ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފާއިތުވެދިޔަ ދުވަސްތަކުގެ ތެރެއިން ރެއަކީ ޚާއްސަ ރެއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފެޑަމް ފަޒުނާ އަހުމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އެޕާޓީގެ ހަރުގޭގައި ޖަލްސާ ބޭއްވިއިރު، ހަރުގެ ކުރިމަތީގައި ވާދަވެރި އިދިކޮޅު ހަރަކާތަށް އޮތް ޖާގައަށް އިޝާރާތް ކުރައްވައި ކުރެއްވި ފޭސްބުކް ޕޯސްޓުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތި ލުމަށްޓަކައި އެމްޓީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވައި، ރެއަކީ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ތާއީދު ކުރައްވާ މެމްބަރުންނާއި ބައްދަލު ކުރެއްވި ފުރަތަމަ ރެއެވެ. ހެންވޭރުކޮޅު ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ޖަލްސާ ބޭއްވުމަށް ނިންމައި އެކަން އިއުލާން ކުރި ފަހުން އިދިކޮޅު ޕީޕީއެމުންވެސް އެމްޑީޕީ ހަރުގެ ހިމެނޭ އާޓްފިޝަލް ބީޗުގައި ޖަލްސާއެއް ބާއްވާނެކަން އިއުލާން ކުރިއެވެ.
ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ދެޕާޓީން އެއްސަރަހައްދެއްގައި މިފަހުން ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. އަދި މީގެ ކުރިން އެހާ ކައިރިކައިރީގައި ޖަލްސާތަކެއް ބާއްވާނަމަ ހަމަނުޖެހުމާއި ނުތަނަވަސްކަން އެސަރަހައްދަކުން ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް ރޭގައި ފެނިގެން ދިޔައީ މިއަހަރުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ފެނިގެންދާނެ ސިޔާސީ ވާދަވެރިކަމުގެ ފުރަތަމަ ބޮޅުކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ރައީސް ޞާލިހުގެ ޖަލްސާ ހަރުގޭގައި ފޯރީގައި ކުރިއަށްދިޔައިރު އިދިކޮޅު ޕީޕީއެމްގެ ޖަލްސާއެއްވެސް އެހާ ފޯރީގައި އާޓިފިޝަލް ބީޗުގައި ހިނގަމުންދިޔައެވެ. ޕީޕީއެމް ޖަލްސާގައި ބަހުގެ ހަމަލާތައް ރައީސް ޞާލިހާއި ސަރުކާރަށް އަމާޒު ކުރިއިރު، އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ޚިޔާލުފާޅުކޮށްގެން ވާދަވެރިން ބަންދު ނުކޮށް، ހައްޔަރު ނުކޮށް ވެރިކަން ކުރެވޭނެކަން ކަށަވަރު ކޮށްދެވިފައިވާކަމަށެވެ.
ރޭޭ ހެންވޭރުކޮޅުން ފެނިގެންދިޔަ ސިޔާސީ ވާދަވެރިކަމުގެ ޖަލްސާތަކާއި ގުޅިގެން އެސަރަހައްދަށް ވަޑައިގެން ކުރެވުނު ތަޖުރިބާ އެންމެ ބޮޑަށް ސިފަކޮށްދެއްވި އެއްބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އެކަމަނާއި ވިދާޅުވެފައިވަނީ ރޭ ފެނިގެންދިޔައީ ވާދަވެރިންނަށް އިހްތިރާމްކޮށް ފުރުސަތުދީގެން އަމާންކަމާއިއެކު ސިޔާސީ ސުލްހަވެރި މަސައްކަތްތަކެއް ކުރެވިގެންދިޔަ ތަންކަމަށެވެ.
ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކޮންމެ ރައްޔިތަކަށްވެސް އޮތްކަން ރޭގެ ޖަލްސާތަކުން ހާމަވެފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ. މީހުން ހައްޔަރުކޮށް ހަމަޖެހުން ނަގާލަން ޖާގައެއް ނުދެއްވައި ރޭ ފެނިގެން ގޮސްފައިވަނީ ރައީސް ޞާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަމުގެ ނަމޫނާކަމަށް ފަޒުނާ ވިދާޅުވިއެވެ.
"4 ޖެނުއަރީ 2023، ތާރީޚީ ރެއެއް. ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އާއި އޮޕޮޒިޝަންމައި ޕާޓީ ޕީޕީއެމްގެ ޖަލްސާއެއް އެއްތަނެއްގައި ބޭއްވި ރެއެއް. ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮތް މިންވަރު ފެނިގެންދިޔަ ރެއެއް. ހަމަނުޖެހުމެއް ނުހިނގާ. ބާރުގެ ބޭނުންކޮށް އިނދިކޮޅު ޖަލްސާއަށް ހުރަސް ނާޅާ. ނުހުއްޓުވާ. މީހަކު ހައްޔަރެއް ނުކުރޭ. ކެތްތެރިކަމުގެ ލާމަސީލު މިސާލެއް." މެޑަމް ފަޒުނާ ކުރެއްވި ފޭސްބުކް ޕޯސްޓުގައި ވިދާޅުވިއެވެ.
ރޭ އެމްޑީޕީގެ މައި ޖަގަހައިގައި ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނު ނިކުމެ ހުންނެވީ ރާއްޖޭގައި ސުލްހައާއި ހަމަޖެހުން ގާއިމް ކޮށްދެއްވުމަށް ކަމަށާއި، 2013 ވަނަ އަހަރުން ފެށިގެން 2018ވަނަ އަހަރާއި ހަމައަށް ރާއްޖެއާއި މާލޭގެ ހާލަތު އޮތީ އުދަގުލާއި ބިރުވެރިކަމާއި ނާމާން ކަމުގައި ކަމަށެވެ.
އެހެން ނަމަވެސް، 2018 ވަނަ އަހަރު އެމަނިކްފާނު ވެރިކަމަށް ވަޑައިގެންނެވުމަށް އެހާލަތު ބަދަލު ކޮށްފައިވާނެކަމަށާއި، މިއަދު ޖެހިގެން ކުރިމަތީގައިވެސް ބޭނުން އެއްޗެއް ބޭނުން ވާހަކައެއް ދެއްކުމުގެ ޖާގަ އޮތްކަން ރޭ ކުރިއަށްދިޔަ ޕީޕީއެމް ޖަލްސާއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވިއެވެ.