ޚަބަރު

ސޮމާލިޔާގައި ކާރުބޮންތަކެއް ގޮއްވާލައި 19 މީހުން މަރާލައިފި


ސޮމާލިޔާގެ މެދުތެރޭގައިވާ ހިރާން ސަރަޙައްދުގައި ކާރުބޮމުގެ ހަމަލާތަކެއް ދީ، 19 މީހުން މަރައިލައިފިއެވެ. މި ހަމަލާތަކުގެ ފަހަތުގައި ވަނީ، ސޮމާލިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ އަލްޝަބާބެވެ. އެ ޖަމާޢަތަކީ އަލްޤައިދާއާ ގުޅުން އޮންނަ ޖަމާޢަތެކެވެ.

މި ހަމަލާގައި ދެ ކާރުބޮން ގޮއްވައިލާފައިވާ ކަމުގައި ސޮމާލިޔާގެ އޮފިޝަލުން ބުނެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސިފައިންނާއި ހަނގުރާމަވެރިންގެ އިތުރުން ޢާންމު ރައްޔިތުން ވެސް ހިމެނެއެވެ. އަދި، އެ ސަރަޙައްދުގައި ހުރި ގިނަ އަދަދެއްގެ ގެދޮރު ސުންނާފަތިވެފައިވާ ކަމުގައި މަންޒަރު ފެނުނު މީހުން ބުނެއެވެ. އަދި، މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ.

ސޮމާލިޔާގެ އަސްކަރިއްޔާއާއި ގުޅިފައިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން ގުޅިގެން އަލްޝަބާބުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހުސްވި އަހަރުގެ ތެރޭގައި ވަނީ ކެމްޕޭނެއް ފަށާފައެވެ. އަދި، މި ކެމްޕޭނުގެ ދަށުން ސިފައިން ވަނީ، އަލްޝަބާބް ހަނގުރާމަވެރިން އަތްދަށުގައި އޮތް ސަރަޙައްދުތަކަށް ހަމަލާދެމުންނެވެ. މި ކަމުގެ ރައްދުގައި އެ ޖަމާޢަތުގެ ހަނގުރާމަވެރިން ވެސް ދަނީ ޓެރެރިޒަމްގެ އަމަލުތައް ހިންގަމުންނެވެ.

ހިރާން ސަރަޙައްދުގައި ހުންނަ ރަށެއް ކަމުގައިވާ މަހާސްގެ ކޮމިޝަނަރު މުޢުމިން މުޙައްމަދު ހަލާން ވިދާޅުވީ، އެއް ކާރުބޮން ގޮއްވައިލާފައި ވަނީ އޭނާގެ ގޭގެ ކުރިމަތީގައި ކަމުގައެވެ. އަދި، މިއީ އޭނާ އަވަހާރަކޮށްލަން ދީފައިވާ ހަމަލާއެއް ކަމުގައި އޭނާ ބުންޏެވެ. ދެވަނަ ކާރުބޮން ގޮއްވައިލާފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޭގެ ކުރިމަތީގައެވެ.

އަލްޝަބާބް ޖަމާޢަތުން ވަނީ މި ހަމަލާތަކުގެ ޒިންމާ އުފުލާ ކަމުގައި ބުނެފައެވެ. އަދި، މި ހަމަލާތަކުގައި 87 މީހުން މަރުވި ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ. ނަމަވެސް، މި ފަދަ ހަމަލާތަކުގައި މަރުވާ މީހުންގެ ނުރަނގަޅު އަދަދުތައް އެ ޖަމާޢަތުން މީގެ ކުރިން ވެސް ދީފައިވެއެވެ.

ސޮމާލިޔާގެ ސަރުކާރާ ދެކޮޅަށް އަލްޝަބާބް ޖަމާޢަތުން ހަނގުރާމަ ފަށާފައި ވަނީ 2007 ވަނަ އަހަރުއެވެ. އަދި، ހިރާންއަކީ، އެ ޖަމާޢަތުގެ ހަނގުރާމަވެރިން އަތްގަދަ ކޮށްފައިވާ އެއް ސަރަޙައްދެވެ. ނަމަވެސް، ހުސްވި 2022 ވަނަ އަހަރުގެ ތެރޭގައި ސޮމާލިޔާގެ ސަރުކާރު ސިފައިން ވަނީ އެ ސަރަޙައްދުން އަލްޝަބާބްގެ ހަނގުރާމަވެރިން ފައްސައިލާފައެވެ.

ރައީސް ޚަސަން ޝައިޚް މަޙްމޫދުގެ ސަރުކާރުން އަލްޝަބާބާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ކެމްޕޭނުގައި އެމެރިކާގެ އަސްކަރިއްޔާގެ އިތުރުން އެފްރިކާގެ އިއްތިހާދުގެ ސިފައިން ދަނީ ބައިވެރިވަމުންނެވެ. އަދި، އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ކެމްޕޭންގެ ދަށުން އަލްޝަބާބްގެ އެތަކެއް ސަތޭކަ ހަނގުރާމަވެރިންނެއް މަރައިލާފައިވާނެ ކަމުގައި މަޙްމޫދުގެ ސަރުކާރުން ބުނެއެވެ.

ނަމަވެސް، އަލްޝަބާބްގެ ހަނގުރާމަވެރިން ދޭތެރެދޭތެރެއިން ދަނީ ވަރުގަދަ ޓެރެރިސްޓް ހަމަލާތަކެއް ދެމުންނެވެ. މީގެ ތެރޭގައި ވެރިރަށް މޮގަދިޝޫގައި ހުންނަ ސަރުކާރު އޮފީސްތަކާއި ހޮޓާތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތައް ފާހަގަކޮށްލެވެއެވެ. އަދި، ސޮމާލިޔާގެ ދާޚިލީ ހަނގުރާމައާއި އެ ޤައުމަށް ކުރިމަތިވެފައިވާ ހަނަފަސްކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އެތަކެއް ހާސް ބަޔަކަށް އިންސާނީ އެހީ ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލްޝަބާބްގެ ހަނގުރާމަވެރިން ދަނީ ހުރަސް އަޅަމުންނެވެ.