކީ ރަށުގެ މެދަށް އަޑިކޮށް އޮންނަ ރަށަކަށްވުމެވެ. ނަތީޖާއެއްގެ ގޮތުން ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ފުވައްމުލަކުގެ ބައެއް މަގުތަކުގައި ހިނގާބިނގާވެ ނޫޅެވެއެވެ. މިކަމަށް ޙައްލެއް ގެނައުމަށް ފުވައްމުލަކުގައި އަންނަނީ މަގުހެދުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ.

ފުވައްމުލަކުގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ޒަމާނީ ފެންވަރަށް މަގު ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މިމަޝްރޫޢުގެ ދަށުން ރައްޔިތުން ޢާއްމުގޮތެއްގައި ބޭނުންކުރާ 31 މަގެއް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވީ ފުވައްމުލަކުގެ މަގު ހެދުމުގެ މަސައްކަތުގެ 77 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. މިމަޝްރޫއުގެ ދަށުން ފުވައްމުލަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. މިހާތަނަށް ތާރުއެޅުމުގެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.


ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މި މަޝްރޫޢުގެ ދަށުން، 122,659 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އާބާދީގައި 12000އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވުމުން އެރަށުގެ ރައްޔިތުން އުފުލަމުންދާ ބޮޑު ތަކުލީފަށް ނިމުން އަންނާނެއެވެ. އެގޮތުން ވާރޭ ވެހޭ ދުވަސްވަރު ފޫޓަކަށްވުރެ މައްޗަށް ފެން ބޮޑުވެ ހިނގާބިނގާވެ ނޫޅެވުމާއި މަގުތަކުގެ އަޑިގުޑަންކަން ބޮޑުވުމުގެ ސަބަބުން އެސިޓީގައި ބޭނުންކުރާ އެއްގަމު އުޅަނދުތައް ހަލާކުވުމުގެ ކަންބޮޑުވުމަށް މިއާއެކު ނިމުމެއް އަންނާނެއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމޭނެކަމަށް ސަރުކާރުން ލަފާކުރަނީ އަންނަ އޯގަސްޓް މަހުގެ ނިޔަލަށެވެ.