ޚަބަރު

އިޤުތިޞާދީ ވަޅުގަނޑެއްގައި އޮތް ލަންކާއިން އިންތިޚާބަށް ތައްޔާރުވަނީ


އިޤުތިޞާދީ ކާރިސާއަކުން އަރައިގަންނަން މަސައްކަތް ކުރަމުންދާ ސްރީލަންކާއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވާން ފަށައިފިއެވެ. މިއީ، އެ ޤައުމުގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ޤައުމު ދޫކުރައްވާ ވަޑައިގެންނެވި ފަހުން އެ ޤައުމުގައި އިންތިޚާބެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ސްރީލަންކާގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ ފެބުރުވަރީ މަހުގެ ފަހުކޮޅު ބާއްވާނެ ކަމަށް އެ ޤައުމުން ވަނީ އިޢުލާނުކޮށްފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު މި އިންތިޚާބު ބޭއްވުން އޮތީ ފަސްކޮށްފައެވެ. މި ވޯޓުން އައު ރައީސް ރަނިލް ވިކްރަމަސިންހަގެ ސަރުކާރަށް ތާޢީދު އޮތް މިންވަރު ހާމަވެގެންދާނެއެވެ.

ނަމަވެސް، ޤާނޫނު ހަދާ މަޖިލީހުގައި ވިކްރަމަސިންހަގެ ޕާޓީ ތަމްސީލު ކުރައްވަމުން ގެންދަވަނީ އޭނާ ގިނިކަންޏާ ކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި، އިންތިޚާބުގައި އޭނާއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

ސްރީލަންކާގެ އިޤުތިޞާދީ ހާލަތު ދަށްވެ، ކާބޯތަކެއްޗާއި ތެޔޮ ހުސްވެ، ކަރަންޓުގެ ޚިދުމަތަށް ބުރޫ އަރަން ފެށުމާއެކު 2021 ވަނަ އަހަރުގެ ފަހުކޮޅު އެ ޤައުމުގެ ރައްޔިތުން ވަނީ އޭރުގެ ސަރުކާރާ ދެކޮޅަށް ތެދުވެފައެވެ. ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފެށިއެވެ. އަދި، 2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ސްރީލަންކާއިން ވަނީ ދަރަނި ދެއްކޭނެ ގޮތް ހުސްވެ، ބަނގުރޫޓުވެފައިވާ ކަން އިޢުލާނުކޮށްފައެވެ.

73 އަހަރުގެ ވިކްރަމަސިންހައަކީ މީގެ ކުރިން ހަ ދައުރެއްގައި ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި، މިދިޔަ އަހަރު ޤާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓަކުން ރާޖަޕަކްސަގެ ބަދަލުގައި ރައީސް ކަމުގެ މަޤާމާ އޭނާ ހަވާލުވެ ވަޑައިގެންނެވީ ރާޖަޕަކްސަގެ އެސް.އެލް.ޕީ.ޕީ. ޕާޓީގެ އެހީތެރިކަމާ އެކުގައެވެ. ނަމަވެސް، އޭނާގެ ސަރުކާރުގެ ޚާއްޞަ މެނިފެސްޓޯއެއް ނެތެވެ.

ޤައުމުގެ އިޤުތިޞާދީ ހާލަތު ހަމައަކަށް އެޅުވުމަށް އޭނާ ވަނީ ޓެކުސްތައް ބޮޑުކޮށްފައެވެ. އެއާއެކު އެ ޤައުމުގެ އިންފްލޭޝަން ރޭޓު 70 އިންސައްތައަށް އުފުލިގެން ދިޔައެވެ. އަދި، ސަރުކާރާ ދެކޮޅު މުޒާހަރާތައް ހުއްޓުވަން އޭނާ ގެންދަވަނީ ބާރުގެ ބޭނުން ކުރައްވަމުންނެވެ. ޤައުމުގެ އިޤުތިޞާދީ ހާލަތަށް ބަލައި، އެއްވެސް އިންތިޚާބެއް ބޭއްވެން ނެތް ކަމުގައި އޭނާ ގެންދެވީ ވިދާޅުވަމުންނެވެ.

އިންތިޚާބު ބޭއްވުމަށް 27.6 މިލިޔަން ޑޮލަރު ހޭދަވާނެ ނަމަވެސް، އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ވަނީ ވޯޓުލުން ކުރިއަށްގެންދަން ނިންމާފައެވެ. 2018 ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބުގައި ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއަށް ކާމިޔާބު ކުރެވުނީ 340 ގޮނޑީގެ މަޖިލީހުގެ އެންމެ 10 އިންސައްތައެވެ. އެސް.އެލް.ޕީ.ޕީ.އިން ވަނީ 231 ގޮނޑި ކާމިޔާބުކޮށްފައެވެ.

އެ ޤައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލްތަކުގައި ހިމެނޭ 8,000 އަށްވުރެ ގިނަ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުޞަތު ޖަނަވަރީ މަހުގެ 18 އިން 21 އަށް ހުޅުވައިލާނެ ކަމުގައެވެ. އަދި، އޭގެ 28 ދުވަސް ފަހުން ވޯޓުލުން ކުރިއަށް ގެންދާނެ ކަމުގައި ވެސް އެ އިދާރާއިން ވަނީ އިޢުލާނުކޮށްފައެވެ.

ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވައިލުމުގެ ބާރު ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު ވިކްރަމަސިންހައަށް ލިބިވަޑައިގަންނަވާނެއެވެ. އެ ޤައުމުގެ ޤާނޫނު އަސާސީ ބުނާ ގޮތުން މި ބާރު ރައީސަށް ލިބިވަޑައިގަންނަވާނީ މަޖިލީހުގެ ދައުރުގެ ދެބައިކުޅަ އެއްބައި ފާއިތުވުމުންނެވެ. ނަމަވެސް، މަޖިލިސް އުވައިލައްވަން ބޭނުންފުޅުވާ ކަމުގެ އެއްވެސް އިޝާރާތެއް ވިކްރަމަސިންހަ އަދި ދެއްވާފައެއް ނެތެވެ.

ސްރީލަންކާގައި އެންމެ އަވަހަށް ރިޔާސީ އިންތިޚާބެއް ބޭއްވޭނީ 2024 ވަނަ އަހަރުގެ ފަހުކޮޅެވެ.