ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނަޝީދަށް: ފާޑުކިޔަސް އޮޅުވާނުލައްވާ


ސިޔާސީ ގޮތުން ފާޑުކިޔުމަކީ ބަލައިގަނެވޭ ކަމެއް ކަމަށް ވިދާޅުވެ ފާޑުކިޔަސް ރައްޔިތުންނަށް ހަގީގަށް އޮޅުވާނުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ރައީސް ޞާލިހު ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިވާހަކަ ރައްދު ކުރެއްވީ ދާދި ފަހުން މި އިންތިޚާބުގައި ވާދަކުރައްވާ އެމަނިކުފާނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ދެއްކެވި ވާހަކަތަކަށެވެ.

ރައީސް ނަޝީދުވަނީ ރައީސް ޞާލިހަކީ ރިއެކްޓު ނުކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކާއި މެނިފެސްޓޯގައި ހިމެނި ވައުދުތައް ތަންފީޒު ނުކުރެވޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ މިފާޑުކިޔުންތަކަށް ރައްދުދެއްވައި ރައީސް ޞާލިހް ވިދާޅުވީ ކަންކަމަށް ރިއެކްޓުނުކުރައްވަނީ އެތެރޭގެ އިންތިޚާބެއްގައި އެމަނިކުފާނާ އިދިކޮޅު ބޭފުޅަކު ނުހުންނާނެތީ ކަމަށެވެ. އަދި މި އިންތިޚާބުގައި އެއީ ވާދަވެރިންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ރިއެކްޓު ނުކުރެއްވި ނަމަވެސް، ރެސްޕޮންޑުކޮށް އެކަންކަމުގެ ހަގީގަތް ހާމަކޮށްދޭން ޖެހިފައިވާ ކަމަށެވެ.

ރައީސް ޞާލިހް ވިދާޅުވީ އޮޅުވާލައިގެން ސިޔާސީ މަންފާ ހޯދުމަށްޓަކައި، ހަގީގަތާ ޚިލާފު ވާހަކަ ދެއްކުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރުކުރަނީ ރައްޔިތުންނަށް ކަމަށެވެ.

" އެހެން ނުހެއްދެވުމަށް އަޅުގަނޑުގެ ވާދަވެރި ކެނޑިޑޭޓަށް އިލްތިމާސްކުރަން. ފާޑުކިޔަންވީ އޮޅުވާނުލާ. ހަގީގަތް ހާމަކުރަންވީ އެއްވެސް މައްސަލައެއް ނެތް އެޔަކު." ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ހެޔޮބަދަލެއް ގެނެސް ބޭރަށް މަސް އެކސްޕޯޓުކުރުމުގައި ލުއި ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުވުމާ ހަމައަށް އައުމުން އެކަމުގެ ކްރެޑިޓްވެސް ރައީސް ނަޝީދު ނަންގަވަން އުޅުއްވާކަން ރައީސް ޞާލިހް ފާހަގަކުރެއްވިއެވެ. ރައީސް ޞާލިހު ވަނީ ސަކަ މިޒާޖަކަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވީ ކޮން ކަމެއްތޯ ސުވާލުވެސް ކުރައްވާފައެވެ.

މީގެ އިތުރަށް ދާދި ފަހުން ރައީސް ނަޝީދު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ސަރުކާރުގެ ދަރަންޏާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވާ ރައީސް ޞާލިހް ވިދާޅުވީ އެހިސާބު ރަނގަޅު ނޫން ކަމަށާއި، އަހަރުގެ ކޮންމެ މަހަކަށް ދައްކަންޖެހޭ އަދަދު 30 މިލިއަން ޑޮލަރަށް ވެސް ނާރާ ކަމަށެވެ.

ފުވައްމުލަކުގެ ތަރައްގީއަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުގެ ރައްދުގައި ރައީސް ޞާލިހް ވަނީ ފުވައްމުލަކުގައި މިހާރު ވެސް ކުރިއަށްދާ މަޝްރޫތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

"ފުވައްމުލަކުގައި ހުރެ ތަރައްގީއެއް ނުހިނގައޭ. ފުވައްމުލަކަކަށް މަޝްރޫއެއް ނުގެނޭ ބުނީމަ އެއީ ދެން ބޮޑު ޖޯކެއް. ފުވައްމުލަކުގައި އެބަ ހިންގަމޭ 686 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު. މިހާތަނަށް ޚަރަދުކޮށް ނިންމައިފިން 436 މިލިއަން ރުފިޔާ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރު ފެށުމާއެކު ކޮންމެ ދުވަހަކު ސަރުކާރަށް ދަތިކޮށް އުނދަގޫކޮށް ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމަށް ޕާޓީގެ ތެރެއިން ވެސް ބަޔަކު މަސައްކަތްކުރި ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެކަން ހުއްޓާލައްވާ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އެމަނިކުފާނާއެކު ނިކުންނެވުމަށް ގޮވާލައްވާފައެވެ.